ހަބަރު

ރައީސް ޔާމީން މެކްސިކޯގެ ރައީސަށް ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފި

މެކްސިކޯއަށް އައި ބާރުގަދަ ބިންހެލުމުގައި، ގިނަ އަދަދެއްގެ ބަޔަކު މަރުވެ، މުދަލަށާއި އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުމާ ގުޅިގެން، އެކަމުގެ ހިތާމައިގައި، ‏ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންއަބްދުލްޤައްޔޫމް‏، މެކްސިކޯގެ ރައީސް އެންރިކޭ ޕެނާ ނީޓޯއަށް ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފި އެވެ.

ރައީސް ފޮނުއްވި މެސެޖުގައި ވިދާޅުވެފައިވަނީ އެ ހަބަރު އެއްސެވީ ކުއްލި ހައިރާންކަމަކާއި، ނުހަނު ކަންބޮޑުވުމާއިއެކު ކަމަށެވެ. އަދި ގައުމީ ހިތާމައިގެ މިދަނޑިވަޅުގައި، ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި، މެކްސިކޯގެ ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް އިހްލާތެރިކަމާއެކު ހަމްދަރުދީ ފޮނުއްވާފައިވެއެވެ. އަދި އެ ހާދިސާއި މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ރައްދުކޮށްދެއްވުމަށްވެސް ރައީސްގެ މެސެޖުގައި އެދިވަޑައިގެންފައިވެއެވެ.

ރިކްޓަ މިންގަނޑުން 8.2 ގެ ބާެރުމިނުގައި އައި އެ ބިންހެލުމުގައި 32 މީހުން މަރުވެފައި 200 އަށްވުރެ ގިނަ މީހުންނަށް އެކިވަރުގެ އަނިޔާ ލިބިފައިވެ އެވެ. އެ ބިންހެލުމަކީ ފާއިތުވި ގަރުނެއްހާ ދުވަހުގެ ތެރޭގައި އައި އެންމެ ބާރުގަދަ ބިންހެލުމުގެ ގޮތުގައި އެގައުމުން ސިފަކުރެ އެވެ. މެކްސިކޯގެ ދެކުނު އައްސޭރިއާ ކައިރިން ޕެސިފިކް ކަނޑުގެ އަޑިއަށް އައި އެ ބިންހެލުމުގެ ސަބަބުން ސުނާމީއެއް އުފެދި ތިން މީޓަރު އުސް ރާޅުތައް އަރައިފާނެކަމުގެ އިންޒާރުވަނީ ދީފަ އެވެ.

ޔޫއެސް ޖިއޮލޮޖިކަލް ސާވޭއިން ބުނީ ބިންހެލުން އައީ 8.1 ގެ ބާރުމިނުގައި 70 ކިލޯ މީޓަރު އަޑިއަށް ކަމަށެވެ.

ބިންހެލުމުގައި މެކްސިކޯގެ އޯޝާސާ ސްޓޭޓަށާއި ޗިއާޕާސް ސްޓޭޓަށް ބޮޑެތި ގެއްލުންތައް ލިބުނު އިރު ބިންހެލުން އުފެދުނު ސަރަހައްދާ 1000 ކިލޯ މީޓަރު ދުރުގައިވާ މެކްސިކޯ ސިޓީއަށް ވެސް އަސަރުކުރިއެވެ. މެކްސިކޯގެ ރައީސް އެންރިކް ޕީނާ ނިއޭޓޯ ވިދާޅުވީ އެގައުމުގެ 50 މިލިޔަން މީހުންނަށް ބިންހެލުމުގެ އިހުސާސްވި ކަމަށެވެ.

ބިންހެލުމުގެ އަސަރު މެކްސިކޯގެ އިތުރުން އަވަށްޓެރި ގުއާޓެމާލާއަަށް ވެސް ކުރިއެވެ. އެގައުމުން އެކަކު މަރުވިކަން އެގައުމުގެ ރައީސް ވަނީ ހާމަކުރައްވާފައެވެ.

ޕެސިފިކް ސްނާމީ ވޯނިން ސެންޓަރުން ބުނެފައި ވަނީ ތިންމީޓަރު އުސް ސުނާމީއެއް މެކްސިކޯއަށް އެރުމުގެ ނުރައްކާ އެބަ އޮތް ކަމަށެވެ. އެހެންވެ، އެގައުމުގެ ޗިއާޕާސް ސްޓޭޓްގެ އައްސޭރިފަށުގެ ސަރަހައްދުގައި އުޅޭ މީހުން ވަނީ ގެދޮރު ދޫކޮށް އެހެން ހިސާބުތަކަށް ގޮސްފައެވެ.