ކުޅިވަރު

ވޯލްޑް ކަޕް ކޮލިފައިން - ޔޫރަޕްގެ ނަތީޖާތައް

ނުވަ ގްރޫޕަކަށް ހިމެނޭ ޔޫރަޕްގެ ވޯލްޑް ކަޕް ކޮލިފިކޭޝަން ގްރޫޕް އޭގެ އެއްވަނައިގައި ފްރާންސް 17 ޕޮއިންޓާއެކު އޮތްއިރު ދެވަނައިގައި 16 ޕޮއިންޓާއުކު އޮތީ ސްވިޑެން އެވެ. މި ގްރޫޕްގެ ތިންވަނަ މަގާމުގައި އޮތީ 13 ޕޮއިންޓާއެކު ނެދަލެންޑެވެ. އެ ގައުމުގެ ފަރާތުން ކޮލިފައިންގައި މިހާތަނަށް ފެނިގެން ގޮަސްފައިވަނީ ވަރަށް އާދައިގެ ކުޅުމެކެވެ.

ގްރޫޕް ބީއަށް ބަލާއިރު ގްރޫޕްގެ އެއްވަނައިގައި ޕޯޗުގަލް ފަހަތަށް ޖައްސާލުމަށްފަހު އޮތީ ސުވިޒަލޭންޑެވެ. އެ ގައުމަށް 24 ޕޮއިންޓް ލިބިފައިވާއިރު ދެވަނައިގައި ޕޯޗުގަލް އޮތީ 21 ޕޮއިންޓާއެކު އެވެ. ދެން މި ގުރުޕުގައި ހިމެނޭ ހަންގަރީ، ފެރޯ އައިލެޑް، އެންޑޯރާ އަދި ލެޓްވިއާއަށް ކޮލިފައިވުމުގެ މާބޮޑު ފުރުސަތެއް ނެތެވެ.

ގްރޫޕް ސީ އަދި ޑީގެ ކުރީގައި އުޅެނީ ޖަރްމަން އަދި ނޮދާން އަޔަލެންޑްއާއި ސާބިޔާގެ އިތުރުން ވޭލްސް އެވެ. ގްރޫޕް ޑީގައި ރިޕަބްލިކް އޮފް އަޔަލޭންޑްއަށްވެސް ފުރުސަތު އެބައޮތެވެ. އަޔަލޭންޑް ތިން ވަނައިގައި އޮތީ 13 ޕޮއިންޓާއެކު އެވެ. ދެވަނައިގައި ވޭލްސް އޮތީ 14 ޕޮއިންޓާއެކު އެވެ.

ގްރޫޕް އީއަށް ބަލާއިރު ޕޮލެންޑް އޮތީ 19 ޕޮއިންޓާއެކުއެވެ. ދެވަނައިގައި މޮންޓެނީގްރޯ 16 ޕޮއިންޓާއެކު އޮތްއިރު ހަމަ އެ އަދަދަށް ޕޮއިންޓް ހޯދައިގެން ތިން ވަނައިގައި އޮތީ ޑެންމާކެވެ. ގްރޫޕް އެފްގައި އިންގްލޭންޑް ކުރީގައި އުޅޭއިރު ދެވަނަ އަދި ތިންވަނައަށް ވާދަކުރަނީ ސްލޮވާކިޔާ އަދި ސްލޮވީނިޔާ އެވެ. މިދެ ޓީމުގެ ދެމެދުގައިވެސް އޮތީ އެއް ޕޮއިންޓެގެ ތަފާތެކެވެ،

ގްރޫޕް ޖީގައި ސްޕެއިން އެއްވަނަ މަގާމުގައި އޮތްއިރު ދެވަނަ މަގާމު ތިން ޕޮއިންޓު މަދުން ހޯދައިގެން އޮތީ އިޓަލީ އެވެ. ގްރޫޕް އެޗްގައި އެއްވަނައިގައި އޮތް ބެލްޖިޔަމް ވަނީ ވޯލްޑް ކަޕް ކޮލިފިކޭޝަން ކަށަވަރުކޮށްފައެވެ. ދެވަނަ މަގާމު ބޮސްނިޔާ އޮތްއިރު އެއް ޕޮއިންޓްގެ ތަފާތުން ތިންވްނަ މަގާމުގައި އޮތީ ގްރީސް އެވެ.

ގްރޫޕް އައި އަކީ ކޮލިފައިންގެ ޔޫރަޕުގެ އެންމެ ވާދަވެރި ގްރޫޕެވެ. ގްރޫޕްގެ 4 ވަނައިގައި އޮތް ޔޫކްރެއިން އަށްވެސް ކޮލިފައިވުމުގެ ފުރުސަތު އެބައޮތެވެ. އެއްވަނަ މަގާމުގައި ކްރޮއޭޝިޔާ އޮތްއިރު ދެވަނައިގައި އޮތީ އައިސްލެންޑްއެވެ. މިދެ ޓީމަށްވެސް 16 ޕޮއިންޓް ލިބިފައިވާއިރު ތިންވަނަ އަދި ހަތަރުވަނައިގައި އޮތް ތުރުކީ އާއި ޔޫކްރެއިން އޮތީ 14 ޕޮއިންޓްގައެވެ.