ފިނިޕޭޖް

ކަޕިލް ޝަރުމާ ޝޯ ހުއްޓުމަކަށް!

Sep 2, 2017

ދިވެހިންގެ މެދުގައި ވެސް މަގުބޫލް، ސޮނީ ޗެނަލްއިން ދައްކާ "ދަ ކަޕިލް ޝަރުމާ ޝޯ" މެދުކަނޑާލަން އެ ޓީވީ ޗެނަލްއިން ނިންމާފައިވާކަން އިއުލާންކޮށްފި އެވެ.

ޝޯ ހުއްޓާލާފައިވާކަން އެ ޗެނަލްގެ އޮފިޝަލަކު މީޑިއާއަށް ކަށަވަރުކޮށްދީފައިވާއިރު ކަޕިލް ޝަރުމާ ވެސް މިހާރު ވަނީ އެކަން ކަށަވަރުކޮށްދީ ވާހަކަ ދައްކާފަ އެވެ. ކަޕިލްގެ ޝޯ ހުއްޓާލަން ނިންމާފައިވަނީ އަޖޭ ދޭވްގަން އާއި އިމްރާން ހާޝިމީ ފަދަ ބޮޑެތި ތަރިންތަކެއް ޝޯގެ ސެޓަށް އައިސް ކަޕިލްގެ އިންތިޒާރުގައި އެތައް ވަގުތުތަކެއް ހޭދަކޮށް ރުޅި އައިސްގެން ސެޓް ދޫކޮށް އެ ތަރިން ދިޔަ ހަބަރު ފެންމަތިވިތާ ދުވަސްކޮޅެއްގެ ތެރޭގަ އެވެ. އެ ދުވަހު ޝޫޓިންއަށް ކަޕިލް އައިސްފައި ނުވަނީ ކީއްވެގެން ކަމެއް ނޭނގެ އެވެ. ނަމަވެސް ރިޕޯޓްތައް ބުނާ ގޮތުން ކަޕިލަށް ވަނީ ޑިޕްރެޝަން ކުރިމަތިވެފަ އެވެ.

ކަޕިލް ޝަރުމާ ބުނީ، އޭނާ ކުޑަ ދުވަސްކޮޅަކަށް ރެސްޓް ކުރުމަށް ނިންމާފައިވާ ކަމަށެވެ. އޭނާގެ ބަލި ހާލަތު ހުރި ގޮތުން ފިލްމެއް ކުޅެމުން ޝޯގެ ޝޫޓިން ކުރުމަށް ދަތިވާ ކަމަށެވެ. އެކަން ވިސްނި، ޗެނަލްއިން ޝޯ މެދުކަނޑާލަން ނިންމާފައިވާތީ އެކަމާ ކަޕިލް ވަނީ ޗެނަލްއަށް ޝުކުރު ވެސް އަދާކޮށްފަ އެވެ.

"އަހަރެން އެނބުރި އަންނާނަން، އެނބުރި އަންނަނީ ވަރަށް ބާރުގަދަކޮށް،" ކަޕިލް ބުނެފައިވެ އެވެ.

ޗެނަލްގެ އޮފިޝަލަކު ބުނެފައިވާ ގޮތުގައި ކަޕިލްގެ ޝޯ މެދުކަނޑާލަނީ ދުވަސްކޮޅަކަށެވެ. އެ ޝޯ އެއްކޮށް ހުއްޓާލަން ނިންމާފައިނުވާ ކަމަށެވެ. ކަޕިލަށް އަނެއްކާވެސް ޝޯ ޝޫޓް ކުރެވޭވަރުވުމުން އަލުން ޝޯ ފަށާނެ ކަމަށެވެ. އެ ޝޯ ދައްކާ ގަޑީގައި ދެން ދައްކާނީ ކަޕިލްގެ ވާދަވެރިޔާ ކުރުޝްނާ އަބީޝެކްގެ "ދަ ޑްރާމާ ކޮމްޕެނީ" އެވެ. އެ ޝޯއަކީ ކަޕިލްގެ ޝޯއިން ދާދިފަހުން ކަޕިލްއާމެދު ހިތްހަމަނުޖެހިގެން ވަކިވި ތަރިންތަކަކާއެކު ކުރުޝްނާ އުފެއްދި ޝޯއެކެވެ.

ކަޕިލް ޝަރުމާގެ ޝޯއަށް އޮތް ތާއިދު އެ ޝޯއަށް ލިބެމުން ނުދެ އެވެ.