ވާހަކަ

މިންނުގެ ޑައިރީ

(3 ސެޕްޓެމްބަރ 2017 އާ ގުޅޭ)

އާދައިގެ މޭކަޕެއްކުރުމަށް ލޯބިކުރާ ޔާނާ އަވަސްއަވަހަށް އެނދުގައި އޮތް ހެދުން ލުމަށްފަހު ތުންފަތުގައި ފަނޑުފަނޑު ކުލައެއްޖައްސާލިއެވެ. އަދި ލޮލުގެ އެސްފިޔަތަކާއި ލޮލުގެ ކައިރި ކަޅުކުލައިން ފަވާލިއެވެ. ހެދުމުގެ ދަފަރާތުގައި ހިފާ ދަމާލަމުން އަނެއްކާވެސް ގަޔަށް ހެޔޮވަރުކޮއްލިއެވެ.

ބޮޑުކޮޓަރިއަށް ވެރިވެފައި އޮތީ ހުޅުވާފައި ހުރި ޓީވީގެ އަޑެވެ. އޭރު ދިވެހިބަހުން ރޭގަނޑުގެ ޚަބަރު ކިޔަމުންދިޔައެވެ. ޝަމްލާއާއި އަޒާން ތިބީ ބޮޑުކޮޓަރީގެ ސޯފާއެއްގައި ޓީވީ ބަލާށެވެ. އެހެންތިއްބާ އެމީހުންގެ ލޮލުގައި އަޅައިގަތީ އެވަގުތު އެތަނަށް ނުކުތް ޔާނާއެވެ. އަޒާންގެ މޫނުމައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. ނަމަވެސް ޝަމްލާ ބަލާލީ ސުވާލުގެ ނަޒަރަކުންނެވެ.

"މިދަނީ ރައްޓެހި ކުއްޖަކާއެކު ބޭރަށް... ވަރަށް އަވަހަށް އަންނާނަން މަންމާ..." ޔާނާއަށް ޝަމްލާ ކުރާން ބޭނުންވާނެ ސުވާލުތައް މާކުރިން ވެސް އެނގޭ ކަހަލައެވެ. އެހެންވެ ޝަމްލާ ސުވާލެއް ކުރުމުގެ ކުރީން އަވަހަށް ބުނެލީއެވެ.

"މިރޭ ހާދަ ރީތިވެގެންނޭ ތިދަނީ... ޕާޓީއަކަށްތަ؟" ޔާނާ ފެންނަލެއް ތަފާތުކަން ޝަމްލާއަށް ނަގައިގަނެވުނެވެ.

"އޯ ނޯ!... ވަރަށް ބޮޑަށްތަ މޭކަޕްކުރެވިފަ ހުރީ" ކުއްލިއަކަށް ޔާނާ ހާސްވާންފެށިއެވެ. ދަބަހުގައި އޮތް ލޯގަނޑުކޮޅު ނަގާ މޫނު ބަލާން ފެށިއެވެ.

"ނޯ މައި ޗައިލްޑް... ޔޫ ލުކް ބިއުޓިފުލް" އަޒާން ހިނިތުންވެލާފައި ދަރިފުޅުގެ ހިތްހަމަޖައްސާލަ ދިނެވެ.

"ކޮންބަޔަކާއެކު ދަނީ؟" ޝަމްލާ އަނެއްކާ ވެސް ސުވާލެއްކޮށްލިއެވެ.

"ޝަމް، ޔާނާ މިހާރު އެހެރީ ބޮޑުވެފައޭ. ރައްޓެހި ކުދީންނާއެކު ތަންތަނަށް ދާނެއެއްނު. ދެން އެހެންނޫނަސް އޭނާ ބުނެފިއެއްނު އަވަހަށް އަންނާނަމޭ" ޝަމްލާ ސުވާލު ގިނަ ކުރާތީ އަޒާން ބުނެލިއެވެ.

"މި އަޒާން އަދި ހުންނާނީ ޔާނާއާ އެއްކޮޅަށް. މަށަށް ވެސް އެނގެއޭ އޭނާ އެހެރީ ބޮޑުވެފައިކަން. ގޯސްމަގަކުން ނުދާނެކަން އަހަރުމެންގެ ޔާނާއެއް، އެކަމަކުވެސް ދެން ހަމައަހާލެވި ދާނެއެއްނު. ދޯ ދަރިފުޅާ..." ޝަމްލާ ބުނެލިއެވެ. ޔާނާގެ ޖަވާބަކަށްވީ އަވަސް ހިނިތުންވުމެކެވެ.

މަންމައާއި ބައްޕަގެ ވާހަކަތަކުން ރެކެމުން ކަހަލަ ގޮތަކަށް ޔާނާ ބޮޑުކޮޓަރިން ބޭރަށް ނުކުމެ އޭނާގެ ފައިވާނަށް އަރާލިއެވެ. އަދި އަވަސް ފިޔަވަޅުގައި އައިސް ދޮރޯށި ހުޅުވާލާ މަގުމައްޗަށް ނުކުތެވެ. ހަމައެވަގުތު ޔާނާގެ ލޮލުގައި މަގުގެ އަނެއްފަރާތުގައި ފޯނަށް ބަލަހައްޓައިގެން ހުރި ޒޭން އަޅައިގަތެވެ. ޒޭން ވެސް އިސްއުފުލާލުމާއެކު އެ ދެމީހުންނަށް އެކަކު އަނެކަކު ފެނި ހިނިތުންވެލިއެވެ.

"ކޮންތާކަށް ދާނީ......." ޒޭންގެ ގާތުގައި ޔާނާ އައިސް ހުއްޓިލުމާއެކު އަހާލިއެވެ.

"ޒޭން ކޮންތާކައްތަ ދާން ބޭނުންވަނީ؟ ބުނީމެއްނު މާލޭގެ އެއްވެސް ތަނެއް ނޭގެއޭ" ޔާނާ ވެސް ކުރީ ސުވާލެކެވެ.

"މީ ކޮންހިސާބެއްތަ؟ ހިނގާ އެދިމާލަށް ދަމާ" ޒޭން އިޝާރާތް ކޮއްލިއެވެ.

"މިގެ މިހުރީ ގަލޮޅުގައި. އެކޮޅަށް ދިޔައީމަ ދެވޭނީ ހެންވޭރާ ދިމާއަށް" ޔާނާ ބުނެދިނެވެ. ޒޭން މައްސަލައެއްނެތޭ ބުނެ ހިނގައިގަތެވެ.

އެކިމަގުތަކުން ހިނގަމުން ދިޔަ ޒޭންއަށް މިދެވެނީ ކިހިނެއް ކޮންތަނަކަށްކަމެއް ނޭގެއެވެ. ނަމަވެސް މަގުތަކުގައި ހުރި ފިހާރަތަކަށް ބަލަމުން ޔާނާއާ އެކިއެކި ވާހަކަ ދައްކަމުން ކުރިއަށް ދެމީހުން ދިޔައެވެ. ޒޭންއަށް އެކިއެކި ތަންތަން ދައްކާ އެއީ ކޮންތަނެއްކަން ޔާނާ ބުނެދެއެވެ. ދޭތެރެއަކުން ޒޭނަށް ޔާނާގެ އަތުގައި ހިފާލެވެއެވެ. މަގުމަތިގެ ކާރޫބާރޫ ބޮޑުކަމުންނެވެ. ހީވަނީ ހިނިހޮރަކުން ހިނިތަކެއް ނުކުމެގެން އުޅޭ ހެންނެވެ. މި ކުޑަކުޑަ މާލޭގައި އެހާމެ ދުއްވާއެއްޗެހި ގިނައެވެ. މަގުތަށް އެހާ ހަންޏެވެ. މީހުން އެހާ ގިނައެވެ. ޔާނާއާއި ޒޭން މަޖީދިއްޔާ ސްކޫލު ކުރިމަތިން ސޯސަން މަގަށްނުކުތެވެ. އެ މަގު ހުރިގޮތަށް ދެމީހުން ކުރިއަށްދިޔައެވެ. ޔާނާ ދައްކަމުން ދިޔަ ވާހަކަތަށް ވަރަށް ޝައުގުވެރިކަމާއެކު ޒޭން އަޑުއަހަމުން ދިޔައެވެ. ސޯސަންމަގަށް ނުކުމެވެން ހުރި ހިމަ ގޯޅިގަނޑެއްގެ ތެރޭގައި ކަންމައްޗަށްކަށް ވާގޮތަށް ހުރި މާވިއްކާ ފިހާރަ ފެނުމުން އެ ފިހާރަށް ވަންނާން ޒޭން ބޭނުންވިއެވެ. ހައިރާންވެފައި ހުރެ ވެސް ޒޭން އެދުނީތީ އޭނާއާއެކު ޔާނާ ވަނެވެ. އެ ފިހާރަ ތެރޭ ހުރި އެކިއެކި މާތަކުގައި ޒޭން އަތްލަމުން ދިޔައެވެ. އެތަނުން ޒޭންގެ ލޮލުގައި އަޅައިގަތީ އެހެން މާތަކަށްވުރެ ތާޒާކޮށް ބޮޑުކޮށް އިން ރަތް ފިނިފެންމަލެކެވެ. ވަގުތުން އެ މާނަގާ ކައުންޓަރުގައި އިން އަންހެން ކުއްޖާ ގާތު އަގު އެހިއެވެ. ޒޭންގެ އެ ހަރަކާތްތައް ދެނެގަންނާން ނޭނގިފައި ޔާނާ ހުއްޓެވެ. އަދި އެހާ ވަރަކުން މަލެއް ގަތީ ކީއްކުރަންތޯ ޒޭނާ ސުވާލު ކުރިއެވެ. ނަމަވެސް ޒޭން ޔާނާގެ އެސުވާލަކަށް ޖަވާބެއް ނުދެއެވެ. މަލުގެ ފައިސާ އަދާ ކުރުމަށްފަހު އެ ފިހާރައިން ޒޭން ނުކުތެވެ. އޭނާގެ ފަސްފަހަތުން ޔާނާ ވެސް ނުކުތީއެވެ.

"ކޮފީ އެއްޗެހި ބޯލާނެ ތަނެއް މިތާ ކައިރިއަކު ނުހުންނާނެތަ؟" ޒޭން ޔާނާގެ ގާތުގައި އަހާލިއެވެ.

"ހިނގާ ބީޗަށް ދާން" ޔާނާ ބުނެލިއެވެ. އޭރު ޔާނާ ހިނގާވަރަކަށް ޒޭން ވެސް އޭނައާއެކު އޭނާ ދާ ދިމާއަކަށް ހިނގަމުންދިޔައެވެ.

"ބީޗުކޮބާ؟ ބީޗުގަ ކޮފީ ލިބެން ހުރޭތަ؟" ޒޭން ވަރަށް ހައިރާން ކަމާއެކު އަހާލިއެވެ.

"ހެހެހެހެ.... ޒޭން ތި ހީކުރާ ކަހަލަ ބީޗެއްނޫނޭ، މިދަނީ އާޓިފިޝަލް ބީޗަށް" ޔާނާ ހެމުން ހެމުން ބުނެލިއެވެ. ޔާނާގެ އެ ހީނލުމުގައިވާ ގާތްކަން ތަފާތު އިޙުސާސެއް ޒޭނަށް ކުރުވިއެވެ. ބައިބޯވެ އަޑުފަށްގަނޑު ގަދަ މާޙައުލެއްގައި ވެސް ޔާނާގެ ހަރަކާތްތަކާއި އެ މޫނުން ފެންނަ ހިނިތުންވުން ޒޭނަށް ފާހަގަ ކުރެވި ޚާއްޞަވިއެވެ. ހަޔާތުގައި ދިމާވެފައިވާ އެހެން އަންހެން ކުދީންނާ ޔާނާ ތަފާތުކަން ދެނެގަންނާކަށް މާގިނަ ކަންކަމެއް ޒޭނަށް ބޭނުމެއްނުވެއެވެ. ދޭތެރެއަކުން ނިއުޅާލާފައި އޮތް އިސްތަށިގަނޑު ރީތިކޮށްލުމަށް ޔާނާ ހަރަކާތެއްކޮށްލައެވެ. އެފަދަ ކުދިކުދި ކަންކަން ވެސް ޒޭންގެ ލޮލުގައި އަޅައިގަންނަމުންދިޔައެވެ. އިސްޖަހާލުމާއެކު ޒޭން ފުންނޭވާއެއް ލިއެވެ. އަދި ކުރެވެމުންދިޔަ ޚިޔާލުތަކުން ސިކުނޑި މިނިވަންކޮށްލުމަށް އޭނާ ދެއަތުން ބޮލުގައި އަތްފުނާ އަޅާލިއެވެ.

"ކިހިނެއްވީ؟" ޔާނާ ކުއްލިއަކަށް އަހާލިއެވެ.

"ނަތިންގ" ޒޭން ބުނެލިއެވެ. ނަމަވެސް އޭނާގެ ނިތްކުރިން ހިލިފައިވާ ދާތިކިތަކާއި ކަންހުޅީން ފައިބާ ދާތިކިތައް އަތުގެ ބޮޑުވައި އިނގިލިން ޒޭން ފުހެލާކަން ޔާނާ ދެނަހުއްޓެވެ. ލައިގެން ހުރި ޓީޝާޓު ވެސް ހުރީ ހިސާބަކަށް ތެމިފައެވެ.

"ހޫނުވަނީ ދޯ... ދުވަސްކޮޅަކުން އެޖަސްޓު ވެދާނެ. މިރޭ ވައިރޯޅިއެއް ވެސް ޖެހިނުލާތީ އެހާ ހޫނީ. އެކަމަކު ބައްޕަ ބުނި މިހެން އޮވެފައި ވަރަށް ވިއްސާރަވާނެއޭ" ޔާނާ ވާހަކަދައްކަން ފެށިއެވެ. ޒޭން ވެސް އެކަމާ އެއްބަސްވިއެވެ.

ދެމީހުން އެކީގައި އައިސް ވަނީ ބްރޭކްވޯޓާ އަށެވެ. އެތަނުން މޭޒެއްގައި ދެމީހުން އިށީނެވެ. އެތަނުގައި ވެސް ވަކި މީހުން މަދެއް ނޫނެވެ. ގިނަ ބައެއްގެ ނަޒަރު އެ ދެ ޒުވާނުން ވަދެގެން އައިސް އިށީންނާންދެން އެ މީހުނަށް ހުއްޓިފައި ހުއްޓެވެ. ޔާނާއަށްވުރެ ބޮޑަށް އެ މީހުން އެ ބަލަނީ ޒޭނަށް ކަމުގައި ހީވެއެވެ. ޒޭން އަތުގައި އޮތް ފިނިފެންމަލަށް ބަލާލާފައި އެ މައު މޭޒުމަތީގައި ބޭއްވިއެވެ.

"ދެން ބުނެބަލަ! ތީކާކަށް ދޭން ގަތް މަލެއްތަ؟" ޒޭން ގެންގުޅޭ ފިނިފެންމަލުގެ ސިއްރު އެނގެން ޔާނާ ބޭނުންވިއެވެ.

"މީ ވަރަށް ޚާއްސަކުއްޖަކަށް ދޭންވެގެން" ޒޭން މަލާދިމާއަށް ބަލަހައްޓައިގެން އިނދެ ބުނެލިއެވެ.

ކޮފީއެއް ބޯލުމަށް ނިންމައިގެން ހުއްޓެއްކަމަކު ހޫނު ގަދަކަމުން ޒޭން ނެގީ ފިނިބުއިމެކެވެ. ޔާނާއަށް ހޫނުކަމުގެ އަސަރު އެއްގޮތަކަށް ވެސް ނުކުރާ ކަހަލައެވެ. އޭނާގެ މޫނުމަތިން ދާތިއްކާ ހިސާބު ވެސް ނުފެނެއެވެ. ގެއިން ނުކުތް ހުރި ތާޒާކަން އަދިވެސް އެ މޫނުގައިވެއެވެ. ނަމަވެސް ޔާނާ ވެސް ނެގީ އައިސް ކޮފީއެކެވެ. އެހެން އެ ސަރަޙައްދުގައި ޖަހާފައި ހުރި ހިލަގޮނޑިތައް ވެސް މީހުންނާގެން ފުރިފައި ވާތަން ފެނެއެވެ. ފަޒާގައިވާ ތެތްފިނިކަމާއެކު ލޮނުވަސް ފެތުރިފައި ވެއެވެ. ދޭތެރެއަކުން ތޮށިގަނޑު މައްޗަށް ރާޅެއް ބިންދާލާއަޑު އިވެއެވެ. ދިމާދިމާއަށް ޒޭން ނަޒަރު ހިންގިއެވެ.

"ޔާނާ އަނަންތަ މިތަނަށް ވަރަށް ގިނައިން؟" ޒޭން އަހާލިއެވެ.

"ވަރަށް ގިނައިންނެއް ނޫން، އެކަމަކު ކޮންމެވެސް ވަރަކަށް އަންނަން. ގިނައިން އާދެވެނީ ހަވީރުގަޑީގަ ފްރެންޑްސުންނާއެކު" ޔާނާ ހިނިތުންވެލަމުން ބުނެލިއެވެ.

ޔާނާއާއި ޒޭންގެ ދެމެދުގައި އެކިއެކި ވާހަކަތައް ދެކެވެމުން ގޮސް ދެ މީހުންގެ އަމިއްލަ ވާހަކަތައް ޚިއްޞާކުރެވިގެންދިޔައެވެ. އެގޮތުން ޔާނާގެ ޢާއިލާގެ ވާހަކަތަކެވެ. އޭނާ އެންމެ ކުރާހިތްވާ ކަންތައްތަކާއި، އެންމެ ގިނައިން ކުރެވޭ ކަންތައްތަކުގެ ވާހަކައެވެ. ކުޑައިރުއްސުރެ ތަފާތު ފޮތްތައް ކިޔަން އާދަވެފައިވާ ޔާނާ އައިނު އަޅަނީ ހަމައެކަނި ފޮތްކިޔަން ކަމުގައި ވެސް ޒޭން ގާތުގައި ބުންޏެވެ. ނަމަވެސް ޒޭންގެ ހަޔާތާބެހޭ ގޮތުން ޔާނާއާ ޚިއްޞާކުރީ ވަރަށް ކުޑަމިންވަރެކެވެ. އެކަމާ ޔާނާ ޝަކުވާއެއް ނުކުރެއެވެ. އެދެމެދުގައި އުފެދިފައިވާ ރަޙުމަތްތެރިކަން ދުވަސްވާވަރަށް މިއަށްވުރެ ގާތްވާނެ ކަމަށް ޔާނާ އުއްމީދުކުރެއެވެ. މިހާރު ވެސް އެ ދެމެދުގައި އިތުބާރު އެބައޮތްކަމުގައި ޔާނާއަށް ޤަބޫލުކުރެވެއެވެ. ހަމައެއާއެކު ޔާނާއަށް ޒޭންއަކީ ޝައުގުންފުރިގެންވީ ޒުވާނަކަށް ވެއްޖެއެވެ. ފިރިހެންކުއްޖަކަށް މީގެ ކުރީން ޚާއްޞަކަމެއް ދެވިފައި ނުވިޔަސް ޔާނާއަށް ޒޭން ޚާއްޞަވެއްޖެއެވެ. ޒޭނަކީ މީހުންގެ ހިތްތަކަށް ފަސޭހަކަމާއެކު ވާސިލުވާން ދަންނަ ޒުވާނެއް ކަމާމެދު ޔާނާއަށް އެއްވެސް ޝައްކެއްނެތެވެ. މިރޭ ޔާނާގެ ހިތާހަމައަށް ފެހި ސިގްނަލެއްގެ އަލި ފޯރައިފިއެވެ. އައު ޖަޒުބާތަކަށް އެ ހިތް މަރުޚަބާ ކިޔާން ތައްޔާރުވެއްޖެއެވެ.

* * * *

ރޭގަނޑު ގަޑިން އެގާރަގަޑި ވިހި ހިނގިއިރު ޒޭން ހުރީ ޔާނާމެން ގޭގެ ދޮރޯށި ދޮށުގައެވެ. އޭރު އެ މަގުގައި އެ ދެ މީހުން ފިޔަވާ އިތުރު މީހަކު ފެންނާކަށް ނެތެވެ. އިރުކޮޅަކު ދޮރޯށި ކައިރީ މަޑުކޮށްލުމަށްފަހު ޔާނާ ގޭތެރެއަށް ވަންނާން އުޅުނެވެ.

"ގުޑްނައިޓް" ދޮރޯށީ ހުޅުވާލަމުން ޔާނާ ބުންޏެވެ.

"ދެން ނިދާނީތަ" ޒޭން އަހާލިއެވެ.

"އާނ!... ވަރަށް ވަރުބަލިވެއްޖެ. މިރޭ ބޭރުގައި އުޅުނުހާ ގިނައިރަކު އަދި ދުވަހަކު ވެސް ނޫޅެން. އެވަރަށް ނުވެސް ހިނގަން" ހީނލާފައި ޔާނާ ބުންޏެވެ.

"އޯކޭ! އެހެންވީރު މި ހިފައިގެން ވަންނަންވީނު" ޒޭން ހިފައިގެން ހުރި ރަތްފިނިފެންމާ ޔާނާއަށް ދިއްކޮށްލިއެވެ.

"ސީރިއަސްލީ؟" ކުރިއަށްވުރެ ބޮޑަށް ޔާނާ ހިނިއަންނަ ގޮތްވިއެވެ.

"މީ ޔާނާއަށް އަހަރެން ދޭ ކުޑަކުޑަ ގިފްޓެއް، ޔޫއަރ އަ ގްރޭޓް ފްރެންޑް، ހޯފް އައި ސީ ޔޫ އަގެއިން" ޒޭން މިހެން ބުނުމާއެކު ޔާނާ އެ ފިނިފެންމަލުގައި ހިފިއެވެ.

"ތޭންކްސް" ބަޔާންކުރާން ދަތި އިހުސާސެއް ޔާނާގެ ހިތުގެ ހިނގުން އަވަސްކުރުވިއެވެ. ފިނިމެންމަލުގައި ހިފާލުމާއެކު އެއިން ވަސްބަލާލި ގޮތުން ވެސް އެއީ އޭނާއަށް ވަރަށް ކަމުދާ މަލެއްކަން ޒޭނަށް އެނގުނެވެ. އެ ދެމީހުން އެކަކު އަނެކަކާ ވަކިވިއިރު ދެ މީހުންގެ މޫނުމަތިން ވެސް ފެންނަމުން ދިޔައީ ހިތްހަމަޖެހުމުގެ ކުލަވަރުތަކެވެ. ޒޭނަށް ގެއަށް އަންނަން ނޭނގެނެތީވެ ޓެކްސީއެއް ލިބޭންދެން ޔާނާ ދޮރޯށި ދޮށުގައި މަޑުކޮށްލައިގެން ހުއްޓެވެ.

* * * *

ގެއަށް އާދެވުމާއެކު އެންމެ ފުރަތަމަވެސް ޒޭން ކުރިކަމަކަށްވީ ފެންވަރާލުމެވެ. އޭނައަށް ހުރީ ވަރަށް ހޫނުވެފައެވެ. ފާޚާނާއިން ނުކުތްއިރު އުނުގައި އަނދެފައި އޮތް ތުވާއްޔާއެކު އެނދުމައްޗަށް އުޑުން ޒޭން ވެއްޓިގަތެވެ. އޭރު ކޮޓަރި ހުރީ އޭސީގެ ފިނިން ވަރަށް ފިނިކޮށްލާފައެވެ. މަތީ ފަންގިފިލާއަށް ނަޒަރު ހުއްޓާލައިގެން ޒޭނަށް އޮވެވުނީ ކިހާއިރެއްވާންދެން ކަމެއް ނޭނގެއެވެ. އޭނާގެ ސިކުނޑީގައި ހިނގަމުން ދަނީ ކޮންކަހަލަ ޚިޔާލުތަކެއްކަމެއް ނޭގެއެވެ. އެގޮތަށް އޮވެ ދެއަތަށް ފުރޮޅެނިކޮށް އޭނާގެ ލޮލަށް ނިދި ސަވާރުވީ ކޮންވަގުތަކުކަމެއް ޚުދު ޒޭނަކަށް ވެސް ނޭނގެއެވެ.

އާދުވަހަކަށް އިރުއެރި އިރު ޒޭންގެ މޫނުމަތީގައި ވަނީ ވަރުބަލިކަމެވެ. ނިދީގެ އަސެރެވެ. ހުސްނާ ފަތިސްނަމާދަށް ގޮވުމުން ނުތެދުވެ އޮންނަން ޒޭންއަށް ނުކެރުނީއެވެ. ކިތަންމެ ލަހުން ނިދުނުކަމުގައި ވިޔަސްއެވެ. އެހެންވެ އެތެދުވިގޮތަށް ދެން އޮށޯވެއްޖެއްޔާ އޭނާގެ މިއަދުގެ ޝެޑިއުލަށް ބުރޫއަރާފާނެތީ އަލުން ނޯށޯތީއެވެ. މިއަދަކީ އޭނާ ވަޒީފާއަށް ނުކުންނަން ހަމަޖެހިފައިވާ ދުވަހެވެ. ލޯގަނޑު ކުރިމަތީގައި ޒޭން އޭނާގެ ޓައީ ކަރަށް ހެޔޮވަރުކުރަމުން ދިޔައެވެ. އެވަގުތު ހުސްނާ ކޮފީ ތަށްޓެއް ހިފައިގެން އައިސް އެ ކޮޓަރިއަށްވަނެވެ.

"ދަރިފުޅު މިއަދު ހާދަ ސްމާޓޭ" ޒޭން ފެނުމާއެކު ހުސްނާއަށް ބުނެލެވުނެވެ.

ހުސްނާގެ އެ ޖުމްލައަށް ޒޭން ހިނިގަނޑެއް ޖަހާލިއެވެ. އަދި ހުސްނާގެ އަތުން ކޮފީތަށި ނަގާ އެތިފޮދެއް ބޯލިއެވެ. އެއާއެކު އަނެއްކާވެސް ހުސްނާއަތަށް ކޮފީތަށި ދިނުމަށްފަހު އެނދުމަތީ އޮތް މަޑުޗޮކުލެޓް ކުލައިގެ ކުޑަ ލެދަރު ފޮށި ހުޅުވާލިއެވެ. އޭގައި ހުރީ ލިޔުންފަދަ ތަކެތި ލުމަށް ޚާއްޞަ ކުރެވިފައިވާ އެކިއެކި ބައިތަކެވެ. ޒޭންގެ މަސައްކަތުގެ ދާއިރާ އާއި ބެހޭ ބައެއް ސާމާނުތައްވެސް އޭގައި ހުއްޓެވެ. އެއްޗެހި ހަމަކުރާ ފަދައިން ބްރީފްކޭސަށް ހުރިހާ އެއްޗެއް އަޅާ ފަހު ފަހަރަށް ބަލާލިއެވެ. އަދި އެ ފޮށި ހިފައިގެން ކޮޓަރިން ނުކުންނާން ހިނގައިގަތެވެ. އޭނާގެ ފަހަތުން ހަލުވިކޮށް ހުސްނާ ވެސް އައެވެ. (ނުނިމޭ)