ދުނިޔެ

ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމުގެ ސަބަބުން އިޓަލީން ހަމީހުން މަރުވެއްޖެ

އިޓަލީގެ މެދުތެރޭގައިވާ ޓަސްކަނީ ނަމަކަށް ކިޔާ ސަރަހައްދަށް އިއްޔެރޭ ވެހުނު ބޯވާރޭގެ ސަބަބުން ފެންބޮޑުވެ، ހަމީހުން މަރުވެއްޖެއެވެ.

އިޓަލީގެ ނޫހެއް ކަމަށްވާ ދަ ލޯކަލް އައިޓީ އިން ބުނީ ޓަސްކަނީ ހަމީހުން ވެސް މަރުވީ ލިވޯރްނޯ ނަމަކަށް ކިޔާ ރަށުން ކަމަށެވެ. އިޓަލީގެ މޫސުމާ ބެހޭ އިދާރާއާ ހަވާލާދީ އެނޫހުން ބުނީ ލިވޯރްނޯ ސިޓީއަށް އިއްޔެރޭ 40 މިލިމީޓަރުގެ ވާރޭ ވެހުނު ކަމަށެވެ.

ލިވޯރްނޯގެ މޭޔަރު ފިލީޕޯ ނޮގާރިން ވިދާޅުވެފައި ވަނީ ފެންބޮޑުވުމުގެ ސަބަބުން އެސިޓީއަށް ބޮޑެތި ގެއްލުންތައްވެ، ކާރިސާއެއްގެ ބިރު އުފެދިފައިވާ ކަމަށެވެ. ވިއްސާރައިގެ ނުރައްކާތެރިކަން ސަރުކާރަށް އަންދާޒާ ކުރެވުނީ ގޯސްކޮށް ކަމަށާއި އެހެންވެ، ރެޑް އެލާޓްގެ ބަދަލުގައި ނެރުނީ އޮރެންޖް އެލާޓް ކަމަށް ވެސް އޭނާ ވިދާޅުވެފައި ވެއެވެ.

" އަހަރެމެން ނުބަލަން މިހެން ވާނެ ކަމަކަށް. އެއީ އޮރެންޖް އެލާޓް ނެރުނީމާ. ދެން އަހަރެމެން ހޭލި އިރު މިއޮތީ މިގޮތަށް،" ނޮގާރިން ވިދާޅުވިކަމަށް ނޫހުގައި ވެއެވެ.

އޭނާ ވިދާޅުވެފައި ވަނީ ރެޑް އެލާޓެއް ނެރުނު ނަމަ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުނީސް ކަަމަށާއި އެގޮތަށް ކަންތައް ކުރެވުނު ނަމަ މިއަދަދަށް މީހުން މަރު ނުވުމުގެ ފުރުސަތު އޮތް ކަމަށެވެ.

ފެންބޮޑުވުމުގެ ސަބަބުން ބައެއް ސަރަހައްދުތައް ފެނު އަޑީގައި އޮތް އިރު، މަރުވި މީހުންގެ އަދަދު އަދި އިތުރުވާނެ ކަމަށް ބެލެވެއެވެ.