ހަބަރު

ބަންދުގެ މުއްދަތު ޖަހަން ނުޖެހުނު ފުރަތަމަ ދުވަހަކަށް މިއަދު

Sep 1, 2017
1

ފެހި ގާނޫނޫ އަސާސީއަށް އަމަލު ކުރަން ފެށި ފަހުން މީހަކަށް ކްރިމިނަލް ކޯޓުން ބަންދުގެ މުއްދަތު ޖަަހަން ނުޖެހުނު ފުރަތަމަ ދުވަހަކަށް މިއަދު ވެއްޖެ އެވެ. އެކަމާ ގުޅިގެން ކޯޓް މިއަދު ބަންދެވެ.

ފުލުހުން އެކި ތުހުމަތުތަކުގައި ހައްޔަރު ކުރާ މީހުން ބަންދުގެ މުއްދަތު ޖެހުމަށް މީގެ ކުރިން، ކޮންމެ ދުވަހަކު ވެސް ކްރިމިނަލް ކޯޓަށް މީހުން ހާޒިރު ކުރަމުން އާދެ އެވެ. އެހެން ނަމަވެސް، ބަންދުގެ މުއްދަތު އިތުރު ކުރުމަށް މިއަދު ކްރިމިނަލް ކޯޓަށް މީހަކު ހާޒިރުކޮށްފައި ނުވަނީ، ފުލުހުން ބަންދުކޮށްފައިވާ މީހުންގެ ތެރޭގައި މުއްދަތު ޖަހަން ޖެހޭ މީހަކު މިވަގުތު ނެތުމުން އެވެ.

ފެހި ގާނޫނު އަސާސީގައިވާ ގޮތުން، ކުށެއްގެ ތުހުމަތުގައި މީހަކު ހައްޔަރު ކުރާތާ 24 ގަނޑިއިރުވުމުގެ ކުރިން އެ މީހަކު ކޯޓަށް ހާޒިރުކޮށް އޭނާ އިތުރަށް ބަންދުގައި ބަހައްޓަން ފެނޭތޯ ނުވަތަ ނޫންތޯ ކަނޑައަޅާނީ ކޯޓުން އެވެ. އަދި ކޯޓު އަމުރަކުން ނޫން ގޮތަކަށް 24 ގަނޑިއިރަށް ވުރެ ގިނައިރު މީހަކު ހައްޔަރު ކޮށްފައި ބެހެއްޓުމަކީ މަނާކަމެކެވެ.

ބަންދުގެ މުއްދަތު ޖަހަން ނުޖެހި ފުރަތަމަ ދުވަހަކަށް މިއަދު މިވީ، މިފަހުން އަމަލު ކުރަން ފެށި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ބަންދުގެ މުއްދަތު އިތުރު ކުރުމަށް ގެނައި ބަދަލުތަކުން އެވެ. އެ ގާނޫނުގެ ދަށުން ކުދި ކުށްތައް ކުރާ ފަރާތްތައް ޝަރުތުތަކާ އެކު ކްރިމިނަލް ކޯޓުން އަންނަނީ ދޫކޮށްލަމުން އެވެ. އަދި މަސްތުވާތަކެތި ބޭނުން ކުރުމުގެ ކުށުގައި ހައްޔަރު ކުރާ ފަރާތްތައް ވެސް ނަސޭހަތް ދިނުމަށް ފަހު ކޯޓުން އަންނަނީ ދޫކޮށްލަމުން އެވެ. އަދި ބޮޑެތި ސީރިއަސް ކުށްތައް ކުރާ ފަރާތްތައް ޝަރީއަތް ނިމެންދެން ބަންދު ކުރުމުގެ ބާރު ވެސް އެ ގާނޫނުގެ ކޯޓަށް ވަނީ ދީފަ އެވެ.