ހަބަރު

ހުރަސް އެޅިޔަސް މަޖިލީހަށް ހާޒިރުވާނަން: ހަތަރު މެންބަރުން

ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ގެއްލިފައިވާ ކަމަށް ރަސްމީ އެއްވެސް ފަރާތަކުން މިހާތަނަށް އަންގާފައިނުވާ ކަމަށާއި ސުޕްރީމް ކޯޓުގެ ނިންމުން ވެސް ގޮނޑި ގެއްލިފައިވާ ކަމަށް ބަލާނެ ޖާގައެއް ނެތުމުން ރައްޔިތުންގެ މަޖިލީހަށް ހާޒިރުވެ އެ މަޖިލީހުގެ މަސައްކަތްތަކުގައި ބައިވެރިވާނެ ކަމަށް ގޮނޑިއާމެދު ސުވާލު އުފެދިފައިވާ ހަތަރު މެންބަރުން ވިދާޅުވެއްޖެ އެވެ.

އިލެކްޝަން ކޮމިޝަނުން ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅާފައިވާ ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) އާއި މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތާއި ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިނާއި ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފު މުހައްމަދު މިއަދު ކުނޫޒުގއި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހަތަރު މެންބަރުން ވެސް ވަނީ އެ ބޭފުޅުންގެ ގޮނޑި ނުގެއްލޭ ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރައްވާފަ އެވެ. ސުޕްރީމް ކޯޓަށް އެ ބޭފުޅުން ހުށަހެޅި ގޮނޑި މައްސަލާގައި ނިންމި ނިންމުން އެކަން ވަރަށް ރަނގަޅަށް ސާފުވާ ކަމަށް އެ މެންބަރުން ވިދާޅުވި އެވެ.

ޖަލްސާތަކަށް އަޅުގަނޑުމެންނަށް ވަދެވޭނެ، ވަދެވެން ޖެހޭނެ، ނަމަވެސް ކަން ހިނގާފަ މިއޮތް ގޮތުން ކަން ހިނގާނެ ގޮތް ކަމަށް ބެލެވެނީ ސެކިއުރިޓީން މެދުވެރިކޮށް ނުވަތަ ސިފައިން ވައްދައިގެން އެ ބޭފުޅުން އަޅުގަނޑުމެން ނެރެފާނެ، އެގޮތަށް ނެރުނު ނަމަވެސް ނެރެން މަސައްކަތް ކުރި ނަމަވެސް އަޅުގަނޑު މަސައްކަތް ކުރާނަން މަޖިލީހަށް ހާޒިރުވުމަށް
އަމީތު

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަމީތު ވިދާޅުވީ، މެންބަރުން ނޫން ކަމަށް މަނާ ކުރެވޭނެ އެއްވެސް ގާނޫނީ ސަބަބެއް ނެތް ކަމަށެވެ. އެހެންކަމުން މަޖިލީހަށް ވަނުމަށް ހުރަސްއެޅޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

"ޖަލްސާތަކަށް އަޅުގަނޑުމެންނަށް ވަދެވޭނެ، ވަދެވެން ޖެހޭނެ، ނަމަވެސް ކަން ހިނގާފަ މިއޮތް ގޮތުން ކަން ހިނގާނެ ގޮތް ކަމަށް ބެލެވެނީ ސެކިއުރިޓީން މެދުވެރިކޮށް ނުވަތަ ސިފައިން ވައްދައިގެން އެ ބޭފުޅުން އަޅުގަނޑުމެން ނެރެފާނެ، އެގޮތަށް ނެރުނު ނަމަވެސް ނެރެން މަސައްކަތް ކުރި ނަމަވެސް އަޅުގަނޑު މަސައްކަތް ކުރާނަން މަޖިލީހަށް ހާޒިރުވުމަށް،" އަމީތު ވިދާޅުވި އެވެ.

މެންބަރު ސައުދު ވިދާޅުވީ، ސުޕްރީމް ކޯޓުގެ ނިންމުން ތަންފީޒުކުރުމާ ގުޅޭ ގޮތުން އިތުރަށް ކުރަންޖެހޭ ކަންކަން ކުރުމާ ގުޅޭ ގޮތުން ގުޅިފައިވާ ޕާޓީތަކުން މަޝްވަރާކުރާ ކަމަށެވެ. އޭނާ ގަބޫލުކުރައްވާ ގޮތުގައި، އިލެކްޝަން ކޮމިޝަނުން މިހާރު ހިންގަމުން ދަނީ ޣައިރު ގާނޫނާ އަމަލުތަކެއް ކަމަށެވެ. އެކަންކަން ހުއްޓުވުން ސުޕްރީމް ކޯޓަށް ލާޒިމުވާ ކަމަށެވެ.

މެންބަރު ލަތީފް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށްވީތީ އޭނާ އަތުގައި ބައެއް ތަކެތި އެބަހުރި ކަމަށާއި ނަމަވެސް އެތަކެތި އަނބުރާ ދެއްކުމަށް ވެސް އަންގާފައިނުވާ ކަމަށެވެ. އިލެކްޝަން ކޮމިޝަނުން ވެސް ޕީޕީއެމްއިން ވެސް ރައްޔިތުންގެ މަޖިލީހުން ވެސް އެއީ މެންބަރުން ނޫން ކަމަށް އެ ބޭފުޅުންނަށް އަންގާފައިނުވާ ކަމަށެވެ.