ހަބަރު

ގާނޫނީ ވަކީލުން ސަސްޕެންޑުކުރި ނިންމުން ބާތިލުކުރަން ގޮވާލައިފި

ޝަރުއީ ދާއިރާގެ މައްސަލަތައް ފާހަގަކޮށް އެކަންކަން އިސްލާހުކޮށް ދިނުމަށް އެދި، ވަކީލުން ސުޕްރީމް ކޯޓަށް ހުށަހަޅަން މަސައްކަތް ކުރި ޕެޓިޝަނަކާ ގުޅިގެން އެ ޕެޓިޝަންގައި ސޮއި ކުރި 54 ވަކީލުން ސަސްޕެންޑް ކުރަން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން (ޑީޖޭއޭ) އިން ނިންމާފައިވާ ނިންމުން ބާތިލު ކުރަން އިދިކޮޅު ފަރާތްތަކުން ގޮވާލައިފި އެވެ.

އެކަމާއި ގުޅޭގޮތުން ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ވަކީލުން ސަސްޕެންޑް ކުރުމަށް ނިންމުމަކީ ރާއްޖޭގެ އަދުލު އިންސާފުގެ ދާއިރާގެ ހާލަތު އިންތިހާއަށް ބޮއްސުންލައި މުޅި ޝަރުއީ ނިޒާމު ވަކި ބައެއްގެ ނުފޫޒުގެ ދަށަށް ވެއްޓިފައިވާކަމުގެ އަލިގަދަ ހެއްކެއް ކަމަށެވެ. އަދި އެ ނިންމުމަށް ސަރުކާރުން ތާއީދު ކުރުމުން ދޭހަވަނީ އެއީ ސަރުކާރުގެ ނުފޫޒާއެކު ނިންމާފައިވާ ނިންމުމެއް ކަމަށެވެ.

ވަކީލުން ހުށަހެޅި ޕެޓިޝަން ބަލައިނުގަނެ އެ ވަކީލުންނަށް ފިޔަވަޅު އަޅާފައިވަނީ އެކަމާ ބެހޭގޮތުން ޖަވާބުދާރީވާން ފުރުސަތު ނުދީ ކަމަށާއި އަދި ދަންވަރުގެ ވަގުތެއްގައި ސަސްޕެންޑް ކުރުމަކީ އިންސާފުވެރި ޝަރުއީ ނިޒާމަށް ހުރަސް އެޅުން ކަމަށެވެ. އިންސާފުވެރި ނިޒާމެއް ބިނާކޮށް ޝަރުއީ ދާއިރާ އިސްލާހުކުރުމަށް ކުރަންޖެހޭ ކަންކަން ކަމުގައި ގާނޫނީ ވަކީލުންނަށް ގަބޫލުކުރެވޭ ކަންކަން ހިމެނޭ ޕެޓިޝަން ހުށަހެޅުމާއެކު އެ ހުށަހެޅުން ބަލައިވެސްނުގަނެ އެޕެޓިޝަންގައިވާ ކަންކަމަކީ ކޮބައިކަން ދެނެގަތުމުގެ ބަދަލުގައި އެ ޕެޓިޝަން ހުށަހެޅި ވަކީލުން ސަސްޕެންޑް ކުރުމުން ހާމަވަނީ ކަންކަން އިސްލާހުކުރުމުގެ ނިޔަތްވެސް ނެތް ކަމަށާއި އެފަދަ ކަންކަމަށް ގޮވާލާ ފަރާތްތަކަށް ބިރު ދެއްކުންކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

ދައުލަތުގެ އެކިއެކި ކަންކަން ގާނޫނު އަސާސީއާ ހިލާފަށް ހިނގާކަމަށް ބުނާ ކޮންމެ ފަހަރަކު އެއީ ގައިރު ގާނޫނީ ކަމަކަށް ހަދައި އަދި އެއީ ސިޔާސީ މަންފާއެއް ހޯދުމަށް ބަޔަކު ކުރާ ކަމެއް ކަމަށް ބުނެ އެބަޔަކު ފްރޭމްކުރުމަކީ ހަގީގީ މައްސަލައިން ރެކި، ކަންކަން އިސްލާހު ކުރުމުގެ ފުރުސަތު ނައްތާލުމަށް ސަރުކާރުން ހިންގާ ކެހިވެރި އަމަލެއް ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ދެކޭ ކަމަށެވެ.

ޖިނާއީ ކޯޓުގައި ވަކާލާތުކުރުމުގެ ހުއްދަ ދީފައިވާ ވަކީލުންގެ ތެރެއިން ތިންބައިކޮށްފަިއ އެއްބައި ވަކީލުން ކުއްލިގޮތަކަށް ސަސްޕެންޑް ކުރުމަކީ އެ ކޯޓުތަކުގައި ކުރިއަށްދާ ގިނަ މައްސަލަތަކަށް ބުރޫ އަރާފައިވާ ކަމެއް ކަމަށާއި އެއީ އާންމު ރައްޔިތުންގެ ދިރިއުޅުމާ ގުޅިފައިވާ އަސާސީ ހައްގުތަކަށް ލިބިފައިވާ އުނިކަމެއް ކަމަށެވެ. މީގެ އިތުރުން ސަސްޕެންޑް ކޮށްފައިވާ ގާނޫނީ ވަކީލުންގެ ތެރެއިން ބައެއް ވަކީލުންނަކީ ސިޔާސީ ލީޑަރުންނާއި، ސިޔާސީ ޕާޓީތަކަށާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ސުލްހަވެރި ސިޔާސީ ހަރަކާތްތަކުން ބަންދުކުރެވޭ އާންމުންގެ ގިނަ ބައެއްގެ ދިފާއުގައި ކެނޑިނޭޅި މަސައްކަތް ކުރައްވާ ވަކީލުންކަންވެސް ފާހަގަކޮށްފައިވެ އެވެ..

ގާނޫނީ ވަކީލުންނަށް ބިރު ދައްކައި ގާނޫނު އަސާސީ ނަގާލުމުގައި ސަރުކާރަށް ވާގިވެރިވެ ޑީޖޭއޭ އިން ކުރަމުން ގެންދާ ކަންކަމުގެ ފުރިހަމަ ޒިންމާ ނަންގަވަން ޖެހޭ ފަރާތް ތަކުން އެފަދަ އަނިޔާވެރިކަން އިސްކޮށް ގާނޫނުތަކާ ހިލާފަށް ކަންތައްތަކެއް ކުރަމުންދާ ކަމަށާއި އެކަންކަން ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބަލައި ނުގަންނާނެ ކަމަށެވެ. އަދި އެކަންކަން ހުއްޓުވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށާއި އެކަމުގައި ޒިންމާ ނަގަންޖެހޭ ފަރާތްތަކުގެ މައްޗަށް ފިޔަވަޅު އެޅުމަށް މަޝްވަރާ ކުރަމުން ގެންދާނެ ކަމަށެވެ.

ގިނަ އަދަދެއްގެ ވަކީލުން ސަސްޕެންޑުކުރުމާ ގުޅިގެން އީޔޫއިންވެސް ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.