ލައިފްސްޓައިލް

އެއް ފަހަރާ 15 ކަތުރުން ބޯ ކޮށާ މީހެއް

Sep 14, 2017
2

ދުނިޔޭގެ އެކި ހިސާބުތަކުގައި ތަފާތު ކަންކަން ކުރާ މީހުން އުޅެ އެވެ. ބައެއް މީހުން އެކަހަލަ ކަންތައްތައް ކުރަނީ ދުނިޔޭގެ ރެކޯޑު ފޮތުން ޖާގަ ހޯދުމަށެވެ. އަނެއް ބަޔަކު އެކަހަލަ ކަންތައް ކުރަނީ މަޝްހޫރުކަން ހޯދަން އަދި އަމިއްލަ ކަންތައްތަކެއް އުފެއްދުމުގެ ބޭނުމުގަ އެވެ.

އެގޮތުން ޕާކިސްތާނުގެ ސޯދިގު އަލީވެސް ބޭނުންވީ ތަފާތު އަދި އަމިއްލަ ކަމެއް ކުރާށެވެ. އޭނާ އަކީ ބޯކޮށާ މީހަކަށްވާތީ އޭނާ ބޭނުންވީ އެ ދާއިރާއިން ތަފާތު ކަމެއް ކުރާށެވެ. ބޯ ކޮށުމުގައި 15 އަހަރުގެ ތަޖުރިބާ ބޭނުންކޮށްގެން އޭނަ އަަންނަނީ އެއް ފަހަރާ 15 ކަތުރުން ބޯ ކޮށަމުންނެވެ. އެކަމަށް އޭނަ އަންނަނީ ހާއްސަ ނަމެއް ކިޔާފަ އެވެ.

އެ ގޮތަށް ބޯ ކޮށުމަށް އޭނަ ކިޔަނީ "ސްޕައިސީ" ހެއާ ކަޓް އެވެ. ކޮންމެ ކޮންމެ މީހަަކަށް އޭނަ އެގޮތަށް ބޯ ކޮށައެއް ނުދެ އެވެ. ސޯދިގު ބުނަނީ އެގޮތަށް ބޯ ކޮށައިދެވޭނީ ދުވާލަކު 20 މީހުންނަށް ކަމަށެވެ. އެއީ އޭނާގެ އެ މަސައްކަތުގެ ފެންވަރު އެއް ވަރެއްގައި ބަހައްޓަން ކަމަށެވެ.

އެއް ފަހަރާ 15 ކަތުރު ބޭނުންކޮށްގެން ބޯ ކޮށަން ދަސްކުރަން ސޯދިގު ވަނީ ފަސް އަހަރު ހޭދަކޮށްފަ އެވެ. އެގޮތަށް ބޯ ކޮށަން އޭނަ ޝައުގުވެރިވީ ޗައިނާގެ ބޯ ކޮށާ މީހަކު އެއް ފަހަރާ 10 ކަތުރު ބޭނުންކޮށްގެން ބޯ ކޮށާ މީހަކު ފެނިގެން 2007 ވަނަ އަހަރުގައި ކަމަށެވެ.

ސޯދިގު ބުނީ 16 ކަތުރު ބޭނުންކޮށްގެން ބޯ ކޮށަން ދަސްކުރަމުން އަންނަ ކަމަށާއި އެއީ ރިކޯޑު ފޮތުން އޭނައަށް ޖާގަ ހޯދޭނެ ކަމެއް ކަމަށެވެ.

އަލީވަނީ މިހާރު އެގައުމުގެ އެންމެ މަޝްހޫރު މީހުންގެ ޝައުގުވެރިކަމާއި ސަމާލުކަން ހޯދާފަ އެވެ. އެގޮތުން ޕާކިސްތާނުގެ މަޝްހޫރު ބައެއް ކްރިކެޓް ކުޅުންތެރިންނަށް ސޯދިގުގެ ހާއްސަ "ސްޕައިސީ" ހެއާކަޓް ވަނީ ވަރަށް ބޮޑަށް ކަމުގޮސްފަ އެވެ. ބޯ ކޮށުމުގެ މަސައްކަތް އޭނަ ކުރަނީ އޭނާގެ އަމިއްލަ ކުޑަ ސެލޫނެއްގަ އެވެ.