ބޮލީވުޑް

ކުރީގެ ލަވަކިޔުންތެރިޔާ އާދޭޝްގެ ދަރިފުޅު ވެސް ބޮލީވުޑަށް

Sep 13, 2017

ކުރީގެ މަޝްހޫރު މިއުޒިކް ކޮމްޕޯޒާ އާދޭޝް ޝްރިވާސްތާ 2015 ވަނަ އަހަރުގެ ސެޕްޓެމްބަރު ފަސް ވަނަ ދުވަހު ކެންސަރުގެ ބައްޔަށް ފަރުވާ ހޯދަމުން ދަނިކޮށް މަރުވިއިރު އޭނާ ވަނީ ސަތޭކަ އަށް ވުރެން ގިނަ ހިންދީ ފިލްމުތަކަށް ލަވަ ތައްޔާރުކޮށްދީފަ އެވެ.

މަރުވިއިރު އަންބަކާއި ދެ ފިރިހެން ކުދިން އާދޭޝްގެ ހުއްޓެވެ. އޭގެ ތެރެއިން ދޮށީ ދަރިފުޅު އަވިތޭޝް ޝްރިވާސްތާ އަންނަނީ މަންމަ ވިޖޭތާގެ ފިޔަވަޅު މަތިން އެކްޓިންގެ ދާއިރާއިން ކުރިއަށް ދާން ތައްޔާރުވަމުންނެވެ.

މަޝްހޫރު ކޮރިއޮގްރާފާ އަދި ޑައިރެކްޓަރު ރެމޯ ޑިސޫޒާގެ ފިލްމަކުން އަވިތޭޝް ބޮލީވުޑަށް ނިކުންނަކަން އޭނާ ވެސް ވަނީ ޔަގީންކޮށްދީފަ އެވެ.

ރެމޯ ވަނީ އަވިތޭޝް ބޮލީވުޑަށް ނެރެނީ އޭނާ ކަމަށާއި އެ ފިލްމުގެ ޝޫޓިން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ފަށާނެ ކަމަށެވެ.

"އޭބީސީޑީ" ގެ ދެ ކާމިޔާބު ފިލްމެއް ޑައިރެކްޓްކޮށްފައިވާ ރެމޯ ވަނީ އަވިތޭޝް ބޮލީވުޑަށް ނިކުންނަ ފިލްމަކީ އޭނާ ސަލްމާން ލީޑްރޯލުގައި ހިމަނައިގެން އުފައްދާ ޑާންސް ފިލްމު ނޫން ކަމަށް ބުނެފަ އެވެ.

"މިއީ މުޅިން ތަފާތު ފިލްމެއް. ސަލްމާނާ އެކު އުފައްދާ ޑާންސް ފިލްމުގެ މަސައްކަތް ފަށާނީ "ރޭސް 3" ނިމުމުން،" ރެމޯ ބުނެފައިވެ އެވެ.

އަވިތޭޝްގެ ފުރަތަމަ ފިލްމާ ގުޅޭގޮތުން ރެމޯ އިތުރު ތަފްސީލެއް ހިއްސާކޮށްފައިނުވާއިރު އޭނާ މިހާރު އަންނަނީ އެކްޓިން އާއި ނެށުމުގެ ތަމްރީނުތަކެއް ހަދަމުންނެވެ.

މިހާރު އުމުރުން 21 އަހަރުގެ އަވިތޭޝް ވަނީ 2015 ވަނަ އަހަރު ދައްކަން ފެށި އަމިތާބް ބައްޗަން ހުށަހަޅައިދިން ޓޯލްކް ޝޯ، "އާޖް ކީ ރާތް ހޭ ޒިންދަގީ" ގެ ޓައިޓަލް ލަވައިގެ މިއުޒިކް ކޮމްޕޯޒްކޮށްދީފަ އެވެ.