ރިޕޯޓް

ބުޅާ ބިސް އަޅާތަ؟ މި ރަށުގައި އަޅާ!

ކުޅުދުއްފުށިން: ނާޒިމް ހަސަން
Sep 4, 2017
15

ބުޅާ ބިހޭ ބުނެ ސުވާލެއް ކޮށްލައިފިނަމަ ބުނާނީ، "ބުޅާ ބިސް އަޅާތަ؟" މިހެނެވެ. އެ ސުވާލު ވެސް ކޮށްލީމެވެ. އުތުރެއް ދެކުނެއްގެ މީހެއް ކިޔާނެ ކަމެއް ނެތެވެ. މުޅިން ވެސް އަހަނީ "ބުޅާ ބިސް އަޅާތަ؟"

ހަމަ މި ސުވާލު މިރަށް، ކުޅުދުއްފުށީ މީހަކާ ކޮށްލަބަލާށެވެ. ސުވާލަށް ލިބޭނީ އެހެން ޖަވާބެވެ. ބުޅާ ބިހަކީ އެމީހުން ދަންނަ އެއްޗެކެވެ. އެހެންކަމުން ބުޅާ ބިސް އަޅާ ރަށް މިއޮތީ ހޯދިފަ އެވެ. އެއީ ކުޅުދުއްފުއްޓެވެ،

ހަނދާނަށް އަންނަނީ އެ ބޭފުޅަކަށް އެންމެން އިހްތިރާމްކުރާނެ އަބްދުﷲ ސޯދިގު (ސޯދުބެ) އާ ބައްދަލުވި ފުރަތަމަ ފަހަރު ވިދާޅުވި އެއްޗެކެވެ. "ކުޅުދުއްފުށީ މީހުންނަކީ ބަސް އުފެއްދުމުގައި ވަރަށް ކުޅަދާނަ ބައެއް، މޮޅެތި ބަސްތައް ކަންކަމާ ވަރަށް ގުޅުވާފަ ހަދާފަ ހުންނާނެ،" ސޯދުބެ ވިދާޅުވީ މިހެނެވެ. ސަމާސަ ބައެއް ކަމަށް ވެސް ސޯދުބެ ވިދާޅުވި އެވެ.

ސޯދުބެ އެ ވިދާޅުވާ ފަދަ އެއް ބަހަކީ "ބުޅާ ބިހެ" ވެ. ބުޅަލަކީ ވިހާ އެއްޗަކަށްވާއިރު މި ރަށުގައި ބުޅާ ބިސް އަޅަނީ ކިހިނެއްހެއްޔެވެ.

ކުޅުދުއްފުށީގައި ވެސް ހަމަ އުޅެނީ ބުޅަލެވެ. ހަމަ ވިހަނީ އެވެ. އެ ބުޅާ ބިހެއް ނާޅަ އެވެ. ބުޅާ ބިސް އަޅަނީ ކުޅުދުއްފުށީ މީހުނެވެ. އެއީ އެ މީހުން ތައްޔާރުކުރާ ބިހެކެވެ. އެހެނަސް އެ އެއްޗަކީ ކުޅުދުއްފުއްޓަށް ހާއްސަ އެއްޗެއް ނޫނެވެ. ހާއްސަ ވަނީ ނަމެވެ. ތަފާތީ ނަމެވެ. ހަވާދުލީ ބިސް ދަންނަމު ނޫން ހެއްޔެވެ؟ ވަރަށް މީރު ވެސް ނޫން ހެއްޔެވެ؟ އެހެންކަމަށްވާނަމަ ތިއޮތީ ބުޅާ ބިސް ހޯދިފަ އެވެ.

ކުޅުދުއްފުށީގައި އެންމެ ކުރިންސުރެ ވެސް ތައްޔާރުކުރަމުން އަންނަ ހަވާދުލީ ބިހަށް ކިޔާ އުޅެނީ ބުޅާ ބިހެވެ. މިހާރު ހަވާދުލީ ބިސް ހުންނަ ގޮތާ ވަރަށް ތަފާތަށް ގިނައިން ހަވާދުލައިގެން ހަދާ މި ބިހަށް ކުޅުދުއްފުށީގައި ނޫނީ ބުޅާ ބިސް ކިޔާ ކަމެއް އެނގިފައެއް ނެތެވެ. ކިޔާ ކަމަށްވާނަމަ ވެސް ކިޔަނީ މަދު ރަށެއްގަ އެވެ. ހދ. އަތޮޅުން ވެސް އެފަދަ ދެވަނަ ރަށެއް ނުފެނުނެވެ.

"އެއީ ކިހިނެއް އުފެއްދި ނަމެއް ހެއްޔެވެ؟ އެއަށް ބުޅާ ބިހޭ ކީ ކީއްވެ ހެއްޔެވެ؟ މި ސުވާލުތައް ރަށުގެ ދުވަސްވީ ބައެއް މީހުންގެ ފަރާތުން ހިނިގަނޑަކާއެކު ލިބޭ ޖަވާބަކީ "އެ ދެން ކިޔަނީ ނޫންހޭ" އެވެ. އެމީހުންގެ ފަރާތުން ސީދަލަށް އެއްޗެއްގެ ޖަވާބު ހޯދުމަކީ ވެސް ފަސޭހަ ކަމެއް ނޫނެވެ. އެއަށްވުރެ އެމީހުންގެ ލާނެތްކަން ވެސް ބޮޑެވެ.

ބެލެވޭ ގޮތުގައި ރަށުގެ ދުވަސްވީ މީހުންނަށް ވެސް ނަން އުފެދިގެން އައި ގޮތެއް ނޭނގެ އެވެ. ނޫނީ އެއީ އެމީހުން ހަނދާން ހުންނަން ފެށީސުރެ ވެސް އެއަށް ކިޔަމުން އަންނަ ނަމެވެ.

މި ސުވާލަށް އެއް ދައްތައަކު ޖަވާބު ދިނެވެ. އެ ދައްތަ ދެކޭ ގޮތެވެ. ފަހަރުގައި ފަކުރު ގަތުން އެކަށީގެންވެ އެވެ. ކުޅުދުއްފުށީގެ އެ ދައްތަ ބުނި ގޮތުގައި، ހަވާދުލީ ބިހަށް "ބުޅާ ބިހޭ" ކިޔުނީ ބުޅާ ބޮޑުކަމުދާ ތަކެއްޗާ ހަވާދުލީ ބިހާ އެއްގޮތް ކަމެއް ހުންނާތީ އެވެ. މިއީ ފަހަރުގައި ހަގީގަތަށް ނުވެދާނެ އެވެ. ހަގީގަތަށް ވެސް ވެދާނެ އެވެ. ބަހެއް އުފެދޭނީ ކޮންމެވެސް ސަބަބެއް އޮވެގެންތާ އެވެ.

ކުޅުދުއްފުށީ މީހުން އުފައްދާފައިވާ މި ތަފާތު ބަސް މިހާރު ކުޅުދުއްފުށީގައި ވެސް ދަނީ އުވެމުންނެވެ. މިހާރު ކުޅުދުއްފުށީގައި ވެސް ބައެއް މީހުން ކިޔާ އުޅެނީ ހަވާދުލީ ބިހެވެ. އެންމެ ހަގު ކުދިންނަށް ބުޅާ ބިސް އެނގޭނެހެން ހިއެއް ވެސް ނުވެ އެވެ. ޒުވާނުންނަށް ބުޅާ ބިހޭ ކިޔާކަށް ވެސް ނުކުރެ އެވެ.

ނަމަވެސް އަމިއްލަ ބަސްތަކާއި ބަހުރުވަ އާއި ގޮތްތައް ގެންގުޅުމަކީ ލަދުވެތި ކަމެއް ނޫނެވެ. އެއީ ފަހުރެކެވެ. ވާންވާނީ ޝަރަފަކަށެވެ. "ބުޅާ ބިސް" އުވެންވީ އެއްވެސް ސަބަބެއް ނެތެވެ. އެންމެން ވެސް ހަވާދުލީ ބިސް ކަ އެވެ. ބުޅާ ބިސް ކަނީ ހަމައެކަނި ކުޅުދުއްފުށީ މީހުނެއް ނޫން ހެއްޔެވެ؟

"ބުޅާ ބިސް" ރަސްމީ ބަހަކަށް ނުވެ އުވިގެން ދިޔުމުގެ ބިރު އޮތްއިރު މިހާރު ވެސް ރަދީފުގައި ކުޅުދުއްފުށީ މީހުން އުފެއްދި ބަސްތައް ވަރަށް ގިނަވާނެ ކަމަށް ސޯދުބެ ވިދާޅުވެފައިވެ އެވެ. ސޯދުބެ މައުލޫމާތު ދެއްވި ގޮތުގައި އެޑްމިޓްއަށް ކިޔާނެ ދިވެހި ބަހެއް ނޭނގި އޮތްވާ "އެނދުމަތި"އޭ ކިޔާ އަޑު އިވުނީ ކުޅުދުއްފުށިންނެވެ. "އެނދުމަތި" ގެނެސް ރަދީފަށް ލާފައިވަނީ އެ ބަސް ކުޅުދުއްފުށީ މީހުން ބޭނުންކުރަމުން ދަނިކޮށް ކަމަށް ސޯދުބެ ވިދާޅުވި އެވެ.