ހަބަރު

ބިދޭސީން ގެންނަން އިތުރަށް ފައިސާ ނަގާ ވާހަކަ އިމިގްރޭޝަނުން ދޮގުކޮށްފި

ރާއްޖެއަށް ބިދޭސީން ގެނައުމަށް އިމިގްރޭޝަން އޮފިސަރުން އިތުރަށް ފައިސާ ނަގާ ކަމަށް ދެކޭ ވާހަކަ އިމިގްރޭޝަނުން މިއަދު ދޮގުކޮށްފި އެވެ.

އިމިގްރޭޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ މުއައްސަސާ އާއި މުއައްސަސާގެ އޮފިސަރުންނާ މެދު ދޮގު ވާހަކަތައް ފަތުރަމުން ދަނީ މައިގްރޭޝަންގެ ނިޒާމު ހަރުދަނާކޮށް ހިއުމަން ޓްރެފިކިންގެ އަމަލުތައް ހުއްޓުވުމަށް އެ މުއައްސަސާއިން ކުރަމުންދާ މަސައްކަތްތައް ހުއްޓުވުމުގެ ނިޔަތުގައި ކަމަށެވެ. އަދި އެފަދަ ވާހަކަތައް ފަތުރަމުންގެންދަނީ ރާއްޖެއަށް ވަޒީފާއަށް އަންނަ ފަރާތްތަކަކީ ސެކިއުރިޓީ އަދި ހެލްތު ސްކްރީން ކުރެވިގެން ގެނެވޭ ފަރާތްތަކަކަށް ހެދުމަށް ތައާރަފު ކުރުމަށް ނިންމާފައިވާ "މޯލްޑިވްސް އިމިގްރޭޝަން ޕްރި-ޑިޕާޗާ ސްކްރީނިނިން ސިސްޓަމް (މިޕްސް)" ވޫޖަދަށް އަޔަ ނުދިނުމުގެ ބޭނުމުގަ ކަމަށް ބަޔާނުގައި އިމިގްރޭޝަނުން ބުންޏެވެ.

"މި ނިޒާމު ތައާރަފު ކުރުމުން، ބިދޭސީން ވަޒީފާއަށް ގެނައުމުގައި މެދުވެރިވާ އެއްވެސް ހައިސިއްޔަތެއް ނެތް "ރޯޑު އޭޖެންޓުން" ދައުރު މުޅިންހެން ނެތިގެން ދާނެ، އަދި ވަޒީފާއަށް ގެނެވޭ ބިދޭސީންނަށް ވަޒީފާއާ ގުޅޭގޮތުން ދޮގު މައުލޫމާތު ދީ، އެ ފަރާތްތަކުގެ އަތުން މޯލްޑިވްސް އިމިގްރޭޝަނަށް ދައްކަންޖެހޭ ފައިސާކަމަށް ބުނެ "ކަމިޝަން" ގެ ނަމުގައި ނުހައްގުން އަތުލަމުންދިޔަ ބޮޑެތި އަދަދުގެ ފައިސާ ނުނެގޭނެ ގޮތް ވެގެންދާނެ، މިކަމަކީ، މި ދެންނެވި ފަދައިން ނުހައްގުން ފައިސާ ހޯދާ ފަރާތްތަކުން ބޭނުންވާނެ ކަމެއް ނޫން،" ބަޔާނުގައި ބުނެފައިވެ އެވެ.

އިމިގްރޭޝަނުން ބުނީ، ބިދޭސީން ވަޒީފާއަށް ގެނައުމުގައި ހިމެނޭ ތަފާތު ހިދުމަތްތަކަށް ތަފާތު ފީތައް އިމިގްރޭޝަން ގާނޫނު އަދި ބިދޭސީންނާ ގުޅޭ ގަވައިދުގެ ތެރެއިން ނެގުމަށް ހަމަޖެހިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ބިދޭސީން ގެންނަ ފަރާތްތަކުން ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި ބަހައްޓަންޖެހޭ ފައިސާ ހިމެނެއެވެ. މި ފައިސާ ބަލައިގަތުމަށްފަހު ފައިސާ ދައްކާ ފަރާތްތަކަށް ރިސިޕްޓް ވެސް ދޫކުރެ އެވެ. ނަމަވެސް އެ ފައިސާ އަކީ، ބިދޭސީން ރާއްޖޭގައި ވަޒީފާ އަދާކުރުމަށް އައުމަށް ބޭނުންވާ އެމްޕްލޯއިމަންޓް އެޕްރޫވަލް ހޯދުމަށްޓަކައި އެ މުއައްސަސާގެ އޮފިސަރަކަށް ދޭންޖެހޭ ފައިސާކަމަށް ބުނެ، ރޯޑު އެޖެންޓުން ދޮގު މައުލޫމާތު ދީގެން ވަޒީފާ އަދާކުރުމަށް އަންނަ ބިދޭސީންގެ އަތުންނާއި ބިދޭސީމީހާއަށް ވަޒީފާ ދޭ ފަރާތްތަކުގެ އަތުން ފައިސާ ހޯދަމުންދާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ. އެގޮތަށް ފައިސާ ނެގުމަށްފަހު ބިދޭސީމީހާ ރާއްޖެ އައުމުން އެމީހާ މަގުމަތިކޮށްލައި، ނިކަމެތިން ހާލުގައި ޖައްސާ ހިއުމަން ޓްރެފިކިންގެ ޝިކާރައަކަށް ހަދަމުންދާ ކަމަށް ވެސް ބުންޏެވެ.

"އިމިގްރޭޝަން އޮފިސަރުންގެ ބޮލުގައި ތަފާތު ދޮގު ތުހުމަތުތައް އަޅުވައި، މުވައްޒަފުންގެ މަސައްކަތުގެ ރޫހު ގެއްލުވާލައިގެން، މި މުއައްސަސާއަށް ހިދުމަތް ހޯދުމަށް އަންނަ އެހެން ފަރާތްތަކަށް ދެމުންގެންދާ ހިދުމަތްތަކަށް ބުރޫއަރުވައި، މި މުއައްސަސާގެ މަސައްކަތްތައް ހުއްޓުމަކަށް ގެނައުމަށްވެސް އިސްވެ ދެންނެވިފައިވާ ފަދަ ރޯޑް އޭޖެންޓުން މަސައްކަތް ކުރަމުންދޭ، އަދި، ރޯޑު އެޖެންޓުންނަށް ވާގިވެރިވެ ދޮގު ހަބަރުތައް ފެތުރުމުގައި ހަބަރު ފަތުރާ މުއައްސަސާތަކުގައި މަސައްކަތް ކުރާ ބައެއް ފަރާތްތަކުން ވެސް ބައިވެރިވަމުން ދާކަމީ މި މުއައްސަސާއިން އެކަމާމެދު ނުހަނު ކަންބޮޑުވެ ހިތާމަކުރާ ކަމެއް،" ބަޔާނުގައި ބުނެފައިވެ އެވެ.

ބަޔާން ނިންމާލަމުން ބުނެފައިވަނީ ސާބިތު ހެކިނެތި، އިމިގްރޭޝަން އާއި މުއައްސަސާގެ އޮފިސަރުންގެ އަބުރަށް ހުތުރުވާފަދަ ވަހާކަތައް ފަތުރާ ވަކިވަކި ފަރުދުންނާއި މީޑިއާގެ ފަރާތްތަކާ މެދު ވަކި ފަރާތަކަށް ބެލުމެއް ނެތި ގާނޫނީ ފިޔަވަޅު އެޅުމުގައި އެ މުއައްސަސާއިން ފަހަތަށް ނުޖެހޭނެ ކަމަށެވެ.