ލައިފްސްޓައިލް

"ދިވާސް"ޝޯގެ ޓިކެޓު ވިއްކަން ފަށައިފި

Sep 12, 2017
5

އާޓްސް އެންޑް އެންޓަޓެއިންމަންޓް ދާއިރާ އާއި ފެޝަން އަދި މޮޑެލިންގެ ދާއިރާ ކުރިއަރުވަން ޒުވާނުންތަކެއް އިސް ނަގައިގެން ދިވާސް ނަމުގައި ކުންފުންޏެއް ހަދައި "ފެޝަން ޝޯ" އެއް ބާއްވަން ވަނީ ނިންމާފަ އެވެ. މިދިޔަ މަހުގެ 25 ގައި ބާއްވަން އުޅުނު އެ ޝޯ އެކިއެކި ސަބަބުތަކާއި ހުރެ އަންނަ މަހުގެ 14 އަށް ވަނީ ފަސްކޮށްފަ އެވެ. ޝޯ އޮންނާނީ ދަރުބާރު ގޭގަ އެވެ.

"ދިވާސް ޝޯ 2017" ގެ ނަމުގައި ކުރިއަށް ގެންދާ އެ ޝޯއަށް ވަދެވޭނީ ޓިކެޓު ގަނެގެންނެވެ. ޓިކެޓު މިއަދު ވިއްކަން ފެށިއިރު ޓިކެޓެއްގެ އަގު އުޅެނީ 888 ރުފިޔާ އަށެވެ. އެ ޝޯގެ ޓިކެޓް ޕީއެސްއެމްގެ މާލްދީބް އައުޓްލެޓުންނާއި، އީވް ގާމެންޓުންނާއި، ޝްވެކް ސިނަމާ، ހީޓް އެންޑް ފިޓްނެސް ސެލޫން، ނޮވެލްޓީ ބުކްޝޮޕް އަދި ޖޭޑް ކެފޭ އިން ލިބެ އެވެ.

މީގެ އިތުރުން ދިވާސްގެ ފޭސްބުކް ޕޭޖާއި ހޮޓްލައިން، 7448441 އަދި 9149113 ނަމްބަރަށް ގުޅައިގެން ވެސް ގަނެވެ އެވެ.

އެ ޝޯގައި ދިވާސްގެ 24 މޮޑެލުން ތައާރަފް ކުރާނެ އެވެ. އެ ޝޯގައި ދިވެހި ހަ ޑިޒައިނަރެއްގެ އަމިއްލަ ޑިޒައިންތައް ދައްކާލާނެ އެވެ. އޭގެ ތެރޭގައި ދާއިރާގައި ތަޖުރިބާހުރި އަދި މަޝްހޫރު ޑިޒަނަރުންނާއި އާ ޑިޒައިންރުންގެ ހެދުންތައް ދައްކާލާނެ އެވެ. އެ ޑިޒައިނަރުންނަކީ އިބްރާހިމް އަލީ (އިބޫ) އާއި އައިމިނަތު ވިލީނިޔާ، ނާޒިއާ، ފާތުން، ފާތިމަތު ފަލަކް އަދި އިސްމާއިލް ޖުމައިހް ޖުމައިހް އެވެ. އިބޫ، ނާޒިއާ އަދި ޖުމައިހް އަކީ މިހާރުވެސް ދާއިރާގައި މަގުބޫލު މޫނުތަކެކެވެ. މީގެ އިތުރުން ފަލަކް އަދި ފާތުންނަކީވެސް އެހެނިހެން ޝޯތަކުގައި ރީތި ހެދުންތަކެއް ދައްކާލާފައިވާ ފަރާތްތަކެކެވެ.

މީގެ އިތުރުން މަރިޔަމް އައްޒަ، ރިޒޫ އަދި އެހެނިހެން ފަންނާނުންވެސް ފެނިގެންދާނެ އެވެ. އަދި ޑީޖޭ ނާޒިއާގެ ޕާފޯމަންސް ވެސް ހިމަނާފައިވެއެވެ. ދިވާސްގެ ޕްރީ އެޑްވަޓައިޒިންގެ ގޮތުގައި ރޭ ވަނީ މެރިން އެކްސްޕޯގައި ކުރިއަށް ގެންދިޔަ މެރިން ވޯކްގައި ދިވާސްގެ 14 މޮޑެލް އެއް ދައްކާލާފަ އެވެ.

ދިވާސް އިން މިހާރު އަންނަނީ މޮޑެލުން ޓްރެއިންވެސް ކުރަމުންނެވެ. އެގޮތުން ޕްރެކްޓިކަލް ސެޝަންތަކާއި ހަށިގަނޑުގެ ބައްޓަން ރީތިކުރުމަށް ޖިމްގައިވެސް ދަނީ ޓްރެއިނިން ތަކެއް ދެމުންނެވެ.

ދިވާސް ޝޯގެ މަގުސަދަކީ އެޑްވަޓައިޒިން ދާއިރާ އަށާއި މީޑިއާގައި ހަރަކާތްތެރިވާ ފަރާތްތައް އަދި އެ ދާއިރާތަކަށް ނުކުންނަން ބޭނުންވާ ފަރާތްތަކަށް ޕްރޮފެޝަނަލް ޓްރެއިނިންތަކާއި، އެ ފަރާތްތައް މެނޭޖުކޮށް، އެޑްވަޓައިޒިން، މާކެޓިން އަދި މުނިފޫހިފިލުވުމުގެ ދާއިރާއަށް އެކުދިން ރީޓޭން ކުރުމެވެ. އެގޮތުން މީޑީއާގެ ދާއިރާއަށް ނުކުންނަން ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދަން ދިވަސް އިން ވަނީ ނިންމާފަ އެވެ. އަދި އެ ފަރާތްތަކަކީ މުޖުމަތަމު ބަލައިގަންނަ އަދި ޕްރޮފެޝަނަލްކޮށް މަސައްކަތް ކުރާ ފަރާތްތަކަށް ހެދުމަށް ދިވާސް އިން މަސައްކަތް ކުރާނެ އެވެ.

މީގެ އިތުރުން މޮޑެލިން އަދި ފެޝަންގެ ދާއިރާއިން ކުރިއަށް ދާން ބޭނުންވާ ފަރާތްތަކަށް ހާއްސަ އިވެންޓުތައް ބާއްވާ އެ ދާއިރާތަކުން ކުރިއަށް ދިއުމަށް މަގުފަހިކޮށްދޭނެ އެވެ. ދިވެހިންގެ އަމިއްލަ އުފެއްދުންތައް އުފައްދާ އެ އުފެއްދުންތައް ފަތުރުވެރިންނަށް ފެންނާނެ ކަހަލަ ހާއްސަ ހަރަކާތްތަކެއްވެސް ދިވެސް އިން އަންނަނީ ރާވާ އިންތިޒާމު ކުރަމުންނެވެ.

ދިވާސް ޝޯގެ އިވެންޓް އޯގަނައިޒަރަކީ ސްޓޭޖް ކޯ އެވެ. ޑިޒައިން އެންޑް ޑިޖިޓަލް މާކެޓިން ޕާޓްނަރަކީ ޒޯ އާޓްސް އެވެ. މީޑީއާ ޕާޓްނަރަކީ އަވަސް އޮންލައިން އަދި ޕީއެސްއެމް އެވެ. ފިޓްނަސް އެންޑް ހެލްތު ޕާޓްނަރަކީ ހީޓް ފިޓްނަސް އެވެ. އަދި ޕްރިންޓިން ޕާޓްނާގެ ގޮތުގައި ކަނޑައަޅާފައިވަނީ ނޮވެލްޓީ އަދި ގާމެންޓް ޕާޓްނަރަކީ އީވް ގާމެންޓްސް އެވެ. ބެވަރޭޖް ޕާޓްނަރުގެ ގޮތުގައި ކަނޑައަޅާފައިވަނީ ކޮކާ ކޯލާ އެވެ. އިތުރު ޕާޓްނަރުންގެ ގޮތުގައި ކަނޑައަޅާފައިވަނީ ގޭޓްވޭ މޯލްޑިވްސް، ބްލަކް، ޝްވެކް މޯލްޑިވްސް އަދި މާ ކޮމް އެވެ.