ހަބަރު

މެލޭޝިއާއިން ހައްޔަރުކުރި ދެ ދިވެހިން ރާއްޖޭގައި ދޫވެފައި

Sep 14, 2017
5

މެލޭޝިއާގައި ޓެރަރިސްޓް ހަމަލާއެއް ދޭން ރާވަމުން ދިޔަ ބައެއް އަތުލައިގަތުމަށް ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކުރި ދެ ދިވެހިން ރާއްޖޭގައި ތިބީ ހައްޔަރުގައި ނޫންކަމަށާއު އެ މީހުން ދޫކޮށްލާފައިވާކަން އެނގިއްޖެ އެވެ.

ހައްޔަރުކުރި ދެ ދިވެހިންނަކީ އުމުރުން 29 އަހަރާއި 33 އަހަރުގެ ދެ މީހުންނެވެ. އެ ދެ މީހުންނަކީ އެއާ ކޮންޑިޝަނާ ޓެކްނީޝަނުންގެ ގޮތުގައި މަސައްކަތް ކުރާ ދެ މީހުން ކަމަށް މެލޭޝިއާގެ ނޫސްތަކުގައިވެ އެވެ. އަދި އެ ދެ މީހުންނަކީ އައިއެސްއާ ގުޅުން އޮންނަ ބައެއް ކަމަށްވެސް ރިޕޯޓްތަކުގައިވެ އެވެ. އެމީހުން މަސައްކަތް ކުރަމުން ދިޔައީ މެލޭޝިއާ އާއި ސިންގަޕޫރު ޓްރާންސިޓް ޕޮއިންޓެއްގެ ގޮތުގައި ބޭނުން ކޮށްގެން ސީރިއާއަށް ދިޔުމަށް ކަމަށް ވެސް މެލޭޝިއާގެ ނޫސްތަކުގައި ބުނެފައިވެ އެވެ.

އެމީހުން މެލޭޝިއާ ފުލުހުން ދޫކޮށްލުމުން ރާއްޖެ އައިސްފައިވަނީ އަމިއްލައަށް ކަމަށް މައުލޫމާތު ލިބެ އެވެ. މައުލޫމާތު ލިބޭ ގޮތުގައި އެ ދެ މީހުންގެ މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ. ނަމަވެސް އެމީހުން ތިބީ ހައްޔަރުގައި ނޫންކަން ވަނީ ކަށަވަރުވެފަ އެވެ. އެމީހުން ހައްޔަރުނުކޮށް ތިބި ސަބަބު ސާފެއް ނުވެ އެވެ.

ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ، އެކަމާ ގުޅޭ ގޮތުން އަދި ވަކި އެއްޗެއް ހާމަކުރެވެން ނެތް ކަމަށާއި އެކަމާ ގުޅޭ މައުލޫމާތު ފަހުން ދޭނެ ކަމަށެވެ.

މެލޭޝިއާގައި ދޭން ރާވަމުން ދިޔަ ވަރުގަދަ ޓެރަރިސްޓް ހަމަލާ ނާކާމިޔާބު ކޮށްލައި އެ ގައުމުގެ ފުލުހުން ވަނީ ދެ ދިވެހިންނާއެކު ޖުމްލަ 19 މީހަކު ހައްޔަރުކޮށްފަ އެވެ. ނަމަވެސް މެލޭޝިއާގައި ދޭން ރާވަމުން ދިޔަ ޓެރަރިސްޓް ހަމަލާއާ ދެ ދިވެހިންނާ ސީދާ ގުޅުމެއް އޮތް ކަމެއް ފުލުހުން ބުނެފައެއް ނުވެ އެވެ.