ހަބަރު

ގާނޫނާ ހިލާފް އަމުރުތަކަށް ތަބާނުވާން ރައީސް ނަޝީދު ސަލާމަތީ ބާރުތަކަށް ގޮވާލައިފި

ރައީސް އަބްދުﷲ ޔާމީން ކުރާ ގާނޫނާ ހިލާފް އަމުރުތަކަށް ސަލާމަތީ ބާރުތަކުން ތަބާނުވާން ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައިފި އެވެ.

ރައީސް ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން ޖަލުގައި ބަންދުކޮށްފައި ހުންނަތާ 55 ދުވަހަށްވުރެ ގިނަ ދުވަސްވިއިރު ފާރިސް ބަންދުކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށެވެ. އަދި އެފަދަ އަމުރުތަކަށް ސަލާމަތީ ބާރުތަކުން ތަބާނުވާން ނަޝީދު ގޮވާލި އެވެ.

ފާރިސް ހައްޔަރު ކޮށްފައިވަނީ އެއްވެސް ހެއްކެއް ގަރީނާއެއް ނެތި ގާނޫނީ އިމުގެ ބޭރުން ސިޔާސީ މަންފާ ހާސިލް ކުރުމަށް ކަމަށާއި އެމަނިކުފާނު މިހާރުން މިހާރަށް ދޫކޮށްލުމަށް ގުޅިފައިވާ ސިޔާސީ ފަރާތްތަކުން ވަނީ ސަރުކާރަށް ގޮވާލާފަ އެވެ.

ފާރިސް ހައްޔަރުކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތުދޭން އުޅުނުކަމުގެ ތުހުމަތުގަ އެވެ. ފާރިސް ބަންދުގައި ބަހައްޓާފައިވަނީ ގާނޫނާ ހިލާފަށް ކަމަށްބުނެ އޭނާގެ ވަކީލުން ވަނީ ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމްއަށް ސިޓީ ފޮނުވާފަ އެވެ.

އެ ސިޓީގައި ވިދާޅުވެފައިވަނީ ފާރިސް ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވަނީ ޕީޖީގެ ފަރާތުން ފާރިސްއަށް ކުރަނީ ބޮޑު ޖިނާއީ ކުށެއްގެ ތުހުމަތު ކަމަށް ބުނެފައިވާތީ ކަމަށެވެ. އަދި އޭނާ ބަންދުކުރި އަމުރުގައި ވެސް އެކަން ފާހަގަކޮށްފައިވާ ކަމަށެވެ.

ނަމަވެސް ފާރިސްގެ މައްޗަށް ކުރާ ރިޝްވަތު ދިނުމުގެ ތުހުމަތަކީ ބޮޑު ޖިނާއީ ކުށެއްގެ ތުހުމަތަށްވާ އެއްވެސް ގާނޫނީ ހަމައެއް ނެތް ކަމަށް މައުމޫން ހަމީދު ވިދާޅުވި އެވެ. އޭގެ ސަބަބުތައް ވެސް މައުމޫން ހަމީދު ދެއްކެވި އެވެ.

އެގޮތުން މައުމޫން ހަމީދު ވިދާޅުވެފައިވަނީ ރިޝްވަތު ދިނުމަކީ ޖިނާއީ ބޮޑު ކުށެއް ނޫންކަން ހައިކޯޓުން މި މަހުގެ 23 ވަނަ ދުވަހު ކުރި ހުކުމެއްގައި ކަނޑައަޅާފައިވާ ކަމަށެވެ. އެ މައްސަލައަކީ ޖުމްހޫރީ ޕާޓީގެ އެކްޓިވިސްޓް އަހުމަދު ޝާފިއު ބަންދުން ދޫކޮށްލީ ރަނގަޅަށް ކަމަށް ކަނޑައަޅައި ހައިކޯޓުން ކުރި ހުކުމެވެ.

ޝާފިއުގެ މައްސަލަ ބިނާވެފައިވަނީ ވެސް އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ވެސް ކުރެވޭ މައްސަލަކަން އެނގޭ ކަމަށާއި ޝާފިއު މައްސަލާގައި ހުށަހަޅާފައިވާ ހެއްކާއި ގަރީނާއަކީ މީހަކު ބަންދުގައި ބަހައްޓަންޖެހޭފަދަ ހެއްކާއި ގާރީނާ ނޫން ކަމަށް ކުރިމިނަލް ކޯޓުން ވެސް ނިންމާފައިވާ ކަމަށް މައުމޫން ހަމީދު ވިދާޅުވި އެވެ. ހަމަ އެ ހެއްކާއި ގަރީނާއަކީ ފާރިސް ބަންދުގައި ބަހައްޓަން އެކަށީގެންވާ ހެއްކާއި ގާރީނާ ކަމަށް ކުރިމިނަލް ކޯޓުން ނިންމާފައިވާ ކަމަށެވެ.

އެ ސިޓީގައި ވީހާވެސް އަވަހަކަށް ފާރިސް މިނިވަން ކޮށްދެއްވުމަށްވެސް އެދިފައިވެ އެވެ.