ހަބަރު

މަޝްވަރާއަށް އެއްވެސް ޕާޓީއަކުން އަދި އިޖާބައެއް ނުދޭ: ޝައިނީ

އެއްވެސް ޝަރުތަކާ ނުލައި ސިޔާސީ ޕާޓީތަކުން ސަރުކާރާއެކު މަޝްވަރާ ކުރަން ސަރުކާރުން ގޮވާލި ގޮވާލުމަށް އަދި އެއްވެސް ޕާޓީއަކުން ޖަވާބެއް ދީފައިނުވާ ކަމަށް މަޝްވަރާތަކުގެ ސަރުކާރުގެ އެންމެ އިސް މަންދޫބު ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ޝައިނީ އަވަސްއަށް ވިދާޅުވީ، މިހާތަނަށް އެއްވެސް ޕާޓީއަކުން ޖަވާބެއް ރައީސް އޮފީހަށް ފޮނުވާފައިނުވާ ކަމަށެވެ. ޕާޓީތަކުން ޖަވާބު ފޮނުވުމަށް ސަރުކާރުން ދިން ހަތް ދުވަހުގެ ފުރުސަތު އަދި ހަމަނުވާކަން ޝައިނީ ފާހަގަކުރެއްވި އެވެ.

ސަރުކާރުން އެދިފައިވަނީ ހަތް ދުވަހުގެ ތެރޭގައި ޕާޓީތަކުން ބޭނުންވާ އިސްލާހީ ބަދަލުތަކަކީ ކޮބައިކަން ހުށަހެޅުމަށެވެ. އެ ހުށަހެޅުންތައް ލިބުމުން ސިޔާސީ ޕާޓީތަކުގެ މަޝްވަރާތައް ޕާޓީތަކާއެކު ކުރިއަށް ގެންދިޔުމުގެ މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ވަނީ ދެއްވާފަ އެވެ.

ޕާޓީ މަޝްވަރާތަކަށް އިދިކޮޅު ފަރާތްތަކަށް ސިޓީ ފޮނުވި އިރު މި މަޝްވަރާތަކުގައި ޕީޕީއެމް އާއި އެމްޑީއޭގެ އިތުރުން ޑީއާރްޕީން ވެސް ބައިވެރިވާނެ ކަމަށްވެސް ޝައިނީ ވިދާޅުވި އެވެ. އަދި ވިދާޅުވީ ސަރުކާރާ ގުޅިފައިވާ ޕާޓީތަކާއެކު ގައުމުގެ މުސްތަގުބަލާ ރައްޔިތުންގެ ލާބައަށްޓަކާ އަމިއްލަ ކަންކަން އެއްފަރާތްކޮށް އިދިކޮޅު ފަރާތްތަކުން މަޝްވަރާއަށް އަންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާއި އިދިކޮޅު ފަރާތްތަކާ ދެމެދު ސިޔާސީ މަސްވަރާތައް ހިނގަމުން އަންނަނީ 2015 ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެންނެވެ. އެހެން ނަމަވެސް މިހާތަނަށް ބޭއްވި އެއްވެސް މަޝްވަރާތަކެއްގައި ކާމިޔާބީއަކާ ހަމައަށް ދެވިފައެއް ނުވެއެވެ.