ހަބަރު

ސަރުކާރާ މަޝްވަރާ ކުރަން ގޮތެއް ނިންމާނީ ޕާޓީތަކާ ވާހަކަ ދައްކައިގެން: އެމްޑީޕީ

ސިޔާސީ ޕާޓީތަކާ އެކު ބާއްވަން ސަރުކާރުން ހުށަހަޅާފައިވާ މަޝްވަރާތަކުގައި ބައިވެރި ވުމާމެދު ގޮތެއް ނިންމާނީ އިދިކޮޅު ހުރިހާ ޕާޓީތަކާ އެކު މަޝްވަރާ ކުރުމަށް ފަހު އެ ފަރާތްތަކުން އެއްބަސްވާ ގޮތެއްގެ މައްޗަށް ކަމަށް، އެންމެ ބޮޑު އިދިކޮޅު ޕާޓީ، އެމްޑީޕީ އިން މިރޭ ނިންމައިފި އެވެ.

ސޯލްޓް ރެސްޓޯރެންޓްގައި މިރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ކުއްލި ޖަލްސާގައި ވާހަކަ ދެއްކެވި އެޕާޓީގެ ގިނަ ބޭފުޅުން ވިދާޅުވީ މަޝްވަރާތަކަށް ގޮވައިލިޔަސް ސަރުކާރުގެ އިޚުލާސްތެރިކަމެއް ނެތް ކަމަށެވެ. މަޝްވަރާތަކަށް ދައުވަތު ދިނުމަށް ރައީސް އޮފީހުން ފޮނުވި ސިޓީގެ ސައްހަ ކަމާ މެދުގައި ވެސް ބައެއް ބޭފުޅުން ސުވާލު އުފެއްދެވި އެވެ. ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވި އެމްޑީޕީގެ ޗެއާ ޕާސަން ހަސަން ލަތީފު ވިދާޅުވީ ގައުމީ މަޖިލީހުގައި މިރޭ ފާޅުކުރާ ހިޔާލުތައް ނޯޓްކޮށް، އެޕާޓީއާ އެކު މަސައްކަތް ކުރާ އިދިކޮޅު އެހެން ޕާޓީތަކަށް ހުށަހަޅުއްވާނެ ކަމަށެވެ. އަދި ވިދާޅުވީ މަޝްވަރާ ކުރުމާ މެދު ގޮތެއް ނިންމާނީ ގުޅިފައިވާ ޕާޓީތަކުން ކަމަށެވެ.

އެމްޑީޕީގެ އިހަވަންދޫ ދާއިރާގެ ރައީސް އަހުމަދު ޢަބުދުﷲ ވިދާޅުވީ އެއީ އިހުލާސްތެރި ކަމާއި އެކު ފޮނުވި، ސައްހަ ސިޓީއެއް ނަމަ އޭގައިވާ ވާހަކަ ތަކަކީ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެގެން ބުނެފައިވާ ވާހަކަ ތަކެއް ކަން ބަޔާންކޮށްފައި އޮންނާނެ ކަަަމަށެވެ.

މަޝްވަރާތަކުގައި ބައިވެރި ނުވާނެ އަނެއް ސަބަބެއް ކަމަށް އެމްޑީޕީން ނިންމީ އެޕާޓީގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ބައިވެރިވެވަަޑައިގެންނެވޭނެ ގޮތަކަށް އިންތިޒާމްކޮށްފައި ނެތުމެވެ.

ސަރުކާރުގެ ފަރާތުން ޕާޓީތަކުގެ މަޝްވަރާތަކުގައި ބައިވެރިވަޑައިގަންނަވާ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ކުރިން ވިދާޅުވެފައި ވަނީ މަޝްވަރާތަކަށް ސަރުކާރުން ދައުވަތު ދިނީ ޝަރުތު ތަކަކާ ނުލައި މަޝްވަރާ ކުރަން އިދިކޮޅުން ބޭނުންވާ ކަމަށް ގަބޫލު ކުރެވިގެން ކަމަށެވެ.

"މިފަހަރު އެއްވެސް ޝަރުތުތަކެއްގެ ވާހަކައެއް އެއްވެސް ބޭފުޅަކު ނުދައްކަވާ. އިދިކޮޅު ފަރާތްތަކުންވެސް އެއްވެސް ޝަރުތުތަކެއްގެ ވާހަކައެއް ނުދައްކަވާ. އެކަމަކު ގެންނަން ޖެހޭ އިސްލާމީ ބަދަލުތަކެއްގެ ވާހަކަ މި ދައްކަވަނީ. އެހެންވީމާ އެ އިސްލާހީ ބަދަލުތަކުގެ ވާހަކަ ދައްކަވާތީ ސަރުކާރަށް ގަބޫލުކުރެވުނީ އަނެއްކާވެސް އިދިކޮޅު ފަރާތްތަކުން ޕްރިކޮންޑިޝަންސް ތަކާ ނުލައި މިހާރު އިހުލާސްތެރިކަމާ އެއްކޮށް މީގައި ބައިވެރިވާން ތައްޔާރުވެފައިވާ ކަމަށް،" އޮގަސްޓްމަހުގެ 30 ވަނަ ދުވަހު ބޭއްވި ނޫސްކޮންފަރެންސެއްގައި ޑރ. ޝައިނީ ވިދާޅުވިއެވެ.

މީގެ ކުރިން ވެސް އެކި ފަހަރުމަތިން އިދިކޮޅު ފަރާތްތަކާ އެކު މަޝްވަރާތައް ބޭއްވުމަށް ސަރުކާރުން މަސައްކަތްކޮށްފައިވެ އެވެ. އެހެން ނަމަވެސް، ދެ ފަރާތުގެ ޝަރުތުތަކާ ހުރެ މަޝްވަރާތައް ކުރިއަށްދާ ގޮތެއް ނުވެ އެވެ.