ކުޅިވަރު

ޝަކުވާ ބޮޑުވުމުން ރެފްރީ ނިއުޝާދު ސަސްޕެންޑް ކޮށްފި

Sep 13, 2017

މިދިޔަ ހޯމަ ދުވަހުގެ ރޭ މާޒިޔާ އާއި ގްރީން ސްޓްރީޓް ކުޅެމުން ދިޔަ މެޗުގެ ދެ ވަނަ ހާފުގައި ރެފްރީއެއްގެ ގޮތުގައި ނިކުތް ނިއުޝާދު މުހައްމަދުއާ މެދު ޝަކުވާ ބޮޑުވުމުން ވަގުތީ ގޮތުން ސަސްޕެންޑް ކޮށް، އެފްއޭއެމްގެ ރެފްރީސް ޑިޕާޓްމެންޓް ހިންގުމާ ހަވާލުވެ ހުރި ރެފްރީ އަހްމަދު އަމީޒު ވަޒީފާއިން ވަކި ކޮށްފި އެވެ.

މާޒިޔާ އާއި ގްރީން ސްޓްރީޓްގެ މެޗުގެ ރެފްރީއަކަށް ހަމަޖައްސާފައި ވަނީ އާދަމް ފަޒީލެވެ. ނަމަވެސް ދެ ވަނަ ހަފުގައި، ރެފްރީއަކަށް ނިކުތީ ދެ ވަނަ އެސިސްޓެންޓް ރެފްރީއެއްގެ ގޮތުގައި ހުރި، ނިއުޝާދެވެ. ދެ ވަނަ ހާފު ފެށިގެން ހަތް ވަނަ މިނެޓްގައި، ގްރީންގެ ސޮބެލް އިލިއާއަށް ދެ ވަނަ ރީނދޫ ކަޑާއެކު ރަތް ކާޑު ދައްކަން އުޅުމުން، ގްރީންގެ ކެޕްޓަން ޝައްފާޒު (ސައްޕޭ) ވަނީ ރެފްރީއާ ދިމާލަށް ގޮސްފަ އެވެ. ރެފްރީއާ ދިމާލަށް ސައްޕެ އައުމުން، ރެފްރީ ވަނި ދަނޑުން ފައިބައިގެން ގޮސްފަ އެވެ.

އެހިސާބުން މެޗުގެ ކުޅުން މެދު ކެނޑާލިއެވެ. ރެފްރީ ނިއުޝާދު އަރުވައިގެން ފެންމަތިވި މައްސަލަތަކާއެކު މެޗު ކުރިއަށް ގެންދަން ގްރީން ސްޓްރީޓުން ބޭނުމެއް ނުވި އެވެ. ގްރީންގެ ކޯޗް ސޮބާހް މުހައްމަދު އިބްރާހިމް (ސޮބާ) ބުނީ މިދިޔަ މަހުގެ 18 ވަނަ ދުވަހު ނިއުރޭޑިއަންޓާ ދެކޮޅަށް ކުޅުނު މެޗުގައިވެސް، ރެފްރީކަން ކުރީ ނިއުޝާދު ކަމަށާއި އެ ދުވަހު މެޗުގައިވެސް ރެފްރީގެ ފަރާތުން ފެންމަތިވި މައްސަލަތަކާއެކު، ރެފްރީގެ ޝަކުވާތައް ލިޔުމުން ހުށަހަޅާފައިވާނެ ކަމަށެވެ. ނަމަވެސް އެ ޝަކުވާތައް ހުށަހެޅުމުންވެސް ހަމަ އަނެއްކާވެސް އެ ރެފްރީ އެރުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށް ސޮބާ ބުންޏެވެ.

"އަޅުގަނޑުމެން މެޗަކަށް ނިކުންނަނީ ވަރަށް ތައްޔާރުވެގެން ވަރަށް ގިނަ ހަރަދު ކޮށްގެން މެޗަށް ހާއްސަކޮށް ކުޅުންތެރިން ވަރަށް ބުރަކޮށް މަސައްކަތް ކުރޭ މެޗު އޮންނަ ދުވަހު މެޗަށް ވަރަށް ބޮޑަށް ތައްޔާރުވޭ،" ސޮބާ ބުންޏެވެ. "ނަމަވެސް ރެފްރީންގެ ފަރާތުން އެ ތައްޔާރީތަކެއް ނުފެނޭ އެ މެޗަށް [ނިއު އާ ދެކޮޅަށް ކުޅުނު މެޗަށް] ވެސް އެ ރެފްރީ އައީ އެދުވަހު އޮތް ކިޑްސް ފުޓްބޯލް ފެއިސްޓާގައި ހަރަކާތްތެރި ވުމަށް ފަހު ހެނދުނުން ފެށިގެން މެންދުރާ ހަމަޔަށް އެތާންގައި އުޅުމަށްފަހު ކިހިނެއް ހަވީރު އޮންނަ މެޗަކަށް ރަނގަޅަށް ސަމާލުކަން ދޭނީ."

ގްރީން އާއި މަޒިޔާގެ މެޗު އެހިސާބުން ހުއްޓާލުމުން، ދެން އެ މެޗާ މެދު އަމަލު ކުރާނެ ގޮތެއް އެފްއޭއެމުން ހާމަކޮށްފަ އެއް ނުވެ އެވެ. އިއްޔަ އެފްއޭއެމުން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ އެފްއޭއެމުގެ ރެފްރީ ކޮމިޓީން ނިއުޝާދުގެ މައްސަލަ ބަލައި ވަކިގޮތެއް ނިންމަންދެން އޭނާ ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ.

އެ މެޗުގެ ރެފްރީ އަކަށް ހަމައްޖައްސާފައިވާ އާދަމް ފަޒީލްގެ ބަދަލުގައި ދެ ވަނަ ހަފުގައި ދެ ވަނަ އެސިސްޓެންޓް ރެފްރީއެއްގެ ގޮތުގައި ހުރި ނިއުޝާދުއަށް ބަދަލުގައި ކަށިގަނޑު ހިފައިގެން ދަނޑަށް އެރިދަނެތޯވެސް ސޮބާ ސުވަލު އުފެއްދި އެވެ.

"މެޗުގެ ރެފްރީއަށް މެޗު ކުރިއަށް ނުގެންދެވޭ ހާލަތެއް އަތުވެއްޖެ ނަމަވެސް، ބަދަލުގައި ދެ ވަނަ އެސިސްޓެންޓް ރެފްރީ އެރިދާނެ ބާއޭ އަޅުގަނޑަށް ސުވާލު އުފެދޭ، ރެފްރީގެ ބަދަލުގައި އަރަން ޖެހުނަސް އަރަން ޖެހޭނެ ކަމަށް އަޅުގަނޑަށް ގަބޫލު ކުރެވެނީ، ފޯތު އޮފިޝަލު ނުވަތަ ސީނިއާ އެސިސްޓެންޓް ރެފްރީ." ސޮބާ ސުވާލު އުފެއްދި އެވެ.

އަމިޒު މަގާމުން ވަކި ކޮށްފައިވަނީ އެފްއޭއެމްގެ އިދާރީ އޮނިގަނޑު މުރާޖާކޮށް ހަރުދާނާ ކުރުމަށާއި އަލުން އެ ޑިޕާޓްމެންޓް އެކުލަވާލުމަށް ކަމަށެވެ.

ރެފްރީންގެ ކަންކަން ހަރުދަނާ ކުރުމަށް އޭއެފްސީގެ ޓީމަކުން އައިސް ވަނީ ރާއްޖޭގެ ރެފްރީންގެ ހާލަތު ބަލައި ދިރާސާ ކޮށްފަ އެވެ. އެފްއޭއެމުން މިގެ ކުރިން ބުނެފައި ވަނީ އޭއެފްސީ ޓީމުން ކުރި ދިރާސާގެ ރިޕޯޓް ލިބުމުން އެ ރިޕޯޓްގައި ގެންނަން ރެކޮމެންޑް ކޮށްފައިވާ ބަދަލުތައް ގެންނާނެ ކަމަށެވެ.