މީރާ

8.7 ބިލިއަން ނުލިބި، އެންމެ ގިނައީ ޓޫރިޒަމް ދާއިރާގެ އާމްދަނީ

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ ނިޔަލަށް 8.7 ބިލިއަން ރުފިޔާ ނުލިބި އެބަހުރި ކަމަށް އެ އޮތޯރިޓީން ހާމަކޮށްފި އެވެ.

މީރާއިން އާންމުކޮށްފައިވާ މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ ރިޕޯޓް ދައްކާ ގޮތުން މިއީ މިއަހަރުގެ މާޗް 31 ވަނަ ދުވަހުގެ ނިޔަލަށް ނުލިބިހުރި ފައިސާ އެވެ.

އެ ގޮތުން ޓެކްސް އާމްދަނީގެ ގޮތުގައި 5.2 ބިލިއަން ރުފިޔާ އަދި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 3.5 ބިލިއަން ރުފިޔާ ނުލިބި އެބަހުރި ކަމަށް މީރާއިން ހާމަކުރެ އެވެ.

މީރާއަށް ނުލިބިހުރި ފައިސާގެ ތެރޭގައި ޖެނެރަލް ޖީއެސްޓީގެ ގޮތުގައި 2.3 ބިލިއަން ރުފިޔާ އަދި ޓޫރިޒަމް ދާއިރާގެ ޖީއެސްޓީގެ ގޮތުގައި 1.1 ބިލިއަން ރުފިޔާ ހިމެނެ އެވެ.

އިންކަމް ޓެކްސްގެ ގޮތުގައި 911.8 މިލިއަން ރުފިޔާ ނުލިބި ހުރިއިރު އެހެނިހެން ދާއިރާތަކުގެ ޓެކްސް އިން 868.4 މިލިއަން ރުފިޔާ ނުލިބި އެބަހުއްޓެވެ.

މީގެ އިތުރުން ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ހިމެނޭ ޓޫރިޒަމް ބިމު ކުލިން 3.3 ބިލިއަން ރުފިޔާ ނުލިބޭ ކަމަށާއި ޓެކްސް ނޫން ދާއިރާތަކުގެ އެހެނިހެން އާމްދަނީ އިން 179.1 މިލިއަން ރުފިޔާ ނުލިބޭ ކަމަށް މީރާއިން ހާމަކުރެ އެވެ.