ފަހު އިތުރަ ވަގުތުގައި ޖެހި ދެ ލަނޑާއެކު، އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ މެޗުގައި މިރޭ ވިކްޓަރީ ސްޕޯޓްސް ކްލަބް އަތުން 3-1 އިން މޮޅުވެ، ފާއިތުވި ތިން އަހަރުގެ ޗެމްޕިއަން ނިއު ރޭޑިއަންޓް ފެށުން ރަނގަޅުކޮށްފި އެވެ.
މެޗުގެ 19 ވަނަ މިނިޓުގައި ނިއު އިން ލީޑު ނެގީ ސްލޮވާކިއާގެ މިޑްފީލްޑަރު ވިލިއަމް މަކޯ ޖެހި ލަނޑުންނެވެ. ޕެނަލްޓީ އޭރިޔާ ތެރެއަށް އިބްރާހިމް ފަޒީލް (އޮއްޕޮ) ހުރަސްކޮށްލި ބޯޅަ ވިލިއަމް ވަނީ ގޯލަށް އަމާޒުކޮށްލައިފަ އެވެ.
އެކަމަކު ވިކްޓަރީން މެޗުގެ ނަތީޖާ އެއްވަރުކުރީ އެ ޓީމަށް ލިބުނު ހިލޭޖެހުމަކުން ބަދަލު ކުޅުންތެރިއާ އަހުމަދު ޒިއާން ޖެހި ލަނޑުންނެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކެމެ، ފޮނުވާލި ފުރަތަމަ ބޯޅަ ޒިއާން ވަނީ ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލައިފަ އެވެ.
މި ލަނޑާއެކު، ނިއު އަށް އިތުރު މައްސަލައެއް ކުރިމަތިވީ މެޗުގެ 87 ވަނަ މިނިޓުގައި އެ ޓީމުގެ ޑިފެންޑަރު ރިލްވާން ވަހީދަށް ރެފްރީ އަހުމަދު ޝިފާން ރަތްކާޑު ދެއްކުމުންނެވެ. ދެވަނަ ހާފުގައި ކުޅެން އެރި ރިލޭ އަށް ރަތްކާޑު ދެއްކީ ޒިއާން އަށް ކުރި ފައުލަކާ ގުޅިގެންނެވެ.
ވަރުގަދަ ނިއު އަތުން ވިކްޓަރީ ޕޮއިންޓެއް ހޯދަން ދަނިކޮށް، ވިކްޓަރީގެ އުންމީދުތައް ފެނަށް ދިޔައީ މެޗުގެ ފަހު މިނިޓުގައި ނިއު އަށް ލިބުނު ޕެނަލްޓީއަކުންނެވެ. ރެފްރީ ޝިފާން ނިއު އަށް ޕެނަލްޓީއެއް ދިނީ ޕެނަލްޓީ އޭރިޔާ ތެރެއިން ވިކްޓަރީގެ މިޑްފީލްޑަރު ޗިންޑްޒީ ކަކާގެ އަތުގައި ބޯޅަ ޖެހުމުންނެވެ. ނިއުގެ ތަޖުރިބާކާރު ފޯވަޑް އޮއްޕޮ ވަނީ ޕެނަލްޓީ ކާމިޔާބުކޮށް، ނިއު އަށް ލީޑު ހޯދައިދީފަ އެވެ.
މެޗުގެ އިތުރު ވަގުތުގައި ނިއުގެ ތިން ވަނަ ލަނޑު ޖެހީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް އަލީ ފާސިރު (ސެންޓޭ) އެވެ.
އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މާދަމާ ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ބީޖީ ސްޕޯޓްސް ކްލަބާއި މަހިބަދޫ ސްޕޯޓްސް ކްލަބެވެ.