ލައިފްސްޓައިލް

މިހާރު ސަޅީ ތުނޑުތުނޑުލީ ބުމަ އާއި ތުންފަތް!

Sep 6, 2017
3

ދައުރުވާ ފެޝަން ނުވަތަ ބިއުޓީ ޓްރެންޑުތަކަކީ އޭގެ ނުފޫޒު ދިވެހިންގެ ތެރެއަށް ވެސް ނުވަދޭ ނުދާ ޓްރެންޑުތަކެވެ. ދިވެހިންނަކީ އެންމެ ފަހުގެ ފެޝަނާއި ޓްރެންޑުތަކަށް އިންތިހާއަށް ލޯބިކުރާ ބަޔަކަށްވާތީ އެވެ. މިހާރު އެންމެ ބާރަށް ދައުރުކުރާ ބިއުޓީ ޓްރެންޑަކީ ކޮބައިކަން އެނގޭ ހެއްޔެވެ؟ ސޯޝަލް މީޑިއާގެ އަހުލުވެރިންނަށް މިހާރު ހުންނާނީ ފެނިފަ އެވެ.

މިހާރު އެންމެ މަޝްހޫރުވެގެން އުޅޭ ޓްރެންޑަކީ "ސްކްއިގްލް އައި ބްރޯސް އެންޑް ލިޕްސް" ނުވަތަ ބުމައިގައި ތުނޑުތުނޑު ލައްވާފައި ހުންނަ ޓްރެންޑެވެ. ބައެއް މީހުންނަށް އެއީ ނިކަން ކަމުދިޔަ ޓްރެންޑަކަށްވި އިރު އެ ޓްރެންޑަށް ފާޑުކިޔާ މަލާމާތްކުރާ މީހުންވެސް ގިނަ އެވެ. ބުމަ އެކަންޏެއް ނޫނެވެ. ތުންފަތުގެ އައުޓްލައިން އަޅާއިރުވެސް ތުނޑުތުނޑުލާފައި ހުރެ އެވެ.

މި ޓްރެންޑް ފޮލޯ ކުރަން ކޮންމެހެން ބުމައިން އިސްތަށި އުފުރައި އެ ޑިޒައިން ގެންނާކަށް ނުޖެހެ އެވެ. ދޮވެލުމުން ތެރަސް ކެނޑޭ ކަހަލަ ވޮޝެބަލް ގްލޫ އަދި ފޭކް އައިބްރޯ ހެއާސް ބޭނުންކޮށްގެން ޑިޒައިން ކުރެވޭނެ އެވެ. ސްކްއިގްލް އައި ބްރޯސް ނުގުޅޭނަމަ ބަދަލުކޮށްލަން އޭރަށް ފަސޭހަވާނެ އެވެ.

ސްކްއިގްލް އައި ބްރޯސް އެންމެ ފުރަތަމަ ފެށިގެން އައި މި އަހަރުގެ އޭޕްރިލް މަހުގެ ތެރޭގަ އެވެ. އެހެން ނަމަވެސް ސޯޝަލް މީޑިއާގައި މަގުބޫލުވެ ގިނަ މީހުންނަށް ކަމުގޮސް އާންމުވެގެން ދިޔައީ ދާދި މިދާކަށް ދުވަހު އެވެ.

އެ ފެޝަން އާންމުންނާ ހަމައަށް ގެނެސްދީފައިވަނީ ބިއުޓީ ބްލޮގަރުންތަކެކެވެ.