ޑަބްލިޔޫއެޗްއޯ

މާލޭ ޑިކްލަރޭޝަން އޮން ބިލްޑިން ހެލްތުގައި ވަޒީރުން ސޮއި ކުރައްވައިފި

މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން ދިމާވާ ނުރައްކާތަކަށް ތައްޔާރުވުމާ ގުޅޭ ގަރާރެއްގައި ސަރަހައްދީ ސިއްހަތާއިބެހޭ ވަޒީރުން ސޮއިކޮށްފި އެވެ. މިއަދު ސޮއި ކުރީ "މާލޭ ޑިކްލަރޭޝަން އޮން ބިލްޑިން ހެލްތު ސިސްޓަމްސް ރެޒިލިއަންސް ޓު ކްލައިމެޓް ޗޭންޖް" ގަ އެވެ.

މިހާރު ރާއްޖޭގެ ޕެރަޑައިސް ރިސޯޓްގައި ކުރިއަށްދާ ޑަބްލިއުއެޗްއޯގެ 70 ވަނަ ސަރަހައްދީ ބައްދަލުވުމުގައި ކުރިއަށް ގެންދިޔަ ވަޒީރުންގެ ރައުންޑް ޓޭބަލް ބައްދަލުވުމުގައި 11 ގައުމެއްގެ ސިއްހަތާބެހޭ ވަޒީރުން އެ ގަރާރުގައި ސޮއިކުރެއްވި އެވެ. ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓާފައިވަނީ ރާއްޖޭގެ ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމެވެ.

ހެލްތް މިނިސްޓްރީން ބުނީ މިއަދު ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި މަޝްވަރާކޮށްފައިވަނީ، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިމާވަމުން އަންނަ ނުރައްކާތަކަށް ސިއްހީ ނިޒާމް ތައްޔާރުވުމާ ގުޅޭގޮތުން ކަމަށެވެ.

މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ ދެ ބުރަކަށް ބަހާލައިގެނެވެ. ފުރަތަމަ ބުރުގައި މަޝްވަރާކޮށްފައި ވަނީ ސަރަހައްދީ ގައުމުތަކުން މޫސުމަށް އަންނަ ބަދަލުތަކުން ސިއްހަތަށްކުރާ އަސަރު ކުޑަކުރުމަށް ކުރެވޭ މަސައްކަތްތަކާ ގުޅޭގޮތުންނެވެ.

ބައްދަލުވުމުގެ ދެވަނަ ބުރުގައި މަޝްވަރާކޮށްފައިވަނީ ގައުމުތަކުން މޫސުމަށް އަންނަ ބަދަލުތަކުން ސިއްހަތަށް ކުރާ ނޭދެވޭ އަސަރު ކުޑަ ކުރުމަށް ކުރިއަށް ގެންދާ ޕްރޮގްރާމްތަކުގެ މަގްސަދު ހާސިލު ކުރުމަށް ޕްލޭންތައް ތައްޔާރު ކުރުމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން އެހީތެރިކަން ބޭނުންވާ ދައިރާތައް ކޮންމެ ގައުމަކުންވެސް ހުށަހެޅުމާ ގުޅޭގޮތުންނެވެ.

ޓޭބަލް ބައްދަލުވުމުގައި މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ސިއްހަތަށްކުރާ އަސަރުތަކާ ގުޅޭ ދެ ވީޑިއޯ ޕްރެޒެންޓޭޝަނެއްވެސް ވަނީ ހުށަހަޅާފަ އެވެ.