ޒުވާންް އެކްޓަރު ސުޝާންތް ސިންގް ރާޖްޕުތް ވަނީ މި މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި ސާރާ ޚާން ބޮލީވުޑަށް ނިކުންނަ ފިލްމު "ކެދާރްނަތް" ގެ ޝޫޓިން ފަށާފަ އެވެ. މި ފިލްމުގެ އިތުރުން ވެސް އޭނާގެ އަތުން ތިން ވަރަކަށް ފިލްމު ކުޅެން ހަމަޖެެހިފައި އެބޮ އޮތެވެ.
އެ ފިލްމުތަކުގެ އިތުރުން ސުޝާންތަށް ވަނީ ހޮލީވުޑްގެ ކާމިޔާބު ފިލްމު "ދަ ފޯލްޓް އިން އަވާ ސްޓާސް" ގެ ހިންދީ ރީމޭކުގެ ބަތަލުގެ ރޯލު ކުޅެން ވެސް ހުށަހެޅުން ލިބިފަ އެވެ.
އެ ފިލްމު ޑައިރެކްްޓްކުރުމާ ހަވާލުކޮށްފައިވަނީ ސުޝާންތްގެ އެންމެ ފަހުން ރިލީޒްވި ފިލްމު، "ރާބްތާ" ގެ ވެސް ޑައިރެކްޓަރު ދިނޭޝް ވިދްޖާނާ އެވެ. ނަމަވެސް އެ ފިލްމު ފްލޮޕްވެފައިވާތީ ސުޝާންތް ވަނީ ދިނޭޝް "ދަ ފޯލްޓް އިން އަވާ ސްޓާސް" ގެ ހިންދީ ރިމޭކް ޑައިރެކްޓްކުރާ ކަމަށް ވަނީ ނަމަ އޭނާ އެ ފިލްމު ނުކުޅޭނެ ކަމަށް ބުނެފަ އެވެ.
މި ފިލްމު ޑައިރެކްޓްކުރަން ދިނޭޝް އަށް ހުށަހަޅާފައިވީ ނަމަވެސް "ރާބްތާ" ގެ ނާކާމިޔާބީ އާއެކު އެހެން ޑައިރެކްޓަރަކަށް މި ފިލްމު ހުށަހަޅަން އުޅޭ ކަމުގެ ވާހަކަތަކެއް ވެސް އަންނަނީ ދެކެވެމުންނެވެ.
ކަރަން ޖޯހަރުގެ ދަރްމާ ޕްރޮޑަކްޝަނުން އުފައްދާ މި ފިލްމުގެ ބަތަލާގެ ރޯލު ހުށަހަޅާފައިވަނީ އާލިއާ ބަޓް އަށެވެ.
ސުޝާންތް މިހާރު ކުޅެމުން އަންނަ "ކެދާރްނަތް" ގެ ޝޫޓިން ނިންމާލުމަށްފަހު އޭނާ ދެން ޝޫޓިން ފަށާނީ އެސްޓްރޮނޯޓެއްގެ ރޯލު ކުޅޭ "ޗަންދާ މަމާ ދޫރް ކޭ" އެވެ.
'ދަ ފޯލްޓް އިން އަވާ ސްޓާޒް' އަކީ ޖޯން ގްރީން ހަމަ އެނަމުގައި ލިޔެފައިވާ ވާހަކައިގެ މައްޗަށް، ޖޯޝް ބޫން ޑައިރެކްޓުކޮށް 2014 ވަނަ އަހަރު ނެރުނު ފިލްމެކެވެ. މި ފިލްމަކީ ކެންސަރު ޖެހިފައިވާ ދެ ޒުވާނުންގެ ދެމެދުގައި އުފެދޭ ލޯބީގެ މައްޗަށް އުފައްދާފައިވާ އަސަރުގަދަ ފިލްމެކެވެ.