އަވަސް އެހީ

ހިތުގެ ބަލީގައި ބިކަވެފައިވާ އާއިލާއެއް އާދޭހުގައި

އައްޑޫ ސިޓީ، ހިތަދޫއަށް އުފަން ނާހިދާ އަބްދުﷲއަކީ އޭނާގެ ހިތް ފަދަ ފަސް ދަރިން ދެކެ އިންތިހާއަށް ލޯބިވާ މަންމައެކެވެ. ހިތާ އެންމެ ގާތީ އެ ދަރިންނެވެ. ނަމަވެސް ނާހިދާގެ ހިތަކީ ބަލި ހިތެކެވެ. އޭނާގެ ހިތުގެ ބައްޔަށް ފަރުވާކުރާތާ 17 އަހަރު ވަނީވެފަ އެވެ. ނާހިދާގެ ފަސް ދަރިންގެ ތެރެއިން ތިން ދަރިންނަށް އަދި 17 އަހަރު ވެސް ނުފުރޭއިރު އޭނާގެ ހިތްފަދަ ދަރިންނަށް އޭނާގެ ހިތުގެ ބަލި ވަނީ ވާރުތަވެފަ އެވެ.

ނާހިދާގެ އެންމެ ދޮށީ ދަރިފުޅަކީ ނަބާހަތު ހުސެއިނެވެ. އޭނާގެ އުމުރުން 23 އަހަރުވެފައިވާއިރު ބޮޑެތި ބަލިތަކެއްގެ ޝިކާރައަކަށް އެ ޒުވާން ނަބާހަތު ވަނީވެފަ އެވެ. ނޭފަތާއި ކަންފަތާއި ލޮލުގެ ސިއްހީ މައްސަލަތައް ވަނީ ދިމާވެފަ އެވެ. ފުއްޕާމޭގައި ވެސް މައްސަލަ އެބަހުއްޓެވެ. ނަބާހަތަށް ރަނގަޅަށް ނޭވާއެއް ނުލެވެ އެވެ. އައިޖީއެމްއެޗްގެ ގިނަ ޑޮކްޓަރުންތަކެއް ނަބާހަތު ބަލާފައިވާއިރު ހުރިހާ ޑޮކްޓަރުން ވެސް ދީފައިވާ ޖަވާބުން ނާހިދާގެ ހިތް އިތުރަށް ވަނީ ބަލިކޮށްލާފަ އެވެ. ނަބާހަތުގެ ހާލު ހުރީ ފުރާނައަށް ނުރައްކަވާ ހިސާބުގައި ކަމަށް ޑޮކްޓަރުން ވަނީ ބުނެފަ އެވެ.

ނަބާހަތަށް ނޭވާލުމުގައި ބޮޑެތި އުނދަގޫތަކެއްވާއިރު ދެ ނޭވާގެ ތެރެއިން އޭނާއަށް ލެވެނީ އެއް ނޭވާ އެވެ. އޭނާ މިހާރު ދިރިއުޅެމުން ދަނީ މައުތް ޕަންޕްގެ އެހީގަ އެވެ. އަބަދުވެސް އަތުގައި އެ ޕަންޕް ބާއްވަން ޖެހެ އެވެ. ނިދަން ޖެހެނީ ޕަންޕް ޖަހައިގެންނެވެ. އެކަމުގެ ހައްލަކަށް އޮތީ، އޮޕަރޭޝަނެކެވެ. ނޭފަތުގެ ކަށިކޮޅެއްގެ އޮޕަރޭޝަނެކެވެ. އެއީ ނޭފަތުގެ ބޭރު ހަރުކަށި ކޮޅަކަށްވާތީ ރާއްޖޭގެ ހޮސްޕިޓަލަކުން އެ އޮޕަރޭޝަން ކުރެވެން ނެތް ކަމަށް ޑޮކްޓަރުން ވަނީ ބުނެފަ އެވެ. އެކަމަށް ކުރަންޖެހޭނީ ޕްލާސްޓިކް ސާޖަރީއެކެވެ. އޭޑީކޭ ހޮސްޕިޓަލުން ވަނީ އެ އޮޕަރޭޝަން ކުރުމަށް އެންމެ ރަނގަޅު ތިން ހޮސްޕިޓަލް ބުނެދީފަ އެވެ. އެގޮތުން އެންމެ ރަނގަޅީ އިންޑިއާގެ ބެންގަލޫރްގެ މަނިޕާލް ހޮސްޕިޓަލެވެ. ނަބާހަތު ކުރަންޖެހިފައިވާ އޮޕަރޭޝަން އެ ހޮސްޕިޓަލުން ކުރެވެން އެބަ އޮތެވެ. ނަމަވެސް ނެތީ އެކަމަށް ކުރާނެ ހަރަދެވެ. އާސަންދައިން އެ އިންތިޒާމް އަދި ވަނީ ހަމަޖެހޭ ގޮތް ނުވެ އެވެ.

ނަބާހަތުގެ އެއް ކަންފަތަށް އެއްގޮތަކަށް ވެސް އަޑެއް ނީވެ އެވެ. އެކަމަށް އޮތް ފަރުވާއަކީ ހިޔަރިން މެޝިނެއް ބޭނުންކުރުން ކަމަށް ޑޮކްޓަރުން ވަނީ ލަފާދީފަ އެވެ. ނަމަވެސް އެ މެޝިން ހޯދުމަށް އެންސްޕާއަށް ދިޔަ ނަމަވެސް އެ އިންތިޒާމް ވެސް އަދި ހަމަޖެހޭ ގޮތެއް ނުވެ އެވެ. އަމިއްލައަށް އެވަރުގެ ހަރަދެއް ކުރާނެ ގާބިލު ކަމެއް އެ މަންމަގެ ނެތެވެ.

ނާހިދާގެ ހިތަށް ފަރުވާ ނުހޯދިފައިވާއިރު ނަބާހަތުގެ ހިތުގެ މައްސަލައެއް ހުރިތޯ ބެލުމަށް ޗެކްކުރުމަށް އަންގާފަ އެވެ. ކިރިޔާ ކަމެއްވާއިރަށް ނަބާހަރު ހިތުގައި ޖެހެ އެވެ. ރޮވެ އެވެ.

ނަބާހަތު ގޮވައިގެން އެއް ހޮސްޕިޓަލުން އަނެއް ކްލިނިކަށް އަނެއް މުއައްސަސާއަށް ނާހިދާ ހިނގަމުން، އާދޭސް ކުރަމުންދާއިރު އޭނާގެ ހިތުގެ ބަލި ވެސް ދަނީ ބޮޑުވަމުންނެވެ. ނާޙިދާގެ ނޭވާލާ ހޮޅީގައި މައްސަލަތަކެއް އެބަހުއްޓެވެ. އޭނާ ވަނީ މި އަހަރުގެ އޭޕްރީލް މަހު ކޮޗިންގެ އަމްރިތާ ހޮސްޕިޓަލަށް ފަރުވާ ހޯދުމަށް ގޮސްފަ އެވެ. ނަމަވެސް އެ ހޮސްޕިޓަލުން ވަނީ އޭނާގެ އޮޕަރޭޝަން ކުރެވެން ނެތް ކަމަށް ބުނެފަ އެވެ. އެއީ އޮޕަރޭޝަން ކާމިޔާބުވުމުގެ އޮތީ 20 ޕަސެންޓް ޗާންސެއް ކަމަށްވާތީ އެވެ. ނާހިދާގެ ބަލި ހާލަތާ ގުޅޭ ގޮތުން މުޅި އެ ހޮސްޕިޓަލްގެ ޑޮކްޓަރުން ވަނީ މަޝްވަރާކޮށްފަ އެވެ. ނަމަވެސް ނާހިދާއަށް އަލި މަގެއް ވަނީ ނުފެނެ އެވެ. ދިނީ އުއްމީދެކެވެ. އެއީ ހަ މަސް ފަހުން ލޭޒާ ބޭނުންކޮށްގެން ފަރުވާއެއް ކުރެވޭތޯ ބެލުމެވެ. ނަމަވެސް އޭގެ ފަހުން ފަރުވާއަށް ބޭރަށް ދެވޭނެ ގޮތެއް ނާހިދާއަކަށް އަދި ނުވެ އެވެ.

ނާހިދާއަކީ މަންމައެއް ބައްޕައެއް އެއްބަނޑު އެއްބަފާ މީހެއް ނެތް، އަތްމަތި ތަނަވަސް މީހަކަށް ނުވާއިރު ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ލިބޭ އިނާޔަތް ހޯދުމަށް އޭނާ ވަނީ މަސައްކަތްކޮށްފަ އެވެ. އޭނާއަކީ ހިތުގެ ނުކުޅެދުންތެރިކަން ހުންނަ މީހެއް ކަމުގެ ލިޔުން ވެސް ޑޮކްޓަރު ވަނީ ދީފަ އެވެ. ނަމަވެސް ސަރުކާރުންދޭ އެ އިނާޔަތް ނާހިދާއަށް ލިބޭ ގޮތެއް ނުވެ އެވެ.

ނާހިދާގެ އެންމެ ހަގު ދަރިއަށް ވަނީ އޭނާގެ ހިތުގެ ބަލި ވާރުތަކޮށްފަ އެވެ. އުމުރުން 13 އަހަރުގެ އިބްރާހިމް ޒަޔާން ގެ ހިތުގެ މައި ނާރު ދަނީ ބޮޑުވާން ޖެހޭ ވަރަށްވުރެ މާބޮޑަށް ބޮޑުވަމުންނެވެ. އެ ނާރު ބޮޑުވެ، ފަޅައިގެން ގޮސްފިނަމަ ދަރިފުޅުގެ ފުރާނައަށް ނުރައްކާވެދާނެ ކަމަށް ޑޮކްޓަރުން ވަނީ ބުނެފަ އެވެ. އެ ބަލި ރާއްޖޭގައި ހުރީ ޒަޔާންއާއެކު ދެ ކުދިންގެ އެވެ. މިހާރު ޒަޔާންއަށް ފަރުވާއަކީ ބޭހެކެވެ. ހަ މަހުން ހަ މަހުން ޗެކްއަޕް ހަދަން ޖެހެ އެވެ. ޒަޔާން އުމުރުން ހަގުވެ އަދި އޮޕަރޭޝަން ނުކުރަން ޑޮކްޓަރުން ވަނީ ނިންމާފަ އެވެ. ނަމަވެސް މެދުކެނޑުމެއްނެތި ބޭސް ބޭނުންކުރުމަށް ޑޮކްޓަރުން ވަނީ އަންގާފަ އެވެ.

ނަބާހަތުގެ އިތުރުން ނާޙިދާގެ ދެން ހުރީ އެންމެ އަންހެން ކުއްޖެކެވެ. އެ ކުއްޖާގެ ވެސް ބޮލުގައި އަބަދުހެން ރިއްސާތީ ޑޮކްޓަރަށް ދައްކަން ޖެހެ އެވެ. ދެން ތިބި ދެ ފިރިހެން ދަރިންގެ ފަރާތުން ބޮޑެތި ސިއްހީ މައްސަލަތަކެއް އަދި ނުފެނު ނަމަވެސް އެ ކުދިންނަކީ ވެސް ސިއްހީ ގޮތުން އެންމެ ފިޓް ކުދިންތަކެއް ނޫނެވެ. އެންމެ ބަލި ދަރިންނަށް އިސްކަންދެވޭތީ، އެ ކުދިންގެ ސިއްހީ ހާލަތު ބެލުމަށް މާބޮޑު ޗެކްއަޕްތަކެއް ވެސް އަދި ހެދިފައެއް ނުވެ އެވެ.

ފިރިމީހާއަށް ވެސް މާބޮޑު އާމްދަނީއެއް ނުލިބޭއިރު އެ ދެމަފިރިން އުޅެމުންދަނީ އާއިލާ މެންބަރެއްގެ\ އެހީއާއެކު އެވެ. ނާހިދާ އަދި އޭނާގެ ފިރިމީހާގެ އާއިލާގައި ވެސް ބޭސްފަރުވާއަށް ބޮޑު ހޭދައެއް ކޮށްދެވޭވަރުގެ މީހަކު ނެތެވެ. އެހެންކަމުން ނާހިދާ ބޭނުން ވަނީ އޭނާގެ އެ ކުޑަ އާއިލާއަށް ދިމާވެފައިވާ ހިތްދަތި ބަލި ހާލުން ސަލާމަތްވުމަށް ކުރަންޖެހޭ އޮޕަރޭޝަންތަކާއި ހޯދަންޖެހޭ ފަރުވާތައް ހޯދޭނެ ގޮތް ވުމެވެ. އެކަމަށް އެހީއެއް ލިބުމެވެ. އެކަމަށް ހިނގާ ހަރަދު ބޮޑެވެ. ބޭހުގެ ހަރަދުގެ އިތުރުން ދަތުރުފަތުރާއި ހުރުމާއި ކެއުމުގެ ހަރަދު ވެސް ހިނެމޭ ގޮތަށް ބޮޑު ހަރަދެއް ނަބާހަތުގެ ފަރުވާއަށް އެކަނި ވެސް އަރަ އެވެ.

ދީލަތި ފަރާތްތަކުން ނާހިދާއަށާއި ނާހިދާގެ އާއިލާއަށް ދިމާވެފައިވާ ހާލަތުން އަރައިގަތުމަށް އެހީތެރިކަމުގެ އަތެއް ދިއްކޮށްލާށެވެ. މީހުންނަށް އެހީތެރިވެދީ އިހްސާންތެރިވާ މީހުންނަށް އޮތް ހެޔޮ ޖަޒާ ދީނުގައި ވަނީ ބަޔާންކޮށް ދެއްވާފަ އެވެ.

ނާހިދާއަށް އެހީވުމަށް:

އެކައުންޓް ނަންބަރު: 7730000083623 Nahida Abdulla
ފޯނު ނަންބަރު: 7874091