ހަބަރު

ބޮޑެތި ބަދަލުތަކާއެކު ކުޑަކުދިންގެ ބަގީޗާ މިއަދު ހުޅުވަނީ

ފުރިހަމަ ކުރެވިފައިވާ ޝައުގުވެރި ބޮޑެތި ބަދަލުތަކާއެކު ހެންވޭރުގައި ހުންނަ ކުޑަ ކުދިންގެ ބަގީޗާ މިއަދު ހުޅުވާލާނެ އެވެ.

ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ) އިން ބަލަހައްޓާ ކުޑަކުދިންގެ ބަގީޗާ މަރާމާތު ކުރުމަށް ބަންދު ކުރީ މިދިޔަ އަހަރު ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. އަދި ކުޑަ ކުދިން ޝައުގުވެރިވާ ފަދަ ޒަމާނީ ބަދަލުތަކާއެކު ހުޅުވުމަށް އެމްއެންޑީއެފް އިން ނިންމާ އެތަން ހަދަން ފެށި އެވެ.

އެމްއެންޑީއެފްގެ އިިންފޮމޭޝަން އޮފިސާ ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ ކުޑަ ކުދިންގެ ބަގީޖާ މިއަދު ހަވީރު 4:00 އިން 6:00 އާ ހަމަޔަށް ހުޅުވުމަށް ނިންމާފައިވާ ކަމަށާއި ނަމަވެސް އެ ބަގީޗާ މަރާމާތު ކުރުމުގެ މަސައްކަތް އެއްކޮށް ނުނިމޭ ކަމަށެވެ.

"މިއަދު ވެސް މަރާމާތުގެ ބައެއް މަސައްކަތް ކުރިޔަށް ދާނެ، އެ މަސައްކަތް އެއްކޮށް ނިންމުމުން ރަސްމިއްޔާތެއް ބާއްވާ އެތަން ރަސްމީކޮށް ހުޅުވާނަން،" އާޒިމް ވިދާޅުވި އެވެ.

ކުޑަ ކުދިންގެ ބަގީޗާ މިއަދު ހުޅުވާ އިރު މިދިޔަ ހުކުރު ދުވަހު ވަނީ ސަލްޓަން ޕާކު ތަރައްގީކޮށް "ރަސްރަނި ބަގީޗާ" ގެ ނަމުގައި ހުޅުވާލައިފަ އެވެ.