މީރާ

ދައުލަތަށް ނުލިބި ހުރި 797 މިލިއަން ރުފިޔާ ހޯދައިފި

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް އެކި ފަރާތްތަކުން ނުދައްކާ ހުރި 797.8 މިލިއަން ރުފިޔާ މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ހޯދައިފި އެވެ.

މީރާގެ މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ޑަނިންގް ނުވަތަ އެކި ގޮތްގޮތުން މުއާމަލާތްކޮށްގެން މި ކުއާޓަރުގައި 488.8 މިލިއަން ރުފިޔާ ވަނީ ހޯދާފަ އެވެ.

ޑިއުސް ކްލިއަރެންސް ކޮށްގެން 227.9 މިލިއަން ރުފިޔާ ހޯދާފައިވާއިރު އެކައުންޓް ފްރީޒްކޮށްގެން 43.3 މިލިއަން ރުފިޔާ ހޯދާފައިވެ އެވެ. އަދި ހަނދާންކޮށްދީގެން 12.5 މިލިއަން ރުފިޔާ ހޯދާފައިވާ ކަމަށް މީރާ އިން ބުނެ އެވެ.

މީރާއިން ހާމަކުރި ގޮތުގައި ޓެކްސް ބަޔާން ހުށަނާޅާތީ ފުރަތަމަ ކުއާޓަރުގައި 9،244 ފަރާތަކަށް އަދި ޓެކްސް ނުދައްކާތީ 5،860 ފަރާތަކަށް ފައިނަލް ނޯޓިސް ހަވާލުކޮށްފައިވެ އެވެ.

މީގެ އިތުރުން އިންސްޓޯލްމަންޓް އުސޫލުން ޓެކްސް ފައިސާ ދެއްކުމުގެ ފުރުސަތު 231 ފަރާތަކަށް ދީފައިވާ ކަމަށާއި އެއީ ޖުމްލަ 502 މިލިއަން ރުފިޔާ ކަމަށް މީރާއިން ހާމަކުރެ އެވެ.