ހަބަރު

ފެނިގެން ދިޔައީ މުއައްސަސާތަކުގެ އުއްމީދެއް ނެތްކަން: މައުމޫން

ގިނަ އަދަދެއްގެ ވަކީލުން ސަސްޕެންޑްކުރި ކުރުމުން އެނގިގެން ދިޔައީ މުއައްސަސާތަކުގެ އުއްމީދު ގެއްލިފައިވާ މިންވަރު ކަމަށް ވިދާޅުވެ، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ފާޑުވިދާޅުވެއްޖެ އެވެ.

ޝަރުއީ ދާއިރާގެ މައްސަލަތައް ފާހަގަކޮށް އެކަންކަން އިސްލާހުކޮށް ދިނުމަށް އެދި، ވަކީލުން ސުޕްރީމް ކޯޓަށް ހުށަހަޅަން މަސައްކަތް ކުރި ޕެޓިޝަނަކާ ގުޅިގެން އެ ޕެޓިޝަންގައި ސޮއި ކުރި 54 ވަކީލުން ސަސްޕެންޑް ކުރުމާ ގުޅިގެން ރައީސް މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައ ވިދާޅުވީ، އެކަމުން އެނގިގެން ދިޔައީ، މުއައްސަސާތަކުގެ އުއްމީދު ނެތް މިންވަރު ކަމަށެވެ.

ވަކީލުން ސަސްޕެންޑްކުރުމުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ކަންބޮޑުވުން ފާޅުކުރައްވާފައިވެ އެވެ. ސަސްޕެންޑްކުރި ވަކީލުންގެ ތެރޭގައި ރައީސް ނަޝީދުގެ ގާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ ހުރިހާ ވަކީލުންހެން ހިމެނިވަޑައިގަންނަވަ އެވެ. ރައީސް ނަޝީދު ވިދާޅުވީ، ވަކީލުން ސަސްޕެންޑް ކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށެވެ. އަދި އެކަމުގައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދަށް ފިޔަވަޅު އަޅަންޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.

ޑީޖޭއޭ އިން ރޭ ނެރުނު ބަޔާނުގައި ބުނެފައި ވަނީ އެ ވަކީލުން ސަސްޕެންޑް ކުރީ، އަދުލު އިންްސާފު ގާއިމުކުރުމުގެ ބާރުގެ މުސްތަގިއްލުކަމާއި ފަނޑިޔާރުންގެ މުސްތަގިއްލުކަމަށް ހުރަސް އެޅޭގޮތަށް ޖަމާއަތް ހަދައިގެން ޣައިރު ގާނޫނީ ގޮތެއްގައި ސުޕްރީމް ކޯޓު ދޮށަށް އެވަކީލުން އެއްވި މައްސަލައެއް ބަލަމުން އަންނާތީ ކަމަށެވެ. މީގެ އިތުރަށް، އަދުލު އިންސާފު ގާއިމްކުރުމުގެ ބާރުގެ މަސައްކަތާ ބެހި، ނުފޫޒު ފޯރުވަން މަސައްކަތްކޮށް ކޯޓުތަކުގެ އިހުތިޞާސްތަކާއި ކޯޓުތަކުގެ އިޖުރާއަތުތަކާއި، ކޯޓުތަކުން ނިންމާ ނިންމުންތަކާ ހިލާފު ޣައިރު ގާނޫނީ ލިޔުމެއް ލިޔެ، އެ ލިޔުމުގައި ސޮއިކޮށް، އަދުލު އިންސާފު ގާއިމުކުރުމުގެ ބާރަށް ދަތިކޮށް، ކޯޓުތަކުގެ ހުރުމަތް ކެނޑި މައްސަލަ ވެސް ބަލައި ތަހުގީގު ކުރަމުން އަންނަ ކަމަށް ބަޔާނުގައިވެ އެވެ.

ސަސްޕެންޑް ކުރި ވަކީލުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީއާއި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފާއީ ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދު ހިމެނިވަޑައިގަންނަވަ އެވެ.

ޝަރުއީ ނިޒާމާ މެދު ހުރި ކަންބޮޑުވުންތަކެއް ހިމެނޭ ޕެޓިޝަން ސުޕްރީމް ކޯޓަށް ހުށަހަޅުއްވަން ވަކީލުން ވަަޑައިގެންނެވީ މިދިޔަ އޮގަސްޓްމަހުގެ 30 ވަނަ ދުވަހު އެވެ. އެ ޕެޓިޝަން ސުޕްރީމް ކޯޓުން ބަލައިގެންފައެއް ނުވެ އެވެ.