ހަބަރު

ލަންކާގައި ނަޝީދު ހައްޔަރުކުުރުން ވާނީ ބައިނަލް އަގުވާމީ ގާނޫނާ ހިލާފުކަމަކަށް: އާމާލް

ސްރީލަންކާއަށް ވަޑައިގެން އުޅުއްވަނިކޮށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ހައްޔަރުކުރުން ވާނީ ބައިނަލް އަގުވާމީ ގާނޫނުތަކާއި ލަންކާގެ ޖިނާއީ ގާނޫނުތަކާ ހިލާފު ކަމަކަށް ކަމަށް އެމަނިކުފާނުގެ ވަކީލު އާމާލް ކްލޫނީ ވިދާޅުވެއްޖެ އެވެ.

ސްރީލަންކާގައި ހުންނަވާ ރާއްޖޭގެ ސަފީރުކަމަށް އައްޔަން ކޮށްފައިވާ މުހައްމަދު ހުސައިން ޝަރީފު (މުންދު) މިދިޔަ ހޯމަދުވަހުގެ ރޭ ސަންޓީވީއަށް ދެއްވި އިންޓަވިއެއްގައި ދެއްކެވި ވާހަކަފުޅަކާ ގުޅިގެން ކްލޫނީ ނެރުއްވި ބަޔާނުގައި ވިދާޅުވެފައި ވަނީ ލަންކާއަށް ވަޑައިގެން އުޅުއްވާ އިރު ނަޝީދުގެ ހައްގުތައް ހިމާޔަތް ކުރުމަކީ ލަންކާ ސަރުކާރުން ކުރަން ޖެހޭނެ ކަމެއް ކަމަށެވެ.

"ހަގީގަތާ ހިލާފު ޝަރީއަތަކުން ކޮށްފައިވާ ހުކުމެއް ތަންފީޒުކުރައްވަން ނަޝީދު އަނބުރައި ދިވެހިރާއްޖެއަށް ފޮނުވާކަށް ނުޖެހޭނެ. އެމީހުންގެ ގައުމުގައި ހުންނަވާ އިރު ނަޝީދުގެ ހައްގުތަކަށް އިހުތިރާމް ކުރެވޭކަން ކަށަވަރު ކުރުމަކީ ލަންކާގެ އިދާރާތަކުން ކުރަން ޖެހޭނެ ކަމެއް،" އާމާލްގެ ބަޔާނުގައި ވިދާޅުވެފައި ވެއެވެ.

ރައީސް ނަޝީދުގެ ބައިނަލް އަގުވާމީ ގާނޫނީ ވަކީލުންގެ ޓީމްގައި ހިމެނިވަޑައިގަންނަވާ އެހެން ވަކީލެއް ކަމަށްވާ ޖެރާޑް ޖެންސާ ވިދާޅުވެފައި ވަނީ އެހެން ގައުމެއްގެ ސަރަހައްދަކުން މީހަކު ހައްޔަރުކޮށްގެން ގެނެސް، ގައުމެއްގެ ސިޔާދަތަށް އަރައިގަތުމަކީ އެއްވެސް ގައުމަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

ސަންޓީވީގެ ' 50 މިނިޓް' ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން މުންދު ވިދާޅުވީ ނަޝީދު ހައްޔަރުކޮށްގެން ގެންނަން ރާއްޖޭގެ ކަމާ ބެހޭ އިދާރާތަކުން އެދިއްޖެ ނަމަ އެކަން އެގޮތަށް ކުރައްވާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ރާއްޖޭގެ މުއައްސަސާޔަކުންއަކުން އަޅުގަނޑަށް އަންގައިފިއްޔާ އެކަން ކުރާނަން. އިޓްސް ވެރި ސިމްޕަލް. އޭގެ މާނައަކީ ރާއްޖޭގެ ކަމާ ބެހޭ މުއައްސަސާއަކުން ހަމަ ވިދާޅުވާންވީ މިވެނި މީހަކު އެއީ ހޯދައިގެން މިހާރު ގެންނަން ޖެހޭ މީހެކޭ. ބުނީމާ އަޅުގަނޑުގެ ހަމަ ޒިންމާޔާ މަސްއޫލިއްޔަތު ތެރޭގައި ހިމެނޭނެ، ދިވެހިރާއްޖޭގެ ގާނޫނު ތަންފީޒު ކުރުމަށްޓަކައި މިވެނި ކަމެއް މިވަގުތުންް މިވަގުތަށް ކުރަން އަންގަވައިފިއްޔާ އެކަން ކުރަން، އަޅުގަނޑު ހަމަ ގައިމުވެސް އަޅުގަނޑު އަމިއްލައަށް ނުކުމެ ހޯދައިގެން ވެސް ގެންނާނަން،" ލަންކާ ސަރުކާރާ ގުޅިގެން ނަޝީދު ހައްޔަރުކޮށްގެން ގެންނަން މަސައްްކަތް ކުރައްވައިފާނަންތޯ؟ ޕްރެޒެންޓަރު ސުވާލު ކުރުމުން މުންދު ވިދާޅުވި އެވެ.