ހަބަރު

ހުރިހާ ހައްޖުވެރިން ތިބީ އަރަފާތު ބިމުގައި: މިނިސްޓަރު

ދިވެހި ހުރިހާ ހައްޖުވެރިންނަށް އަރަފާތު ބިމަށް ޖަމާވެވިފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު އަހުމަދު ޒިޔާދު ވިދާޅުވެއްޖެ އެވެ. މިނިސްޓަރު މިހެން ވިދާޅުވެފައިވަނީ އަދިވެސް ބައެއް ދިވެހި ހައްޖުވެރިންނަށް އަރަފާތު ބިމަށް ނުދެވޭ ކަމަށް އަޑުތައް ފެތުރޭތީ އެވެ.

ހައްޖު މިޝަންއާ ހަވާލާ ދެއްވައި ޕީއެސްއެމްއަށް މިނިސްޓަރު ވިދާޅުވެފައިވަނީ މިހާރު ދިވެހި ހުރިހާ ހައްޖުވެރިން ވެސް ތިބީ އަރަފާތު ބިމުގައި ކަމަށެވެ.

ހައްޖު ކޯޕަރޭޝަންގެ އެމްޑީ ޔާމީން އިދްރީސް ވެސް ވަނީ ހުރިހާ ހައްޖުވެރިންނަށް އަރަފާތު ބިމަށް ދެވިފައިވާ ކަމަށް ވިދާޅުވެފަ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ބައެއް ދިވެހި ހައްޖުވެރިންނަށް އަރަފާތު ބިމަށް ދިޔުމުގައި ލަސްވީ، އެމީހުން ބަލައި ބަސްތައް އައުން ލަސްވުމުންނެވެ.

ހައްޖުވެރިން މިހާރު އަރަފާތުގައި ތިބިއިރު އެތަނުގެ ހޫނުމިން ހުރީ 41 ޑިގްރީގަ އެވެ. ހޫނުގަދަވުމުގެ ސަބަބުން ބައެއް މީހުން އަނބުރައިގަތް ނަމަވެސް ސީރިއަސް ބަލި ހާލަތެއްގައި އެއްވެސް ދިވެހި ހައްޖުވެރިޔަކު ނެތް ކަމަށް މައުލޫމާތު ލިބެ އެވެ. މިއަދު އިރުއޮއްސުމާއެކު ހައްޖުވެރިން މުޒްދަލިފާ ދިއުމަށް ދަތުރު ފަށާނެ އެވެ.