ހަބަރު

ގިނަ ވަކީލުންތަކެއް ސަސްޕެންޑް ކުރުމުން އީޔޫ ކަންބޮޑުވެއްޖެ

ޝަރުއީ ދާއިރާގެ މައްސަލަތައް ފާހަގަކޮށް އެކަންކަން އިސްލާހުކޮށް ދިނުމަށް އެދި، ވަކީލުން ސުޕްރީމް ކޯޓަށް ހުށަހަޅަން މަސައްކަތް ކުރި ޕެޓިޝަނަކާ ގުޅިގެން އެ ޕެޓިޝަންގައި ސޮއި ކުރި 54 ވަކީލުން ސަސްޕެންޑް ކުރުމާ ގުޅިގެން ޔޫރަޕިއަން ޔޫނިއަން (އީޔޫ)އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ވަކީލުން ސަސްޕެންޑް ކުރި ކުރުން ކުށްވެރިކޮށް އީޔޫއިން ރާއްޖެއަށް ކަނޑައަޅާފައިވާ ޑެލިގޭޝަންގެ ޓްވީޓެއްގައި ބުނެފައިވަނީ، ޝަރުއީ ދާއިރާގެ މިނިވަންކަމަށް ހުރަސްއަޅާ މައްސަލާގައި ކަންބޮޑުވުން ފާޅުކުރި ވަކީލުން ސަސްޕެންޑްކުރުމަކީ އެކަމުގެ ހައްލު ނޫން ކަމަށެވެ.

މިކަމާ ގުޅިގެން ރާއްޖެއަށް އިނގިރޭސިވިލާތުން ކަނޑައަޅާފައި ހުންނަވާ ސަފީރު ޖޭމްސް ޑޯރިސް ވެސް ވަނީ ޓްވީޓެއް ކުރައްވާފަ އެވެ. ޑޯރިސް ވިދާޅުވީ، ޝަރުއީ ދާއިރާގެ މިނިވަން ކަމަށް ގޮވާލި ވަކީލުންތަކެއް ސަސްޕެންޑް ކުރުމަކީ ރަނގަޅު ފިޔަވަޅެއް ނޫން ކަމަށެވެ. މަޝްވަރާ އާއި ބަހުސްއަކީ ކޮންމެ މުޖުތަމައުއެއްގައި ވެސް އޮންނަ ކަމެއް ކަމަށް ޑޯރިސް ވިދާޅުވި އެވެ.

ޑީޖޭއޭ އިން ރޭ ނެރުނު ބަޔާނުގައި ބުނެފައި ވަނީ އެ ވަކީލުން ސަސްޕެންޑް ކުރީ، އަދުލު އިންްސާފު ގާއިމުކުރުމުގެ ބާރުގެ މުސްތަގިއްލުކަމާއި ފަނޑިޔާރުންގެ މުސްތަގިއްލުކަމަށް ހުރަސް އެޅޭގޮތަށް ޖަމާއަތް ހަދައިގެން ޣައިރު ގާނޫނީ ގޮތެއްގައި ސުޕްރީމް ކޯޓު ދޮށަށް އެވަކީލުން އެއްވި މައްސަލައެއް ބަލަމުން އަންނާތީ ކަމަށެވެ. މީގެ އިތުރަށް، އަދުލު އިންސާފު ގާއިމްކުރުމުގެ ބާރުގެ މަސައްކަތާ ބެހި، ނުފޫޒު ފޯރުވަން މަސައްކަތްކޮށް ކޯޓުތަކުގެ އިހުތިޞާސްތަކާއި ކޯޓުތަކުގެ އިޖުރާއަތުތަކާއި، ކޯޓުތަކުން ނިންމާ ނިންމުންތަކާ ހިލާފު ޣައިރު ގާނޫނީ ލިޔުމެއް ލިޔެ، އެ ލިޔުމުގައި ސޮއިކޮށް، އަދުލު އިންސާފު ގާއިމުކުރުމުގެ ބާރަށް ދަތިކޮށް، ކޯޓުތަކުގެ ހުރުމަތް ކެނޑި މައްސަލަ ވެސް ބަލައި ތަހުގީގު ކުރަމުން އަންނަ ކަމަށް ބަޔާނުގައިވެ އެވެ.

ސަސްޕެންޑް ކުރި ވަކީލުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީއާއި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފާއީ ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދު ހިމެނިވަޑައިގަންނަވަ އެވެ.

ޝަރުއީ ނިޒާމާ މެދު ހުރި ކަންބޮޑުވުންތަކެއް ހިމެނޭ ޕެޓިޝަން ސުޕްރީމް ކޯޓަށް ހުށަހަޅުއްވަން ވަކީލުން ވަަޑައިގެންނެވީ މިދިޔަ އޮގަސްޓްމަހުގެ 30 ވަނަ ދުވަހު އެވެ. އެ ޕެޓިޝަން ސުޕްރީމް ކޯޓުން ބަލައިގެންފައެއް ނުވެ އެވެ.