ހަބަރު

ވަކީލުންގެ ފަރާތުން ބަންޑާރަ ނައިބަށް "ބޮޑު" ގާނޫނު އަސާސީއެއް

ގިނަ ވަކީލުންތަކެއް އެ ބޭފުޅުންގެ ކަންބޮޑުވުންތަކަށް ހާމަކުރުމުގެ ގޮތުން ބަންޑާރަ ނައިބު އޮފީހަށް މިއަދު ބޮޑުކޮށް ޕްރިންޓްކޮށްފައިވާ ގާނޫނު އަސާސީއެއް ހަދިޔާކޮށްފި އެވެ. ވަކީލުން ވަނީ ސުޕްރީމް ކޯޓަށް ހުށަހެޅުމަށް މަސައްކަތްކުރި ޕެޓިޝަން ވެސް މިއަދު ބަންޑާރަ ނައިބު އޮފީހަށް ހުށަހަޅާފަ އެވެ. ޖުމްލަ 56 އަށްވުރެ ގިނަ ވަކީލުން ސޮއި ކުރައްވާފައިވާ ޕެޓިޝަން ހުށަހެޅުމަށް ގިނަ އަދަދެއްގެ ވަކީލުން މިއަދު އެ އޮފީހަށް ދިޔަ އެވެ.

ބަންޑާރަ އޮފީހުން ނުކުތުމެވަޑައިގަތުމަށްފަހު ވަކީލުން ފަށާފައިވާ އިސްލާހީ ހަރަކާތުގެ ތަޖުރިމާނު މަހުފޫޒު ސައީދު ވިދާޅުވީ، ޕެޓިޝަން ވަނީ ބަންޑާރަ ނައިބުގެ އޮފީހުން ބަލައިގެންފައި ކަމަށެވެ. ނަމަވެސް މިއަދު ބަންޑާރަ ނައިބު މުހައްމަދު އަނިލްއާ ބައްދަލުކުރެވޭ ގޮތެއް ނުވި ކަމަށެވެ.

ޕެޓިޝަންގެ އިތުރުން ވަކީލުން ހަދިޔާކުރި ބޮޑު ގާނޫނު އަސާސީއާ ވެސް އެ އޮފީހުން ހަވާލުވެފައިވާ ކަމަށް މަހުފޫޒު ވިދާޅުވި އެވެ.

"އެއްވެސް މުއައްސަސާއަކަށް ނުވަތަ އިދާރާއަކަށް ވާނެ ކަމެއް ނޫން އެއީ ގާނޫނު އަސާސީއަށްވުރެ ފުޅާވުމަކީ، އެއީ ސުޕްރީމް ކޯޓުން ވިޔަސް ރައީސް އޮފީސް ކަމަށްވީ ނަމަވެސް ޕީޖީ އޮފީސް ކަމަށްވީ ނަމަވެސް ނުވަތަ ބަންޑާރަ ނައިބު އަނިލް ކަމުގައިވީ ނަމަވެސް ގާނޫނު އަސާސީއަށްވުރެ ފުޅަލެއް ނުވެވޭނެ، އެ މެސެޖް ބަންޑާރަ ނައިބަށް ދެއްވަން އަޅުގަނޑުމެން ބޭނުންވީ،" މަހުފޫޒު ވިދާޅުވި އެވެ.

ގާނޫނީ ވަކީލް ހުސްނުއް ސުއޫދު ވިދާޅުވީ، މިއަދު ބަންޑާރަ ނައިބަށް އެރުވި ބޮޑު ގާނޫނު އަސާސީގައި އެއްވެސް މާއްދާއެއް އުނިނުވާނެ ކަމަށެވެ. ބައެއް ބޭފުޅުން ގާނޫނު އަސާސީ މިހާރު ބައްލަވާއިރު ބައެއް މާއްދާތައް ނުފެންނަކަން ފާހަގަކުރެވޭ ކަމަށް ސުއޫދު ވިދާޅުވި އެވެ.

"ފެނިވަޑައިގަންނަވާ ސައިޒްގަ މިހާރު އަޅުގަނޑުމެން މި ހަދިޔާ ކުރީ، އެހެން ވެސް މުއައްސަސާއަކަށް ވެސް ގާނޫނު އަސާސީ ފެނިވަޑައިނުގަންވާނަމަ އަޅުގަނޑުމެން ހިލޭ މިފަދަ ބޮޑު ގާނޫނު އަސާސީއެއް އެ ބަޔަކަށް ހަދިޔާކުރާނަން،" ސުއޫދު ވިދާޅުވި އެވެ.

ވަކީލުން ތައްޔާރުކޮށްފައިވާ ޕެޓިޝަންގައި ވަކީލުން ފާހަގަކުރައްވާފައިވާ ކަންބޮޑުވުންތަކުގެ ތެރޭގައި މުއްދަތު ޖެހުމުގައި ހަމައެއް ލަމައެއް ނެތުމާއި ޣައިރު ހާޒިރުގައި ހުކުމް ކުރުމާއި ސިއްރު ހެކިބަސް ނެގުމާއި ފަނޑިޔާރުންގެ ސުލޫކާއި ފަނޑިޔާރުންނަށް ނުހައްގުން އަދަބު ދިނުމާއި ވާޒީފާގެ ބިރު ދެއްކުން ހިމެނެ އެވެ.

އޭގެއިތުރުން ވެސް ވަކީލުންގެ ކަންކަމާ ސުޕްރީމް ކޯޓުން ހަވާލުވުމާއި ގާނޫނު އަސާސީއިން ލިބިދީފައިވާ ބާރުގެ ބޭރުން ސުޕްރީމް ކޯޓުން އަމަލުކުރުމާއި އެއް ފަނޑިޔާރުގެ މަސައްކަތަށް އަނެއް ފަނޑިޔާރަކު ނުފޫޒު ފޯރުވުމާއި ތުހުމަތުގައި ބަންދުކުރެވޭ ފަރާތްތަކުގެ ހައްގުތައް ގެއްލުމާއި ސަބަބެއް އެންގުމެއް ނެތި ވަކީލުންނަށް ފިޔަވަޅު އަޅާ ކަމަށް ބުނެ ވަކީލުން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. އަދި ޖޭއެސްސީ ހިންގުމުގައި ހަމައެއް ލަމައެއް ނެތުމާއި ޝަރީއަތް ހިންގޭ ގޮތް ގޯސްވުމާއި ބަންޑާރަ ނައިބާއި ޕްރޮސިކިއުޓާ ޖެނަރަލް މަސްއޫލިއްޔަތު އަދާނުކުރެއްވުން ޕެޓިޝަންގައި ކަންބޮޑުވުންތަކުގެ ގޮތުގައި ފާހަގަކޮށްފައިވެ އެވެ.