ބޮލީވުޑް

ދެ މަންޒަރު ކަނޑައި "ހަސީނާ" ފާސްކޮށްދީފި

Sep 15, 2017

އިންޑިއާގެ އެންމެ ނުރައްކާތެރި ކުށްވެރިޔާ ދާއޫދް އިބްރާހީމްގެ ކޮއްކޮ، އަދި ކުށުގެ ދުނިޔޭގެ ރާނީގެ ގޮތުގައި ގިނަ ބަޔަކު ޤަބޫލުކުރާ ހަސީނާ ޕާކަރްގެ ހަޔާތުގެ މައްޗަށް އުފައްދާ މި ފިލްމުގައި އޭނާގެ ރޯލު ކުޅެފައިވަނީ ޒުވާން ބަތަލާ ޝްރަދާ ކަޕޫރެވެ.

އަންނަ ހުކުރު ދުވަހު ރިލީޒްކުރާ މި ފިލްމުގައި ޝްރަދާ އާއެކު ބޭބެ ދާއޫދުގެ ރޯލުން ފެނިގެންދާނީ އޭނާގެ އަސްލު ބޭބެ ސިދާންތް ކަޕޫރެވެ.

ހަތަރު ކުދިންގެ މަންމަ އަކާއި ކުށުގެ ވެށީގައި ރަނިކަން ކުރާ މީހެއްގެ ރޯލަކުން ޝްރަދާ ފެނިގެންދާ ގޮތަށް ބެލުންތެރިންގެ ފަރާތުން މިހާތަނަށް ވަނީ ބޮޑު ތަރުހީބެއް ލިބިގެން ގޮސްފަ އެވެ.

ހަސީނާގެ ދިރުއުޅުމާއި އޭނާ ކުށުުގެ ވެއްޓަށް ނިކުތް ގޮތް ދައްކުވައިދޭ މި ފިލްމު ހުކުރު ދުވަހު ރިލީޒްކުރަން ހަމަޖެހިފައިވާއިރު ސެންސަރު ބޯޑުން ވަނީ ފިލްމުގެ ދެ މަންޒަރެއް ކަނޑައި ފިލްމު ފާސްކޮށްދީފަ އެވެ.

އަޕޫރްވަ ލާކިޔާ ޑައިރެކްޓްކޮށްފައިވާ މި ފިލްމު ސެންސަރު ބޯޑުން ދެ މަންޒަރު ކަނޑައި ފާސްކޮށްދިންކަން ޔަގީންކޮށްދެމުން އޭނާ ބުނެފައިވަނީ ފިލްމުގެ މަންޒަރުތައް ކަނޑަން އެންގުމުން އެއްވެސް ހިޔާލު ތަފާތުވުމެއް ނުއުފެދޭ ކަމަށް ބުނެފަ އެވެ.

"އެއް ބަހުގެ އަޑު ކަނޑައި އެއް މަންޒަރު ކެނޑީ. ސެންސަރު ބޯޑުން އެންގި މަންޒަރުތައް ކަނޑާފައި މިހާރު ވާނީ. ސެންސަރު ބޯޑާ އެކު އަހަރުމެންގެ ތަޖުރިބާ ވަރަށް ރަނގަޅު،" އަޕޫރްވަ ބުނެފައިވެ އެވެ.

މިފަހަކަށް އައިސް ގިނަ ފިލްމުތަކެއް ފާސްކޮށްދޭން ސެންސަރު ބޯޑުން ދެކޮޅު ހަދައި ގިނަ މަންޒަރުތަކެއް ކަނޑަން ފިލްމުގެ ޑައިރެކްޓަރުން ކުރެން އެދުމުން ސެންސަރު ބޯޑާއި ފިލްމު އުފައްދާ ފަރާތްތަކާ މެދު ވަނީ ބޮޑެތި މައްސަލަތަކެއް ޖެހިފަ އެވެ.

އާންމުކޮށްފައިވާ "ހަސީނާ" ގެ ޓްރެއިލާ ބެލުމަށްފަހު އެންމެ ގިނަބަޔަކު ހައިރާންވީ ޝްރަދާގެ އެކްޓިން މޮޅު ކަމުންނެވެ. މީގެކުރިން މުޅިން ވެސް މަޑުމައިތިރި ރޯލުތައް ކުޅެފައިވާ ޝްރަދާ ހަސީނާ ޕާކަރް ފަދަ ބިރުކުޑަ އަންހެނެއްގެ ރޯލު ކުޅެން ހުށަހެޅުންމުން ގިނަބަޔަކު ވަނީ އަޕޫރްވަ ކުރެން ވެސް ޝްރަދާ އަކީ ހަސީނާގެ ރޯލު ކުޅެން އެންމެ އެކަށީގެންވާ ބަތަލާތޯ ސުވާލުކޮށްފަ އެވެ.

" މި ފިލްމުގައި ހަތަރު ކުދިންގެ މަންމައެއްގެ ރޯލު ކުޅެން ޖެހުމުން ޝްރަދާ އެކަމާ ދުވަހަކު ވެސް ސުވާލެއް ނުކުރޭ. ތިރީސް އަހަރުގެ އަންހެނަކަށް ފިލްމެއްގައި ފަންސާސް އަހަރުގެ އަންހެނެއްގެ ރޯލު ކުޅުމަކީ ފަސޭހަ ކަމެއް ނޫން،" ޝްރަދާ އަށް ތައުރީފުކުރަމުން އަޕޫރްވަ ބުނެފައިވެ އެވެ.

އަންނަ ހުކުރު ދުވަހު ރިލީޒްކުރާ މި ފިލްމާ އެކު މަޝްހޫރު އެކްޓަރު ސަންޖޭ ދަތު އެނބުރި އަންނަ ފިލްމު "ބޫމީ" ވެސް ރިލީޒްކުރާނެ އެވެ.