ހަބަރު

ނަޝީިދު ހައްޔަރުކުރާނެ ކަމަށް ވިދާޅުވުމުން މުންދު ހޫނުފެނަށް

ކުރީގެ ރައީސް މުހައްމަދު ނަޝީދު ހައްޔަރުކޮށްގެން ރާއްޖެއަށް ގެންނަން ކަމާ ބެހޭ އިދާރާއަކުން އަންގައިފި ނަމަ އެކަން އެގޮތަށް ކުރައްވާނެ ކަަމަށް ވިދާޅުވެ، ސްރީލަންކާގައި ހުންނަވާ ސަފީރު ކަމުގެ މަގާމަށް އައްޔަންކޮށްފައިވާ މުހައްމަދު ހުސައިން ޝަރީފު ( މުންދު) ދެއްކެވި ވާހަކަފުޅާ ގުޅިގެން އޭނާ ހޫނު ފެނަށް ވެއްޓިއްޖެ އެވެ.

ސަންޓީވީ '50 މިނިޓް' ޕްރޮގްރާމްގައި ހޯމަދުވަހުރޭ މުންދު ދެެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ކަމާ ބެހޭ މުއައްސަސާއަކުން ނަޝީދު ހައްޔަރުކޮށްގެން ރާއްޖެއަށް ގެންނަން އަންގަވައިފިއްޔާ އަމިއްލަފުޅަށް މަގުމައްޗަށް ނުކުންވައިގެން ވެސް އެފަދަ އޯޑަރެއް ތަންފީޒު ކުރައްވާނެ ކަަމަށެވެ.

"އަޅުގަނޑުމެންގެ ރާއްޖޭގެ މުއައްސަސާޔަކުންއަކުން އަޅުގަނޑަށް އަންގައިފިއްޔާ އެކަން ކުރާނަން. އިޓްސް ވެރި ސިމްޕަލް. އޭގެ މާނައަކީ ރާއްޖޭގެ ކަމާ ބެހޭ މުއައްސަސާއަކުން ހަމަ ވިދާޅުވާންވީ މިވެނި މީހަކު އެއީ ހޯދައިގެން މިހާރު ގެންނަން ޖެހޭ މީހެކޭ. ބުނީމާ އަޅުގަނޑުގެ ހަމަ ޒިންމާޔާ މަސްއޫލިއްޔަތު ތެރޭގައި ހިމެނޭނެ، ދިވެހިރާއްޖޭގެ ގާނޫނު ތަންފީޒު ކުރުމަށްޓަކައި މިވެނި ކަމެއް މިވަގުތުންް މިވަގުތަށް ކުރަން އަންގަވައިފިއްޔާ އެކަން ކުރަން، އަޅުގަނޑު ހަމަ ގައިމުވެސް އަޅުގަނޑު އަމިއްލައަށް ނުކުމެ ހޯދައިގެން ވެސް ގެންނާނަން،" ލަންކާ ސަރުކާރާ ގުޅިގެން ނަޝީދު ހައްޔަރުކޮށްގެން ގެންނަން މަސައްްކަތް ކުރައްވައިފާނަންތޯ؟ ޕްރެޒެންޓަރު ސުވާލު ކުރުމުން މުންދު ވިދާޅުވި އެވެ.

މުންދުގެ އިންޓަވިއު ހަބަރުުގެ ގޮތުގައި ޝާއިއު ކުރުމުން ކޮމެންޓް ކުރި އެތައް ބަޔަކާއި ސޯޝަލް މީޑިއާގައި ހަބަރަށް ކޮމެންޓް ކުރި އެތައް ބަޔަކު އޭނާއާ މެދު އަންނަނީ ރުޅިވެރިކަން ފާޅު ކުރަމުން އެވެ. އަދި އެންމެ ފަހުން ރައީސް ނަޝީދުގެ ބައިނަލްއަަގުވާމީ ވަކީލުން ވެސް މިހާރު ވަނީ އެކަމާ ދެކޮޅަށް ބަޔާނެއް ނެރެފަ އެވެ.

"ހަގީގަތާ ހިލާފު ޝަރީއަތަކުން ކޮށްފައިވާ ހުކުމެއް ތަންފީޒުކުރައްވަން ނަޝީދު އަނބުރައި ދިވެހިރާއްޖެއަށް ފޮނުވާކަށް ނުޖެހޭނެ. އެމީހުންގެ ގައުމުގައި ހުންނަވާ އިރު ނަޝީދުގެ ހައްގުތަކަށް އިހުތިރާމް ކުރެވޭކަން ކަށަވަރު ކުރުމަކީ ލަންކާގެ އިދާރާތަކުން ކުރަން ޖެހޭނެ ކަމެއް،" ނަޝީދުގެ ބައިނަލް އަގުވާމީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިިގަންނަވާ އާމާލް ކްލޫނީ ނެރުއްވި ބަޔާނުގައި ވެއެވެ.

ރައީސް ނަޝީދުގެ އޮފީހުން އެކަމާ ބެހޭ ގޮތުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ މުންދުގެ ކޮމެންޓަކީ އަޅައި ނުލައި ދޫކޮށްލެވޭ ފަދަ ކޮމެންޓްތަކެއް ނޫން ކަަމަށެވެ. ސަަބަބެއް ކަމަށް ބުނެފައި ވަނީ ސޯޝަލް މީޑިއާ އެކްޓިވިސްޓް އަހުމަދު އަޝްރަފް (ޝުމްބާ ގޮން) ލަންކާގައި ހައްޔަރުކޮށްގެން ރާއްޖެއަށް ގެނައި ހާދިސާއެވެ. ޝުމްބާ ރާއްޖެއަށް ގެނައި ހާދިސާއާ ގުޅިގެން ލަންކާ ސަރުކާރުން އޭރު ނުރުހުން ފާޅުކުރި އެވެ. ނަމަވެސް ނަޝީދުއާ ބެހޭ ގޮތުން މުންދު ދެއްކެވި ވާހަކަފުޅާ މެދު ލަންކާ ސަރުކާރުން އަދި ވަކި އެއްޗެއް ނުބުނެ އެވެ. އެހެން ނަމަވެސް އެވާހަކަތަކާ މެދު އިދިކޮޅު ފަރާތްތައް ވެސް އަދި ނަޝީދުގެ ފަރާތުން ވެސް ލަންކާއަށް ސަރުކާރަށް އިންތިހާއަށް ޕްރެޝަރުތައް ކުރިމަތިވާނެ އެވެ.

ލަންކާގައި ހުންނަވާ ރާއްޖޭގެ ސަފީރުކަމުގެ ފަތްކޮޅު މުންދު އަދި ލަންކާ ރައީސް މައިތިިރިޕާލާ ސިރިސޭނާއާ ހަވާލެެއް ނުކުރައްވަ އެވެ.