ތުއްތު އުމުުރުގައި ބައެއް ކުދިން މޭވާ އާ ތަރުކާރީ އާ ދުުރުވުމަކީ މައިންގެ އެންމެ ބޮޑު އެއް ޝަކުވާ އެވެ. ސިއްހަތަށް ފައިދާހުރި ކާނާ ކުދިންނަށް ދޭޏް މަސައްކަތް ކުރި ނަމަވެސް އެކުދިންނަށް ކަމު ނުދިއުމަކީ މައިންގެ ހިތުގައި ޖެހޭ އެއް ކަންތަކެވެ. އެހެން ނަމަވެސް އެކަމަށް ނިކަން ފަސޭހަ ހައްލެއް ސައިންސްވެރިންވަނީ ހޯދާފަ އެވެ.
އެއީ ތުއްތު ދަރިފުޅުގެ ފުރަތަމަ ދުވަސްވަރު ކުދިންނަށް ވީހާވެސް ގިނައިން ގާތުން ދިނުމެވެ. އަދި އެ ދުވަސްވަރު މައިން ވީހާވެސް ގިނައިން ތަރުކާރީ ބޭނުންކުުރުމެވެ. ކުއްޖާއަށް ކާން ދޭ އުމުރަށް އެޅުމުގެ ކުރިން އޭރަށް އެކުދިންނަށް ތަރުކާރީގެ ރަހަ ދެނެގަނެވޭނެ އެވެ.
ސައިންސްވެރިން ބުނަނީ އެންމެ ފުރަތަމަ ކުދިންނަށް ކާން ދޭން ފަށާ އުމުރުގައި ކުދިންނަށް ރަހަތައް ގަދަވާނެ ކަމަށެވެ. އެހެން ކަމުން ކާން ދޭން ފެށުމުގެ ކުރިން ކުދިން އެ ރަހަތަކަށް އާދަ ކުރުވުމުން ކުދިންގެ ފަރާތުން މާބޮޑު ބަދަލެއް ނުފެންނާނެ ކަމަށެވެ.
ނުވަ ދިހަ ހަތް އަންހެނުން ބޭނުންކޮށްގެން އެމެރިކާގެ ރިސާޗް ސެންޓަރުންވަނީ އެކަމާ ގުޅޭ ދިރާސާއެއްވެސް ކުރިއަށް ގެންގޮސްފަ އެވެ. އެ ދިރާސާ ކުރިއަށް ގެންގޮސްފައިވަނީ އެ އަންހެނުންތައް ފަސް ގްރޫޕަކަށް ބަހާލައިގެންނެވެ. އަދި އެ އަންހެނުންނަކީ ގާތްގަނޑަކަށް އުމުރުން ހަ މަސް ނުވާ ދަރިން ތިބި އަދި ގާތުންދޭ މައިންތަކެކެވެ.
އެއިން ތިން ގްރޫޕެއްގެ އަންހެނުންނަށްވަނީ ގާތުން ދިނުމުގެ ކުރިން ތަރުކާރީ ޖޫސް ދީފަ އެވެ. އެއް މަސްދުވަހުގެ މުއްދަތަށެވެ. އެ މީހުންނަށް ޖޫސް ދީފައިވަނީ ކުދިންގެ އުމުރު ތަފާތުކޮށެވެ. އެއް ގްރޫޕުގެ އަންހެނުންނަށް ޖޫސް ދީފައިވަނީ ކުދިންގެ އުމުރުން ދެ ހަފްތާގަ އެވެ. އަނެއް ދެ ގްރޫޕަށް ދީފައިވަނީ ކުދިންގެ އުމުރުން ހަ ހަފްތާ އަދި ދިހަ ހަފްތާގަ އެވެ. ހަތަރު ވަނަ ގްރޫޕްގެ އަންހެނުން އެމީހުންގެ ދަރިންގެ އުމުރުން ދެ ހަފްތާގައި ތަރުކާރީ ޖޫސް ބޯން ފެށިއިރު އެ މީހުން ތިން މަސް ވަންދެން މެދުކެނޑުމެއް ނެތި ޖޫސް ބުޔެވެ. އަދި ފަސް ވަނަ ގްރޫޕްގެ މީހުން ގާތުން ދިނުމުގެ ކުރިން އެއްވެސް ކަހަލަ ޖޫހެއް ބޭނުމެއް ނުކުރެ އެވެ.
އެ ކުދިންގެ އުމުރުން އަށް މަސް ފުރި ހަރު ކާ އެއްޗެހި ދޭ އުމުރަށް އެޅުމުން ހުރިހާ ކުދިންނަށްވެސް ވަނީ ޕްލޭން ސީރިއަލް، ކެރެޓު ފްލޭވާގެ ސީރިއަލް ނުވަތަ ބޮރޮކޮލީ ފްލޭވާގެ ސީރިއަލް ދީފަ އެވެ.
އެ ދިރާސާގެ ނަތީޖާ ދެއްކި ގޮތުގައި ތުއްތު އުމުރުގައި ގާތުން ދިނުމުގެ ކުރިން ތަރުކާރީ ޖޫސް ބޭނުންކުރި މައިންގެ ދަރިންނަށް ކެރެޓު ފްލޭވާގެ ސީރިއަލް ވަނީ ކަމުގޮސްފަ އެވެ. އަދި އެކުދިންގެ ތެރެއިންވެސް އެންމެ ތުއްތު އުމުރުގައި ޖޫސް ބޭނުންކުރި މައިންގެ ދަރިންނަށް އެ ފްލޭވާގެ ސީރިއަލް ހާއްސަކޮށް ކަމުދިޔަ އެެވެ. ޕްލޭން އަދި ބޮރޮކޮލީ ފްލޭވާގެ ސީރިއަލް ކަމުދިޔަ ކުދިންގެ ޕަސަންޓު މަދު ކަމަށްވެ އެވެ.
އެހެންކަމުން ކުއްޖާގެ ތުއްތު އުމުރުގައި މައިން ތަރުކާރީ ބޭނުންކުރާ މިންވަރު އިތުރުކުރަން ޖެހެ އެވެ.