ކުޅިވަރު

އަސައްކޮައަށް ސީޒަން ނިމިއްޖެ

އަނިޔާގައި ހުރި މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ (އަސައްކޮ) އަށް މިސީޒަނުގައި ދެން ނުކުޅެވޭނެކަން އެކްލަބްގެ ޖެނެރަލް ސެކެޓްރީ އަބްދުލް ވައްހާބް ކަށަވަރުކޮށްދީފި އެވެ.

"އަލުން ކުޅެން ނުކުމެވޭނެ ދުވަހެއް ނޭނގޭ، އެމްއާރްއައި ހެއްދީމަ އެނގޭނީ. ހޯމަ ދުވަހަށް އެމްއާރްއައި ހެއްދަން އެޕޮއިންޓްމެންޓް ހަމަޖެހިފައި އޮތީ." އަނިޔާވި ހަފްތާގައި ހަފަތާގެ ތެރޭގައި އަސަދުﷲ ބުންޏެވެ.

ގައުމީ ޓީމުގެ ފިޒީޝަން އަދި އެފްއޭއެމްގެ ނައިބުރައީސް އަހްމަދު ޝަކީބު (ޑޮކް) ވިދާޅުވީ އަސަދުﷲގެ ކަނާތު ފައިގެ ކަކުލުގެ މަތީ ކަށިގަނޑާއި ތިރީ ކަށިގަނޑުގެ ޖެހޭ ތަނަށް އަނިޔާވެފައިވާ ކަމަށެވެ. ޑޮކް ވިދާޅުވީ އާންމުކޮށް އެ އަނިޔާއިން ރިކަވާ ވުމަށް ދެ ހަފުތާގެ މުއްދަތެއް ނަގާނެ ކަމަށާއި އެމްއާރްއައި ހެއްދުމުން އިތުރަށް އެނގިގެންދާނެ ކަމަށެވެ.

ނަމަވެސް ލަންކާގައި ހެދި ޓެސްޓަތައް ދައްކާގޮތުން އަސައްކޮއަށް އަލުން ކުޅެވޭނީ އޮޕަރޭޝަނަކަށްފަހުއެވެ. އަސައްކޮ ނެތުމަކީ މާޒިޔާއަށް ލިބިގެންދާނެ ވަރަށް ބޮޑު ގެއްލުމެކެވެ. ސަބަބަކީ އޭނާއަކީ މިވަގުތު މާޒިޔާގައި ހުރި އެންމެ އިތުބާރު ފޯވާޑަށް ވާތީއެވެ. އަދި ގައުމީ ޓީމަށްވެސް އޭނާ ނެތްތަން ފޫބައްދަން އުންދަގޫ ވާނެ އެވެ.

ދިވެހި ލީގުގެ ފުރަތަމަ ބުރުގެ ދެ މެޗާއި، ދެ ވަނަ ބުރުގެ އިތުރުން އެފްއޭ ކަޕް އަދި ޕްރެޒިޑެންޓްސް ކަޕް އަސައްކޮއަށް ގެއްލޭނެއެވެ. މީގެ އިތުރުން ގައުމީ ޓީމު އޭޝިއަން ކަޕް ކޮލިފައިންގައި ކުޅޭންޖެހޭ މެޗުތަކެއްވެސް އެބައޮތެވެ.