ހަބަރު

ގާސިމުގެ ފަރުވާގެ އަމުރު އިސްތިއުނާފު ކުރީ ދެރަ ދޭން: އާއިލާ

Aug 30, 2017
10

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބުރާހީމަށް ފަރުވާ ކުރުމަށް ރާއްޖެން ބޭރަށް ފޮނުވަން ކްރިމިނަލް ކޯޓުން ދައުލަތުގެ މުއައްސަސާތަކަށް ކޮށްފައިވާ އަމުރު ސަރުކާރުން އިސްތިއުނާފުކުރީ އޭނާއަށް ދެރައެއްދޭން ކަަމަށް އާއިލާއިން ބުނެފި އެވެ.

ގާސިމްގެ އާއިލާގެ ފަރާތުން މިހާރު ވާހަކަ ދައްކަވާ އަހުމަދު ސަމީރު މީގެ ކުޑަ އިރުކޮޅެއް ކުރިން ބޭއްވެވި ނޫސްކޮންފަރެންސެއްގައި އޭނާ ވިދާޅުވީ މީހެއްގެ ފުރާނައާ ގުޅޭ ކަމެއްގައި އެގޮތަށް އަމުލުކުރެވިގެން ނުވާނެ ކަަމަށެވެ.

"މިއީ ދެރައެއް ދޭން ކުރެވޭ ކަމެއް. މިގޮތަކަށް ސަރުކާރަކުން ގާސިމާ ދޭތެރޭ ވެސް އަދި އެހެން ރައްޔިތަކާ ދޭތެރޭ ވެސް އަމަލުކުރެވިގެން ނުވާނެ. މީހެއްގެ ފުރާނައާ ގުޅޭ ކަމެއްގައި މިގޮތަށް އަމަލުކުރެވިގެން ނުވާނެ." އޭނާ ވިދާޅުވިއެވެ.

ސަމީރު ވިދާޅުވީ އަމުރު އިސްތިއުނާފު ކުރުމަކީ ގާސިމް ރާއްޖޭން ބޭރަށް ފޮނުވުން ލަސްކުރަން ޖެހޭ ސަަބަބެއް ނޫން ކަމަށެވެ. އަދި ކްރިމިނަލް ކޯޓުގެ އަމުރު އެގޮތަށް އޮތުމުން އޭނާ ފޮނުވަން ޖެހޭނެ ކަމަށާއި އެހެން ނަމަވެސް އެކަން ލަސްވަމުން ދަނީ ހޯމް މިނިސްޓްރީއާއި ކަރެކްޝަނަލް ސާވިސްގެ އިހުމާލުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ކޯޓު އަމުރަށް އަމަލުކޮށް ގާސިމް ފަރުވާއަށް ފޮނުވައި ދިނުމަށް ސަމީރު މިއަދު ވެސް ސަރުކާރަށް ގޮވައިލެއްވިއެވެ.

ރިޝްވަތު ހުށަހެޅުމުގެ ކުށް ސާބިތުވާ ކަމަށް ބުނެ ގާސިމް ތިން އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ މިދިޔަ ބުރާސްފަތިދުވަހުގެ ރޭގެ ވަގުތެއްގައެވެ. އޭނާއަށް ހުކުމް ކުރީ ހޮސްޕިޓަލުގައި އޮންނަވަނިކޮށް ޣައިރު ހާޒިރުގައެވެ. ގާސިމް އައިޖީއެމްއެޗްގައި އެޑްމިޓް ކުރީ އެދުވަހު ދުވާލު އޮތް ޝަރީއަތުގެ މަޖިލީހެއްގައި ހުންވަނިކޮށް އަނބުރައިގަނެގެން ވެއްޓިވަޑައިިގަތުމުންނެވެ. ގާސިމަށް ރާއްޖޭން ބޭރުން ފަރުވާ ދޭން ޖެހޭ ކަމަށް އައިޖީއެމްއެޗާއި އޭޑީގެ ޑޮކްޓަރުން ވެސް ވަނީ ބުނެފައެވެ.