މެޗުގެ ދެ ވަނަ ހާފުގެ ހަތް ވަރަކަށް މިނެޓް ކުޅެވުނު ފަހުން، މައްސަލަ ހޫނުވެ، މާޒިޔާ އާއި ގްރީން ސްޓްރީޓް ކުޅެމުން ދިޔަ މެޗު ހުއްޓާލައިފި އެވެ.
މެޗުގެ 52 ވަނަ މިނެޓްގައި، ގްރީންގެ އަލީ އިފާޒަށް ރެފްރީ ރީނދޫ ކާޑު ދެއްކުމުން، ގްރީންގެ ސޮބެލް އިލިއާ، ރެފްރީއަށް ނިސްބަތްކޮށް އެއްޗެއް ބުނުމުން، އިލިއާއަށް ދެ ވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑު ދައްކަން އުޅުމުން، ގްރީންގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު މުހައްމަދު ޝައްފާޒް (ސައްޕޭ) ރެފްރީއާ ދިމާލަށް އައުމުން ރެފްރީ ވަނީ ފަހަތަށް ފަހަތަށް ދަމުން ގޮސް، ދަނޑުން ފައިބައިގެން ގޮސްފަ އެވެ.
ދަނޑުން ފޭބުމުންވެސް ރެފްރީއާ ދިމާލަށް ދިޔަ ސައްޕެ، ހުއްޓުވީ، ގްރީން ސްޓްރީޓްގެ ބައެއް އޮފިޝަލުން ނެވެ. ސައްޕެގެ ހަރަކާތްތައް ހުރި ގޮތުން އޭނާ އައީ ރެފްރީއަށް ހަމަލާ ދިނުމަށް ކަމަށް ހީވުމުން، ގްރީންގެ އޮފިޝަލުން ވަނީ ރެފްރީއަށް ޖިސްމާނީ ހާނިކައެއް ކުރުމުގެ ކުރިން، ސައްޕެ ހުއްޓުވާފަ އެވެ.
"ކަލޭ ކޮންމެ ރެޔަކު މެޗޭ ތި ހަލާކު ކޮށްލަނީ." މެޗުގެ ރެފްރީ އާދަމް ފަޒީލްއާ ދިމާލަށް އަންނަމުން ސައްޕެ ރެފްރީއާ ދިމާލަށް ބުންޏެވެ.
އެހިސާބުން ފެނުނީ މެޗު ހުއްޓާލި ތަނެވެ. އިލިއާ ވަނީ އޭނާއަށް ދެއްކި ކާޑާ ބެހޭގޮތުން، އެސިސްޓެންޓް ރެފްރީންގެ ގާތު ޝަކުވާ ކޮށްފަ އެވެ. ގްރީންގެ އޮފިޝަލުންވެސް ވަނީ އިލިއާއަށް ކާޑު ދެއްކުމުން، އެކަމާ ޝަކުވާ ކޮށްފަ އެވެ. މެޗު މެދުކަނޑާލުމުން ދެ ޓީމުގެ ބައެއް އޮފިޝަލުންވެސް އައިސް މެޗުގެ އޮފިޝަލުންގެ ގާތު ޝަކުވާ ކުރާތަން ފެނުނެވެ.
ފަހުން ފެނިގެން ދިޔައީ ރޮސްޓްރޮމް ކުރިމަތީގައި ތިބުމަށްފަހު، މެޗުގެ ރެފްރީ އާއި އޮފިޝަލުންވެސް އޮފިޝަލުންގެ ރޫމަށް ދިޔަ މަންޒަރެވެ. އެހިސާބުން ދެ ޓީމުގެ ކުޅުންތެރިންވެސް ދަންޑުން ފޭބި އެވެ.
މެޗު ހުއްޓާލިއިރު، މާޒިޔާ އޮތީ އެއް ލަނޑުގެ ލީޑެއްގައެވެ. މެޗުގެ 23 ވަނަ މިނެޓްގައި ހުސައިން ނިޔާޒް މުހައްމަދު (ބޮކްރީ) ދިން ޕާހަކުން، މާޒިޔާގެ ގޯލް ކާމިޔާބު ކުރީ މުހައްމަދު އުމޭރު އެވެ.
މެޗު ހުއްޓާލުމަށްފަހު، ދެން އެ މެޗާމެދު ކަންތައް ކުރާނެ ގޮތެއް އެފްއޭއެމުން މިޑީއާއަށް ހާމަކޮށްފަ އެއް ނުވެ އެވެ. ބެލެވޭ ގޮތުގައި، ދެ ގޯލާއެކު މާޒިޔާ މެޗުން މޮޅުވީ ކަމަށް ނިންމާނެ އެވެ.