ހަބަރު

ޖަލުގެ ހާލަތާ މެދު ކަންބޮޑުވެ ޕާޕާގެ ސިޓީއެއް ޕީޖީއަށް

Sep 14, 2017
8

ކ. މަފުށީގައި ހުންނަ ޖަލު ހިންގަމުންދަނީ ޖަލުހިންގުމާއި ގުޅޭގޮތުން ހެދިފައިވާ ގާނުނުތަކާއި ގަވާއިދު ތަކާއި، ދިވެހި ދައުލަތުން ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހަދާތަކާއި ހިލާފަށްކަމަށް ބުނެ އެކަމާ ގުޅޭގޮތުން، "ފިނިފެންމާ" ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލާގައި ދެ އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދާ އަހުމަަދު ފަޔާޒް އަލީ ރިޒާ (ޕާޕާ) ޕރޮސިކިއުޓާ ޖެނެރަލް އައިޝަތު ބިޝާމަށް ސިޓީއެއް ފޮނުވައިފި އެވެ.

ޖަލުގައި ހުރެގެން ފޮނުވި އެ ސިޓީގައި ޕާޕާވަނީ ޖަލުގެ ހާލަތާއި ގުޅޭގޮތުން ގިނަ ކަންބޮޑުވުންތަކެއް ފާޅުކޮށްފަ އެވެ. އެގޮތުން ގައިދީންނަށް ޖަލުގައި ލިބެންޖެހޭ އަސާސީ ހައްގުތައް ނުލިބޭ ކަމަށާއި އަސާސީ ހިދުމަތްތަކުން މަހުރޫމްކޮށްފައިވާ ކަމަށެވެ. އެގޮތުން ޖަލުހުކުމް ކަނޑައަޅާފައިވާ ކުށްތަކުގެ ތަފްސީލާއި، ޑިސިޕްލިނަރީ ނިޒާމް ހިނގާނޭ ގޮތާއި، ކަނޑައެޅޭ އަދަބުތަކުގެ ތަފްސީލް ހިމެނޭ ކޮޕީއެއް ލިބިފައި ނުވާ ކަމަށާއި ޕާޕާ އޮންނަ ގޮޅިއަށް ކަރަންޓު ނުލިބުމާއި އަދިވެސް އޭނާގެ ސަލާމަތީ ދަރަޖަ ކަނޑައަޅާފައި ނުވާކަމަށެވެ.

"ޖަލުގައި ހުކުމް ތަންފީޒު ކުރަމުންގެންދާ ގައިދީންނަށް ގައިދީންގެ ހައްގުތަކާއި ގުޅުންހުރި ގާނޫނުތަކާއި ގަވާއިދުތައް ޖަލުގެ އިދާރާއިން މީގެކުރިން ފޯރުކޮށްދެމުން އައިސްފައި ވެއެވެ. ނަމަވެސް ފަހުން A4 ގަނޑު ދިނުމުން ހިލޭ ކޮޕީ ނަގައިދޭ ގޮތަށް ބަދަލު ކުރެވުނެވެ. ނަމަވެސް މިހާރު އެއުސޫލުވެސް ވަނީ މުޅިން އާގޮތަކަށް ބަދަލުކޮށް ކޮޕީ ނަގާ ކޮންމެ ގަނޑަކަށް 2 ރުފިޔާ 50 ލާރި ގައިދީން އަތުން އަތުލަން ފަށާފައެވެ." ޕާޕާގެ ސިޓީގައި ބުނެފައިވެ އެވެ.

ގާނޫނުގައިވާ ގޮތަށް ކޮންމެ ދުވަހަކު ގޮޅިން ބޭރަށް ނުނެރޭ ކަމަށާއި އެކަށީގެންވާ ގޮތެއްގައި ބޭސްފަރުވާގެ ފުރުސަތު ހޯދައިނުދޭ ކަމަށްވެސް ބުނެފައިވެ އެވެ. ބޭސްފަރުވާގެ ފުރުސަތު ލިބެނީ އެކަމަށް އެދޭތާ ދުވަސްތަކެއް ފަހުންކަމަށްވެސް އެސިޓީގައި ބުނެފައިވެ އެވެ.

ޕާޕާ ފޮނުވި ސިޓީގައި އޭނާ ބާއްވާފައި އޮންނަ ގޮޅީގައި ހިނަ އަދަދެއްގެ ކެމެރާ ހަރުކޮށްފައިވާކަން ފާހަގަކޮށް ބުނެފައިވަނީ ކެމެރާހުރި ގޮޅިތަކުގައި އާއްމު ގައިދީން ގެންގުޅުމަކީ ބައިނަލް އަގްވާމީ މުއާހަދާތަކާއި، ދިވެހިރާއްޖޭގެ އެންޓި ޓޯޗާ ގާނޫނު ( ޤާނޫނު ނަމްބަރު 2013/13 ) ގައިވާ ގޮތުން ޓޯޗާ ގެ އަމަލެއް ކަމަށެވެ.

"މާފުށީ ޖަލަށް އަޅުގަނޑު ގެނެވުނުފަހުން މުޅިންވެސް ގެންގުޅެފައިވަނީ ކަރަންޓްނެތް އަނދިރި ގޮޅިއެއްގައެވެ. މިޖަލުގެ އެހެނިހެން ޔުނިޓް ތަކުގައި ގައިދީން ތިބޭ ގޮޅިތަކަށް ކަރަންޓް ލިބެއެވެ. ފަންކާހުރެއެވެ. ޓީވީ އަދި ރޭޑިއޯގެ ހިދުމަތް ލިބެއެވެ. ނަމަވެސް މިހިދުމަތުން އަޅުގަނޑާއި މިކޯރިޑޯގައި ތިބި ގައިދީން ވަނީ މަހްރޫމް ވެފައެވެ. މިއީ ތަފާތު ކުރުމެއް ކަމަށާއި ގާނޫނުން އެންމެންގެ މައްޗަށް އެއްހަމަޔަކުން އަމަލުކުރަން އަދި ގާނޫނު ހިންގުމަށް މިޖަލުގެ ވެރިން ނުކުޅެދިފައިވާ ކަމުގެ ހެއްކެކެވެ." ޕާޕާގެ ސިޓީގައި ވެ އެވެ.

އާއިލާ އާއި ބައްދަލުކޮށް އާއިލާގެ ފޯން ކޯލުތަކުންވެސް މަހްރޫމްވެފައިވާ ކަމަށާއި އަދި އާއިލާގެ ފަރާތުން ފޮނުވާ ފޮތްތައް ޖަލަށް ނުވެއްދޭކަންވެސް ފާހަގަކޮށްފައިވެ އެވެ. އެހެން ނަމަވެސް ފޮތް ކިއުމާއި އާއިލާއާ ބައްދަލުކޮށް ފޯނު ކޯލު ކުރުމަީ ގާނޫނުން ލިބިދޭ އަސާސީ ހައްގެއް ކަމަށެވެ.

ޝަކުވާ ބަޔާންކޮށް ޖަލުގެ އިދާރާއަށް ގައިދީން ފޮނުވާ ސިޓީތަކަށް ފަސް ދުވަހުގެ ތެރޭގައި ޖަވާބުދޭން ގާނޫނުް ލާޒިމްކޮށްފައިވީ ނަމަވެސް އެފަދަ ސިޓީތަކަށް ޖަވާބުދެނީ ހިތަށްއެރި ދުވަހަކުން ކަމަށެވެ. ގައިދީންނަށް ވިޔަފާރި ކުރެވޭ ގޮތަށް ޖަލުގައި ހުޅުވާލާފައިވާ ފުރުސަތުގެ ދަށުން ވިޔަފާރި ކުރެވުނު ނަމަވެސް އަގުތައް ބޮޑު ކަމަށާއި ގައިދީން ލައްވާ މަސައްކަތް ކުރުމަށްފަހު ދޭ މުސާރައަކީވެސް އެކަށީގެންވާ ވަރަށް ވުރެ ކުޑަ މުސާރައެއްކަމަށް ޕާޕާގެ ސިޓީގައި ބުނެފައިވެ އެވެ.

"ޖަލުގައި އާމްދަނީ ހޯދުމަށް މަސައްކަތްކުރާ ގައިދީންނަށް ދެވޭ އުޖޫރައަކީ އެވެރެޖް 900/- (ނުވަ ސަތޭކަ) ރުފިޔާ އެވެ. އެންމެ ބޮޑު މުސާރައިގެ ގޮތުގައި ލިބެނީވެސް 2000/- (ދެހާސް ) ރުފިޔާ އެވެ. ގައިދީން ލައްވާ ކުރުވާ ބުރަ، ބޮޑު މަސައްކަތަށް ބަލާއިރު މިއީ ގައިދީންނަށް ހައްގުވާ ވަރު ނޫންކަމަށް ހަމަޖެހޭ ކޮންމެ މީހަކުވެސް ގަބޫލު ކުރާނެއެވެ. މިއަދަދު ތަކަކީ ދިވެހިރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މަސައްކަތްތެރިންނަށް ދެވޭ އުޖޫރައަށްވުރެ ވެސް ދަށް އުޖޫރައެކެވެ. މީގެ އެންމެ ދެރަ ކަމަކީ ޖަލުގެ ތެރޭގައި ފޯސް ލޭބާ ނުވަތަ ނުއަގުގައި ޖަލުން ބޭރުގައި ގައިދީން ލައްވާ މަސައްކަތް ކުރުވާ އޭގެން ވަކި ބަޔަކު ނާޖާއިޒް ފައިދާ ނަގަމުން ގެންދާކަމެވެ. މިއީ ރަނގަޅު ތަހުގީގެއް ޖަލުތެރޭގައި ހިންގައިފިނަމަ ވަރަށް ފަސޭހައިން ފެނި ސާބިތުވާންހުރި ކަންކަމެވެ."

އެ ސިޓީގައި އިތުރަށް ބުނެފައިވަނީ މާފުށީ ޖަލުގެ ހާލަތު މީގެ އެތަކެއް އަހަރު ކުރިން، އެކަށީގެންވާ ގާނޫނުތަކާއި ގަވާއިދު ތަކާއި ނުލާ ޕާޕާ ޖަލު ހިންގި ދުވަސްވަރު އޮތް ހާލަތަށް ވުރެން އެތައް ގުނައެއް ގޯސް ކަމަށެވެ.

ބިޝާމަށް ފޮނުވި ސިޓީ ނިންމާލަމަުން ފަޔާޒްވަނީ ޖަލުގައި ނިގުޅައިގަންނަމުން ގެންދާ ގައިދީންގެ ހައްގުތައް އަނބުރާ ގައިދީންނަށް ހޯދައިދީ އެކަމުގައި ޒިންމާވާ ފަރާތްތަކުގެ މައްސަލަ ތަހުގީގް ކުރުމަށް ކަމާއިބެހޭ އިދާރާތަކުގެ މައްޗަށް އަމުރުކޮށް، ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކާއި މެދު ފިޔަވަޅު އެޅުމަށް އެކަމަނާގެ އަރިހުގައި އެދިފަ އެވެ.