ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ހޮވި 2013 ވަނަ އަހަރުގެ މޮޅު ކުޅުންތެރިއާގެ މަގާމު އަލީ އަޝްފާގް (ދަގަނޑޭ) އަށް އަދި މިދިޔަ އަހަރުގެ މޮޅު ކުޅުންތެރިއާގެ މަގާމު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ކެޕްޓަން އަސަދުﷲ އަބްދުﷲ އަށް ލިބިއްޖެ އެވެ.
އުރީދޫ ދިވެހި ޕްރިމިއާ ލީގު ހުޅުވުމުގެ ގޮތުން މިރޭ ގަލޮޅު ދަނޑުގައި ބޭއްވި ރަސްމިއްޔާތުގައި މި ދެ ކުޅުންތެރިންނަށް ވެސް ވަނީ އެވޯޑް ހަވާލުކޮށްފަ އެވެ. މެލޭޝިއާ ސުަޕަ ލީގުގައި ވާދަކުރާ ޕީޑީއާރްއެމް އަށް ކުޅެމުންދާ ދަަގަނޑޭ މި ވަގުތު ރަށުގައި ނެތުމުން، ދަގަނޑޭ އެވޯޑާ ހަވާލުވީ އޭނާގެ ބޭބެ އަހުމަދު އަޝްފާނެވެ. އެވޯޑް ހަވާލުކޮށްދެއްވީ އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމެޓީގެ ޗެއާމަން މުހައްމަދު ޝަވީދެވެ.
ނިއު އިން 2013 ވަނަ އަހަރު ތިން ތަށި ކާމިޔާބުކޮށް، އޭއެފްސީ ކަޕްގެ ކުއާޓާ ފައިނަލް އިން ޖާގަ ހޯދިއިރު ދަގަނދޭ ވަނީ މުހިންމު ދައުރެއް އަދާކޮށްފަ އެވެ. އަސަދުﷲ ވަނީ މިދިޔަ އަހަރު މޮޅު ކުޅުމެއް ދައްކައި، މާޒިޔާ އަށް އެފްއޭ ކަޕް ކާމިޔާބުކޮށްދިނުމުގައި މުހިންމު ރޯލެއް އަދާކޮށްފަ އެވެ.
އެފްއޭއެމްގެ އެވޯޑް ނައިޓްގައި ކުރިން މޮޅު ކުޅުންތެރިއާގެ އެވޯޑް ދިން ނަމަވެސް، ފާއިތުވި ދެ އަަހަރު އެވޯޑް ނައިޓް ނުބާއްވާތީ މި ދެ އެވޯޑް އޮތީ ނުދެވިފަ އެވެ.
މީގެ އިތުރުން 2013 ވަނަ އަހަރު އެންމެ ގިނަ ލަނޑު ޖެހި ދަގަނޑޭ އާއި މިދިޔަ އަހަރު އެންމެ ގިނަ ލަނޑު ޖެހި އަސަދުﷲ އަށް ވަނީ އެފްއޭއެމްގެ ރަންބޫޓު ވެސް ދީފަ އެވެ. ދަގަނޑޭ 2013 ވަަނަ އަހަރު ރަންބޫޓޫ ހާސިލްކުރީ 58 ލަނޑު ޖަހައިގެނެވެ. މިއީ ރާއްޖޭގެ ރެކޯޑެކެވެ. އަސަދުﷲ މިދިޔަ އަަހަރު ރަންބޫޓު ހޯދީ 32 ލަނޑު ޖަހައިގެނެވެ. ރަންބޫޓު ހަވާލުކޮށްދެއްވީ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބެވެ.
މީގެ އިތުރުން އެފްއޭއެމް އިން ވަނީ ރެކޮގްނިޝަން އެވޯޑް އެމްއެންޑީއެފް އާއި ޕޮލިހާއި އެމްބީސީ އާއި އުރީދޫ އާއި ނެސްލޭ މައިލޯ އާއި ކޮކާކޯލާ އަދި މޯލްޑިވިއަން އަށް ދީފަ އެވެ. މި އެވޯޑްތައް ހަވާލުކޮށްދެއްވީ ރައީސް އަބްދުﷲ ޔާމީނެވެ.