އެންމެ ރަނގަޅު ގޮތުގައި ދަރިއަކު ނުވަތަ ދަރިން ތަރުބިއްޔަތު ކުރުމަކީ ބޮޑު ގޮންޖެހުމެއް ކަމަށް ގިނަ މައިންބަފައިން ބުނެ އެވެ. ބައެއް ކަހަަލަ ކަނާތަކާއި ބަލި މަޑުކަން އަދި ބައެއް ކަހަލަ ކުޅިވަރު ސާމާނުތައް ކުދިން ތަރުބިއްޔަތު ކުރުމަށް ގޮންޖެހުން ކުރިމަތިކުރުވާ ކަމަށް ބުނެ އެވެ. އެހެން ކަމުން އިނގިރޭސިވިލާތުގެ ޝާހީ ގަނޑުވަރުކޮޅުގައި ބޮޑުވަމުން އަންނަ ޕްރިންސް ވިލިއަމް އަދި ކޭޓް މިޑްލްޓަންގެ ބޭފުޅުންނަށް ބައެއް ކަހަލަ ކުޅޭއެއްޗެހި ބޭނުންކުރުން އޮންނަނީ މަނާކޮށްފަ އެވެ.
ޕްރިންސް ވިލިއަމް އަދި ކޭޓް މިޑްލްޓަންގެ ޖޯޖް އަދި ޝާލޮޓް އަށް ކުޅުމަށް އައިޕެޑް ބޭނުންކުރުމަކީ މަނާ ކަމެކެވެ. އެ އާއިލާ އާއި ގުޅުންހުރި ފަރާތަކުން އެމެރިކާގެ ނޫހަކަށް މައުލޫމާތު ދެމުން ބުނެފައިވަނީ އައިޕެޑް ފަދަ އިލެކްޓްރޯނިކްސް އެއްޗެހި ކުޅުން މަނާކޮށް އެކުދިންނަށް ކުޅެން ފުރުސަތުދެނީ އެކުވެރި ކުދިންނާ އާއިލާގެ މީހުންނާ އެކުގައި ކަމަށެވެ. އަދި އެއީ ކުދިންގެ ހެދިބޮޑުވުމަށްވެސް އެންމެ ފައިދާހުރި ގޮތްކަމަށެވެ. އެގޮތުން ގޭގެ ގޯތި ތެރޭގައި ކުދިންނަށް ނުކުމެ ކުޅެން އުޅެވޭ ކަމަށެވެ.
"ބޭރަށް ނުކުމެ އެހެން މީހުންނާ ގުޅިގެން ކުޅެން އުޅުމަކީ ކުދިންގެ ސިކުނޑިވެސް ބޮޑަށް ތަރައްގީވެ ވަށައިގެންވާ މާހައުލަށް ކުއްޖާ ހޭނި ކަންތައްތަކެއް ކުއްޖާއަށް ދަސްވާނެ ކަމެއް،" އެމީހާ ބުނެފައިވެ އެވެ.
އައިޕެޑް ފަދަ އެއްޗެހި ކުޅުން ކުދިންނަށް މަނާކުރި މިއީ މަޝްހޫރު ފުރަތަމަ ބެލެނިވެރިންނެއް ނޫނެވެ. ޖެނިފާ ލޮޕޭޒްވެސް އޭނާގެ ދަރިންނަށް އައިޕެޑް ދެނީ ހަފްތާ ބަންދުގައި އެކަނި ކަމަށްވެ އެވެ. އަދި ކޯޓެނީ ކާޑޭޝިއަން އޭނާގެ ކުދިންނަށް އައިޕެޑް ދެނީ ހަފްތާގެ ދުވަސްތަކުގައި ކޮންމެ ދުވަހަކު ބައި ގަޑިއިރު އަދި ހަފްތާ ބަންދުގައި ކޮންމެ ދުވަހަކު އެއް ގަޑިއިރެވެ.
ގިނަ ވަގުތު އައިޕެޑް ފަދަ އެއްޗެހި ކުދިންނަށް ދިނުމަކީ އެކުދިންގެ ލޮލަށްވެސް ގެއްލުންތަކެއް ލިބޭނެ ކަމެކެވެ.