ގާސިމް އިބްރާހިމް

ހަފުތާވީއިރު ގާސިމް ބޭރަށް ނުފޮނުވުމީ ހިތާމައެއް: ވަކީލުން

Sep 1, 2017
11
  • ގާސިމް އޮންނެވީ ގޭގައިކަމަށް ބުނަނީ ދޮގެއް
  • ނުރައްކާވާ ގޮތަކަށް ފަނޑިޔާރުން އަމަލު ކުރާކަށް ނުޖެހޭ
  • ކުރިމަތިވެފައިވާ ހާލަތަލާ މެދު ހިތާމަ ކުރަން

ފުރާނައަށް ނުރައްކާތެރިވެފައިވާ ހާލަތެއް މެދުވެރިވެފައިވާތީ ގާސިމް އިބްރާހިމަށް ފަރުވާ ހޯދަން ބޭރަށް ފޮނުވަން ކޯޓުގެ ހުކުމުގައި ކުރި އަމުރަށް ހަފުތާއަކަށްވުރެ ގިނަ ދުވަސްވީ އިރު އެކަން ތަންފީޒުވެފައި ނުވުމަކީ ރާއްޖޭގެ ކޯޓުތަކާއި ދައުލަތުގެ ކަމާބެހޭ އިދާރާތަކާމެދު ލަދުވެތިވެ ހިތާމަކުރާ ކަމެއްކަމުގައި ގާސިމް އިބްރާހިމްގެ ގާނޫނީ ވަކީލުން ބުނެފި އެވެ.

ބޭހަށް ބޭރަށް ފޮނުވާ ގޮތަށް ގާސިމްގެ މައްޗަށް ހުކުމް ކުރީ 25 އޮގަސްޓް ގަ އެވެ.

ގާސިމްގެ ވަކީލުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު، ގާސިމް އިބްރާހީމަށް ދިމާވެފައިވާ ސިއްހީ ޙާލަތުގެ ސީރިއަސްކަން ގުޅިފައިވަނީ ހިތުގެ އާލާސްކަންފުޅަކާ ކަމަށާއި ނުރައްކާތެރިކަން ބޮޑުވަނީ، ކުއްލިއަކަށް މެދުވެރިވާ ޙާލަތްތަކާ ގުޅިގެން ކަމަށެވެ. އަދި އެ ބަޔާނުގައި ބުނަނީ ގާސިމްގެ ބައްލަވާ ޑޮކްޓަރުން ލަފާދެއްވަނީ، އެ އާލާސްކަންފުޅުގެ ހަގީތް ދެނެގަތުމަށް ކޮންމެހެން ހަދަންޖެހޭ ތަޙްލީލުތައް މިވަގުތު ރާއްޖޭގައި ހެދެން ނެތްކަމަށާއި އެތަހުލީލުތަކާ ނުލައި ބައްޔަށް ބޭސްނުކުރެވޭނެތީ ރާއްޖެއިން ބޭރުގައި ފަވާކުރެއްވުމަށެވެ. އަދި އެފަރުވާ ނުކުރެވި ހިނގާ ކޮންމެ ހިނދުކޮޅަކީ، ކުރިމަތިވާ ޙާލަތަކާ ގުޅިގެން ގާސިމްގެ ފުރާނައަށް ނުރައްކާވެދާނެ ކަމެއްކަމަށެވެ.

"... މީސްމީހުންގެ ބަލި ހާލަތު ކަށަވަރުކޮށްދޭ ބަޔަކީ ޑޮކްޓަރުންނެވެ. ކަމާބެހޭ މައުލޫމާތު އެންމެ ރަނގަޅަށް އެނގޭނޭ އެކަމުގެ ފަންނީ މާހިރުންނަކީ ޑޮކްޓަރުންނެވެ. އެމަނިކުފާނުގެ ފުރާނަފުޅަށް ނުރައްކާތެރިވެފައިވާކަމަށާއި އެމަނިކުފާނުގެ އާލާސްކަންފުޅާ ގުޅިގެން ހަދަންޖެހޭ މުހިންމު ޓެސްޓްތައް ރާއްޖޭގައި ހެދެން ނެތްކަމަށާއި އެ ޓެސްޓްތަކާ ނުލައި އެމަނިކުފާނަށް ބޭސްފަރުވާކުރެވޭނެ ގޮތެއް ނެތްކަމަށާއި ބޭސްފަރުވާއަށް ބޭރަށްވަޑައިގަތުމަށް ތަކުރާރުކޮށް ލަފާދެއްވަމުން ގެންދަވަނީ، ރާއްޖޭގެ އެންމެ ބޮޑު ތިން ހޮސްޕިޓަލްގައި މަސައްކަތްކުރައްވާ ކަމާބެހޭ ހާއްސަ ތަޖުރިބާކާރު ބޭފުޅުންނެވެ. ޑޮކްޓަރުންގެ ރަސްމީ ލަފަޔާއި އިރުޝާދު ވަކި ގޮތަކަށް ދީފައި ވަނިކޮށް، އަދި އެކަމާބެހޭ ގޮތުން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުންވެސް އިޢުތިރާޒެއް އުފައްދާފައި ނެތީސް، ދަޢްވާލިބޭ މީހާގެ ބަލި ޙާލަތާ ގުޅިގެން ކަމާބެހޭ މާހިރުން ދެއްވާފައިވާ ޕްރޮފެޝަނަލް ލަފައާއި އިރުޝާދަށް ޢަމަލުނުކޮށް، އޭނާގެ ފުރާނައަށް ނުރައްކާވާޒާތުގެ ޞިއްޙީ ނުރައްކަލެއްގެ ތެރެއަށް ހުށަހެޅިގެންދާފަދަ ގޮތަކަށް ފަނޑިޔާރު ޢަމަލުކުރުމަކީ، ޝަރީޢަތް ކުރުމުގައި ތަބާވާންޖެހޭ ޝަރްއީ ގާނޫނީ، ބައިނަލްއަގުވާމީ، އަދި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުތަކާ ވެސް ޚިލާފުކަމެކެވެ. އަދި ކޯޓުން ކުރާ ޙުކުމެއްގައި ޝަރީޢަތުން ބޭރުގައި ހިނގާ ކަންކަމުގެ މައްޗަށް ޙުކުމްތައް ބިނާކުރުމަކީ ޝަރީޢަތްކުރުމުގެ އުސޫލުތަކާ އެއްވެސް ގޮތަކުން އެއްގޮތްވެގެންވާ ކަމެއް ނޫނެވެ." ބަޔާނުގައި ވެއެވެ.

މީގެ އިތުރުން ބުނެފައި ވަނީ ބަލިވެގެން ހޮސްޕިޓަލަށް ދާ ފަރާތަކަށް ފަރުވާ ކަނޑައެޅުމާއި ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދޭންޖެހޭނަމަ އެޑްމިޓްކުރުމާއި އެކަންކަމަކީ، ޑޮކްޓަރުން ކަނޑައަޅާ ކަމެއް ކަމަށާއި ގާސިމްގެ ސިއްހީ ހާލަތު ހުރި ގޮތުން ކޯޓަށް ވަޑައިގެންނެވެން ނެތްނަމަ، ގާނޫނާއި ކޯޓު ޗިޓުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ޗިޓުގައި ބަޔާންކޮށްފައިވާ ގަޑީގެ އެއްގަޑިއިރުގެ ކުރިއަށް އެކަން ކޯޓަށް، ގަވާއިދުން އަންގާފައިވާނެ ކަމަށާއި ކޯޓުން ދޫކުރި މެޑިކަލް ފޯމްފުރާ ކޯޓަށް ހުށަހަޅާފައިވެސް ވާނެ ކަމަށެވެ.

ގާސިމްގެ މައްޗަށް ކްރިމިނަލް ކޯޓުން ހިންގި ޝަރީއަތުގައި އޯގަސްޓް 24 ވަނަ ދުވަހު، ހާޒިރުވެވަޑައިގެން ހުންނަވަނިކޮށް، އާލާސްކަންފުޅު ގޯސްވެ ވެއްޓުމާ ގުޅިގެން، އައިޖީއެމްއެޗަށް ގެންދިއުމުން ޑޮކްޓަރު ދެއްވި ލިޔުން ކޯޓަށް ހުށަހެޅުމާ ގުޅިގެން އެދުވަހުގެ 14:30 އަށް ކޯޓުން ތާވަލުކުރި އަޑުއެހުން ވެސް ކޯޓުން ކެންސަލްކުރި އެވެ. އެލިޔުމުގައި ގާސިމަށް ބޭނުންވާ ފަރުވާ ހޯދަން ވީއެންމެ އަވަހަކަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށާއި އެމަނިކުފާނުގެ ފުރާނަފުޅަށް ނުރައްކާތެރިވެފައިވާކަމަށް ބަޔާންކޮށްފައިވެއެވެ.

"... ލިޔުން ކޯޓަށް ހުށަހެޅިފައިވަނިކޮށް، އަދި އެމަނިކުފާނު އައިޖީއެމްއެޗްގައި އެޑްމިޓްކުރެވި ފަރުވާދެވެމުންދަނިކޮށް، އެދުވަހުގެ ރޭގަނޑު 10:35 ގައި އެރޭގެ 11 ޖަހާއިރަށް ކޯޓަށް ހާޒިރުވުމުގެ ޗިޓެއް ފޮނުވާފައިވެއެވެ. އެމަނިކުފާނުގެ ޞިއްޙީ ޙާލަތު ހުރިގޮތުން އެގަޑިއަށް ކޯޓަށް ހާޒިރުވުމަށް ޢުޒުރުވެރިވެވަޑައިގަންނަވާކަން ބަޔާންކޮށް އެމަނިކުފާނުގެ ވަކީލުން ކޯޓަށް ހުށަހެޅި ސިޓީ ވެސް ބަލައިގަތުމަކާ ނުލައި، ރޭގަނޑުގެ ބާރަވެސް ޖެހިފަހުން އެމަނިކުފާނުގެ ޣައިރު ހާޒިރުގައި ކްރިމިނަލް ކޯޓުން އެމަނިކުފާނުގެ މައްޗަށް ޙުކުމްކޮށްފައިވާއިރު، އެމަނިކުފާނުގެ ބަލިޙާލަތަށްޓަކައި ލިބެންޖެހޭ ފުރުސަތުތައް އެމަނިކުފާނަށް ލިބިވަޑައިގެންފައި ނުވާކަމީ ހާމައަށް ފެންނަން އޮތް ކަމެކެވެ." ބަޔާނުގައި ވެއެވެ.

މިވަގުތު ވެސް ގާސިމް އޮންނެވީ އައިޖީއެމްއެޗްގަ އެވެ. ޙުކުމް ގޭބަންދަށް ބަދަލު ކޮށްފި ކަމަށާއި އެމަނިކުފާނު މިހާރު އޮންނެވީ ގޭގައިކަމަށް ދެކެވޭ ވާހަކައަކީ ތެދު މަޢުލޫމާތެއް ނޫނެވެ،
ގާސިމް އިބްރާހިމްގެ ގާނޫނީ ވަކީލުންގެ ބަޔާން

ގާސިމްގެ ބަލިޙާލަތު ކޯޓަށް ހުށަހެޅިފައިވާ ލިޔުންތަކުން ސާބިތުވާތީ، އެމަނިކުފާނަށް ބޭނުންފުޅުވާ ފަރުވާ ހޯދުމަށް ރާއްޖެއިން ބޭރަށް ދެވޭނެ ގޮތުގެ އިންތިޒާމު ހަމަޖައްސައިދެއްވުމަށް އެމަނިކުފާނުގެ މައްޗަށް ކުރި ޙުކުމުގައި ވެސް ކަމާބެހޭ އިދާރާތަކުގެ މައްޗަށް އަމުރުކުރައްވާފައިވާ ކަމަށައި ގާސިމްގެ މައްޗަށް ޙުކުމްކުރިއިރުގައި ވެސް އެމަނިކުފާނު އޮންނެވީ އައިޖީއެމްޗް ހޮސްޕިޓަލްގައި އެޑްމިޓްކުރެވިފައިކަމަށްވާތީ ކަނޑައަޅާފައިވާ އަދަބަކީ އެމަނިކުފާނުގެ ބަލި ޙާލަތު ހުރި ގޮތުން މިވަގުތު ޖަލުގައި ތަންފީޒުކުރެވިދާނެ ޙުކުމެއް ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަށް ނުފެންނާތީ އެ ސަރވިސްގެ އަމިއްލަ އިސްނެންގެވުމަކުން، 30 އޮގަސްޓް 2017 ވަނަ ދުވަހު އެމަނިކުފާނުގެ ޙުކުމް ތަންފީޒުކުރުން ވަގުތީ ގޮތުން ގޭބަންދަކަށް ބަދަލުކުރެވިފައިވާ ކަމަށް އަންގާފައިވެއެވެ. ނަމަވެސް، ޞިއްޙީ ޙާލަތުގެ ސީރިއަސްކަމަށްޓަކައި ހޮސްޕިޓަލްއިން ދޫކޮށް ނުލެވޭނެކަމަށް އެމަނިކުފާނު ބައްލަވާ ޑޮކްޓަރު ވަނީ ނިންމަވާފައެވެ.

"އެހެންކަމާއެކު މިވަގުތު ވެސް އެމަނިކުފާނު އޮންނެވީ އައިޖީއެމްއެޗްގައެވެ. އަދި އެމަނިކުފާނުގެ މައްޗަށް ކުރެވުނު ޙުކުމް ގޭބަންދަށް ބަދަލުކޮށްފިކަމަށާއި އެމަނިކުފާނު މިހާރު އޮންނެވީ ގޭގައިކަމަށް ދެކެވޭ ވާހަކައަކީ ތެދު މަޢުލޫމާތެއް ނޫނެވެ."