ހަބަރު

އެހީ ފޯރުކޮށްދޭ ވަރުގެ ގެއްލުމެއް ނެތް: ޑިޒާސްޓާ

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި އެހީ ފޯރުކޮށްދޭ ވަރުގެ ގެއްލުމެއް އެއްވެސް ރަށަކަށް އަދި ލިބިފައިނުވާ ކަމަށާއި އަދި އެއްވެސް ރަށަކުން ބޮޑު ގެއްލުމެއް ވެގެން ރިޕޯޓް ކޮށްފައި ވެސް ނުވާ ކަމަށް ނޭޝަނަލް ޑިޒާސްޓަ މެނޭޖްމަންޓް ސެންޓާ އިން ބުނެފި އެވެ.

ޑިޒާސްޓާއިން ބުނީ މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި މިހާތަނަށް ފެން ބޮޑުވެގެން ރިޕޯޓް ކޮށްފައިވަނީ އެންމެ ރަށަކުން ކަމަށާއި އެގޮތުން މިދިޔަ އަންގާރަ ދުވަހުގެ ރޭ ގއ. ވިލިނގިއްޔަށް ކުރި ވިއްސާރާގައި އެރަށުގައި ވަރަށް ބޮޑަަށް ފެންބޮޑުވި ކަމަށެވެ. އަދި އެރަށުގެ ރައްޔިތުންނާއި ފެނަކަ ކޯޕަރޭޝަނާއި ގުޅިގެން ކުރި މަސައްކަތުން ފެން ހިންދާލެވުނު ކަމަށެވެ.

ޑިޒާސްޓާއިން ބުނީ ވިލިނގިލީގައި ފެން ބޮޑުވެގެން އެރަށަށް މާ ބޮޑު ގެއްލުމެއް ނުވާ ކަމަށާއި ނަމަވެސް ފެން ބޮޑުވުމުގެ ސަބަބުން ކުދިކުދި ގެއްލުމާއެކު ބައެއް ކަންކަމަށް ބުރޫއެރި ކަމަށެވެ.

"ވިލިނގިލީގައި ރޭ ނޫން ކުރިން ރޭ ކުރި ވިއްސާރާގައި އެރަށުގައި ވަރަށް ބޮޑަށް ފެން ބޮޑުވި، އެރަށު ރައްޔިތުންނާއި ފެނަކަ ކޯޕަރޭޝަން ގުޅިގެން އެރަށުގައި ފެން ހިންދަން ކުރި މަސައްކަތުން ރޭ ވަނީ އެރަށުން އެއްކޮށް ފެން ހިންދާ ލެވިފައި، މާ ބޮޑު ގެއްލުމެއް އެރަށަށް ލިބިފައެއް ނުވޭ، އާންމުކޮށް ފެން ބޮޑުވުމުން ލިބޭ ކުދިކުދި ގެއްލުން ލިބިފައި ހުރީ" ޑިޒާސްޓާއިން ބުންޏެވެ.

ޑިޒާސްޓާއިން ބުނީ މެޓް އޮފީހުން މިއަދު މެންދުރު ނެރުނު ވައިޓް އެލާޓަށް ސަމާލުވެ އެ ސަރައްދަށް މޮނީޓާ ކުރަމުން ގެންދާ ކަމަށެވެ. އަދި އެ އަތޮޅުތަކަށް ގުޅައި އިލްތިމާސް ކުރަމުން ގެންދާ ކަމަށެވެ.

ރާއްޖޭގެ މޫސުމާބެހޭ އިދާރާއިން މިއަދު މެންދުރު ވަނީ ހއ އާއި އައްޑޫ އާ ދެމެދު ސަރަހައްދަށް ވައިޓް އެލާޓް ނެރެފަ އެވެ. އަދި އެ ސަރަހައްދުތަކަށް ގަޑިއަކު 23 މޭލާ 29 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. ވިލާގަނޑުގައި ގަޑިއަކު 50 މޭލުގެ ބާރުމިނަށް ވައިގަދަވާނެ ކަމަށްވެސް ލަފާ ކޮށްފައި ވެއެވެ.