އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ މެޗުގައި ރޭ ވިކްޓަރީ ސްޕޯޓްސް ކްލަބް އަތުން 3-1 އިން ނިއު ރޭޑިއަންޓް މޮޅުވި ނަމަވެސް، އެ މެޗުން ވިކްޓަރީ އަށް ޕޮއިންޓެއް ހައްގު ކަމަށް ވިކްޓަރީގެ ކޯޗު އަހުމަދު ނާޝިދު (ނާދު) ބުނެފި އެވެ.
މެޗުގެ ފުރަތަމަ ހާފުގައި ނިއުގެ ސްލޮވާކިއާ މިޑްފީލްޑަރު ވިލިއަމް މަކޯ ލަނޑެއް ޖަހައި އެ ޓީމަށް ލީޑު ހޯދައިދީފައި ވަނިކޮށް، ދެވަނަ ހާފުގައި ވިކްޓަރީ މެޗުގެ ނަތީޖާ އެއްވަރުކުރީ އެ ޓީމަށް ލިބުނު ހިލޭޖެހުމަކުން ބަދަލު ކުޅުންތެރިއާ އަހުމަދު ޒިއާން ޖެހި ލަނޑުންނެވެ.
ވަރުގަދަ ނިއު އަތުން ވިކްޓަރީ ޕޮއިންޓެއް ހޯދަން ދަނިކޮށް، ވިކްޓަރީގެ އުންމީދުތައް ފެނަށް ދިޔައީ މެޗުގެ ފަހު މިނިޓުގައި ނިއު އަށް ލިބުނު ޕެނަލްޓީއަކުންނެވެ. ރެފްރީ އަހުމަދު ޝިފާން ނިއު އަށް ޕެނަލްޓީއެއް ދިނީ ޕެނަލްޓީ އޭރިޔާ ތެރެއިން ވިކްޓަރީގެ މިޑްފީލްޑަރު ޗިންޑްޒީ ކަކާގެ އަތުގައި ބޯޅަ ޖެހުމުންނެވެ. ނިއުގެ ތަޖުރިބާކާރު ފޯވަޑް އޮއްޕޮ ވަނީ ޕެނަލްޓީ ކާމިޔާބުކޮށް، ނިއު އަށް ލީޑު ހޯދައިދީފަ އެވެ.
މެޗުގެ އިތުރު ވަގުތުގައި ނިއުގެ ތިން ވަނަ ލަނޑު ޖެހީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް އަލީ ފާސިރު (ސެންޓޭ) އެވެ.
"މި މެޗުން ވިކްޓަރީ އަށް ޕޮއިންޓެއް ހައްގު. އެކަމަކު ދެ ޓީމަކާ ދެކޮޅަށް ކުޅެން ޖެހުނީމަ މި ކަހަލަ ގޮތެއް ވާނީ،" މެޗުގެ ރެފްރީންގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހޭ ކަމަށް އިޝާރާތް ކުރަމުން ނާދު ބުންޏެވެ. "ދެ ޓީމާ ދެކޮޅަށް މި ބުނާ އެއްޗެއް ތި ބޭފުޅުންނަށް އެނގޭނެ."
ނާދު ބުނީ މެޗުގައި ވިކްޓަރީގެ ކުޅުންތެރިން ދެއްކި ކުޅުމާއި، ކުރި މަސައްކަތާމެދު ވަރަށް ހިތްހަމަޖެހޭ ކަމަށެވެ.
"ވިކްޓަރީގެ ކުޅުންތެރިން ވަރަށް ރަނގަޅަށް ކުޅުނު. އަދި ކުރި މަސައްކަތާމެދު ވެސް ވަރަށް ހިތްހަމަޖެހޭ. އެކަމަކު ދެ ޓީމާ ދެކޮޅަށް ކުޅެންޖެހުނީމަ މި ކަހަލަ ގޮތެއް ވާނީ،" ނާދު ބުންޏެވެ.