ހަބަރު

ފުރަތަމަ ސައިކަލް ޕާކިން ސިސްޓަމް ޓެސްޓްކޮށްފި

ރާއްޖޭގައި ބެހެއްޓި ފުރަތަމަ ސައިކަލް ޕާކިން ސިސްޓަމް މިއަދު ޓެސްޓްކޮށްފި އެވެ. އެ ޕާކިން ސިސްޓަމް ބަހައްޓާފައިވަނީ ހީނާމާގޭގަ އެވެ.

ހައުސިން މިނިސްޓްރީން މިއަދު ބުނީ، މިއަދު ޓެސްޓްކުރި ސައިކަލް ޕާކިން ސިސްޓަމަކީ ރާއްޖެއަށް ހާއްސަކޮށްގެން ބޭރުގައި ފަރުމާކޮށްފައިވާ ސިސްޓަމެއް ކަމަށެވެ. މިއަދު އެ ޓެސްޓް ވަރަށް ކާމިޔާބު ކަމަށް ވެސް މިނިސްޓްރީން ބުންްޏެވެ.

މާލޭ ވެލާނާގޭ ސަރަހައްދުގައި ގާއިމްކޮށްފައިވާ މެކޭނިކަލް ޕާކިން ސިސްޓަމް ވެސް ޓެސްޓްކޮށް މިހާރު ދަނީ ބޭނުންކުރަމުންނެވެ. އެ ސިސްޓަމަކީ ކާރު ޕާކްކުރުމަށް ހާއްސަކޮށްފައިވާ ސިސްޓަމެކެވެ. އެ ސިސްޓަމުގައި މުޅިއަކު 10 ކާރު އެއްފަހަރާ ޕާކު ކުރެވޭނެ އެވެ.

ސަރުކާރުން އެސްޓީއޯއާ ހަވާލުކޮށްގެން ކުރިޔަށް ގެންދާ މި މަޝްރޫއުގެ ތެރެއިން މުޅި މާލޭގައި 20 ޕާކިން ސިސްޓަމް ގާއިމް ކުރަން ވަނީ ހަމަޖެހިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ 10 ސައިކަލު ސިސްޓަމާއި 10 ކާރު ޕާކިން ސިސްޓަމެވެ. ހައުސިން މިނިސްޓްރީން ބުނެފައިވާ ގޮތުގައި އެ ސިސްޓަމްތައް ބަހައްޓާނީ މާލޭގައި އެންމެ ޕާކިން މައްސަލަ ބޮޑު ސަރަހައްދުތަކުގައި ކަމަށެވެ. އޭގެ ތެރޭގައި އައިޖީއެމްއެޗް ކައިރިޔާ ފެރީޓާމިނަލް ކައިރީގައި ވެސް ވަރަށް އަވަހަށް އެ ސިސްޓަމް ބަހައްޓާނެ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ.

މެކޭނިކަލް ޕާކިން ސިސްޓަމް ބޭނުން ކުރަން ފަށާފައިވާ އިރު އަމިއްލަ ފަރާތްތަކާ ހަވާލުކޮށްގެން އޭޑީކޭ އިން ވެސް މި ފަހުން ވަނީ މެކޭނިކަލް ޕާކިން ސިސްޓަމެއް ބަހައްޓާ ބޭނުން ކުރަން ފަށައިފަ އެވެ.