ޑަބްލިޔޫއެޗްއޯ

ހިމަބިހި ނައްތާލާފައިވާ ކަމުގެ އެވޯޑް ރާއްޖެއަށް ދީފި

ދުނިޔޭގެ އެކި ކަންކޮޅުތަކުން އެ ބައްޔެއްގައި އަހަރަކު 134000 މީހުން މަރުވާ މީސުލްސް (ހިމަބިހި) ރާއްޖެއިން ނައްތާލާފައިވާތީ އެކަމުގެ އެވޯޑް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯއިން ރަސްމީކޮށް ރާއްޖެއަށް ދީފި އެވެ.

ރާއްޖެއަށް މި އެވޯޑް ދީފައިވަނީ މިހާރު ރާއްޖޭގެ ޕެރަޑައިސް ރިސޯޓްގައި ކުރިއަށް ޑަބްލިއުއެޗްއޯގެ ސަރަހައްދީ ބައްދަލުވުމުގެ ތެރޭގަ އެވެ. ރާއްޖެއިން އެވޯޑްއާ ހަވާލުވެ ވަޑައިގެންނެވީ ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމެވެ. އެވޯޑް ހަވާލު ކޮށްދެއްވީ، ޑަބްލިއުއެޗްއޯގެ ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގެ ރީޖަނަލް ޑައިރެކްޓަރު ޑރ. ޕޫނަމް ކެތުރަޕާލްސިން އެވެ.

ރާއްޖެއިން ހިމަބިހި ނައްތާލާފައިވާ ކަމަށް ކަނޑައަޅާފައިވަނީ މިދިޔަ ޖޫމް މަހުގެ ތެރޭގަ އެވެ. ޑަބްލިއުއެޗްއޯއިން އެގޮތަށް ކަނޑައެޅީ އެ ބަލި ރާއްޖޭގައި ގައިން ގަޔަށް އެރުން ހުއްޓުވާފައިވުމާއި 2009 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި މީހަކަށްއެބަލި ޖެހިފައި ނުވާތީ އެވެ.

ހިމަ ބިއްސަކީ ވެކްސިންގެ އެހީގައި ރައްކާތެރިވެވޭ ބައްޔެކެވެ. އެ ބަލިން ދިފާއުވާ ވެކްސިން ރާއްޖޭގައި ދޭން ފަށާފައި ވަނީ 1979 ވަނަ އަހަރު އެވެ.