ހަބަރު

ފެންކުޅި ނުހުއްޓުނު ގާދިއްފުށީގައި މިހާރު ފެނެއް ނުޖަހާ

ފެންކުޅި އަކީ ކޮންމެ އީދެއްގައިވެސް ކޮންމެހެންވެސް އޮންނަން ޖެހޭނެ ކުޅިވަރެކެވެ. އީދު ފާހަގަކުރަން މާގިނަ ހަރަކާތްތަކެއް ކުރިއަށް ނުގެންދާ ރަށުގައިވެސް އީދުގައި ކުލަ ޖެހުމަކީ ކުރާ ކަމެކެވެ. ހާއްސަކޮށް ޒުވާނުންގެ މެދުގައި އެއީ މަގުބޫލު ކަމެކެވެ.

އިހުޒަމާނުއްސުރެ ރާއްޖޭގައި ހުރިހާ ރަށެއްގައި ކުޅޭ އެކުޅިވަރު އެންމެ ފޯރިގަދަވެ އަދި ފެން ޖެހުން އެރަށުގައި "ވިހަވި" ކަމަށް ގިނަ މީހުން ބުނާ އެއް ރަށަކީ ތ. ގާދިއްފުއްޓެވެ. އެ ހާދިސާ އާ ގުޅިގެން މިސާލު ބަހެއްވެސް ހަދާފައި އޮވެ އެވެ.

އެއީ މީގެ އެތައް އަހަރެއް ކުރީން ހިނގި ކަމެއް ކަމަށް އެރަށު މީހުން ބުނެ އެވެ. އެމީހުން ފެން ޖަހައި ފެންކުޅި ކުޅެން ނުކުތީ އީދު ދުވަހަކު ނޫނެވެ. އޭރު ފެންޖަހައި އުޅޭ ދުވަސް ކަމަށްވާ ހިތަ ނަކަތުގެ 10 ވަނަ ދުވަހު އެވެ. ފެންކުޅި ކުޅޭ ދުވަހަކީ އެއީ އެވެ. އެފަހަރު ހެނދުނު ފެން ޖަހަން ފެށި ގޮތަށް ނުހުއްޓި އެރަށުގައި ފެންޖެހީ އެވެ. ހަފްތާއެއް ދެ ހަފްތާއެއް ނޫނެވެ. މަސްތަކަކަށް އެކުޅިވަރު މެދުކެނޑުމެއްނެތި ކުރިއަށް ދިޔަ އެވެ. ރަށުގެ އިސްވެރިން ނުކުމެ އެކަންތައް ހުއްޓުވަން އެތައް މަސައްކަތެއް ކުރި އެވެ. އެތައް ދުވަހެއް ވަންދެން ކުރި މަސައްކަތް ކާމިޔާބު ނުވެގެން ފެން ކުޅި ހުއްޓުވީ ސަރުކާރުގެ ފަރާތުން މާލެއިން އެރަށަށް އައި ބަޔަކު އެވެ. އޭގެ ފަހުން އެތައް އަހަރެއް ވަންދެން ފެން ކުޅި ކުޅުން އޮތީ ގާދިއްފުށި ފާޑަކަށް ބިރުގަނެފައި ކަމަށް އެރަށު މީހުން ބުނެ އެވެ.

އެހެން ނަމަވެސް އޭގެ ފަހުންވެސް ފެންކުޅި ކުޅެމުން އައިސް ގާތްގަނޑަކަށް 2005 ހިސާބުން ފެންކުޅި އެކަށް ހުއްޓުނީ އެވެ. ރަސްމީކޮށް ކުޅިވަރެއް ގޮތަށް ފެންކުޅި ކުޅެން މިހާރު އެ ރަށު ޒުވާނުން ބޭނުމެއް ނޫނެވެ. އެފަދަ ވިހައެއް ވެދާނެތީ ބިރުގަތީ އެވެ. އެހެން ނަމަވެސް މަދުމަދުން އަމިއްލަ އަމިއްލައަށް ޒުވާން ކުދިން ފެން ޖަހާ ކަމަށްވެ އެވެ.

ޒަމާންވީ އެ ކުޅިވަރަށް މިހާރު ނިކަން ގިނަ ބަދަލުތަކެއްވެސް އަތުވެއްޖެ އެވެ. އޭރު ފެންޖަހައި އުޅެނީ އަންހެނުން ފިރިހެނުންގެ ގަޔަށެވެ. ފިރިހެނުން އަންހެނުންގެ ގަޔަށެވެ. އެއް ގެއެއްގެ މީހުން އެގޭގެ މީހުންގެ ގަޔަށް ފެންޖަހައި ތެންމާނުލި ނަމަވެސް މިހާރު ފެން ޖަހާއިރު އެޔެއް މިއެއް ނުބަލަ އެވެ. ފެންނަ ކޮންމެ މީހެއްގެ ގަޔަށް ފެން ޖަހަ އެވެ. ފެން ޖަހަން ދަޅު ދަޅާއި، ބާލިދީ އަދި ތެލި ތަށީގެ ބަދަލުގައި މިހާރު ފެން ޖަހަނީ ފެން ބަޑި އާއި ޖޫސްޕެޓީ ކޮތަޅުގަ އެވެ. އަދި ފެނުގެ ތެރެއަށް ކުލަ އަޅައިގެން ފެން ޖެހުމަކީވެސް މިހާރު އާދައަކަށް ވެފައި އޮތް ކަމެކެވެ. އިހެކޭ އެއްގޮތަށް އަންހެން ކުދިން ގެންގޮސް ފެންވަޅުތަކަށް ބޭލުމަކީ މިހާރުވެސް ރަށްރަށުގައި ކުރަމުން އަންނަ ކަމެކެވެ.

ފެން ނުޖެހި ނަމަވެސް ކޯޑި ކެނޑުމާއި ބޮޑުބަސް ބޭނުމާއި މާފަތި ނެށުމާއި، ދަނޑިޖެހުން ފަދަ އެހެން ސަގާފީ ކުޅިވަރުތައް މިހާރުވެސް އެރަށުގައި އަންނަނީ ކުޅެމުންނެވެ. އެކަންތައްތަކަށް މާބޮޑު ބަދަލެއް ނާދެ އެވެ. އެހެން ނަމަވެސް ކޯޑިކެނޑުން އޮންނަނީ އަންހެނުންނާއި ފިރިހެނުން ވަކިންނެެވެ.