ހަބަރު

ފްލެޓް ލިސްޓް އާންމުކުރުމުގެ ކުރިން ސަރުކާރަށް ތާއީދު ކުރޭތޯ ބެލި މައްސަލައެއް ފެންމަތިވެއްޖެ

Sep 14, 2017
24

ގެދޮރުވެރި ކުރުވުމުގެ ޕްރޮގްރާމުގެ ދަށުން ފްލެޓު ލިބޭ 661 ފަރާތްތަކުގެ މައުލޫމާތު އާންމު ކުރުމުގެ ކުރިން، ސަރުކާރަށް ތާއީދު ކުރާވަރު ބެލުމަށް ފޯމު ލާފައިވާ ބައެއް ފަރާތްތަކަށް ގުޅައި ސާވޭ ހެދި ކަމަށް ބުނާ މައްސަލައެއް ފެންމަތިވެއްޖެ އެވެ.

ހައުސިން މިނިސްޓްރީން އިއުލާންކޮށްފައި ވަނީ މާލޭގެ ރަށްވެހިންނަށާއި މާލެއަށް ދިރިއުޅުން ބަދަލުކޮށްފައިވާ އާއިލާތަކަށް ހާއްސަކޮށްގެން ދިނުމަށް ހަމަޖެހިފައިވާ ފްލެޓުތަކުގެ ތެރެއިން ކެޓަގަރީ އެކަކާއި ދެއަކަށް ޝަރުތުތައް ހަމަވާ ފަރާތްތަކުގެ ލިސްޓެވެ. ނަމަވެސް އެ ލިސްޓުގައި ފްލެޓު ލިބުނު އެއްވެސް ފަރާތެއްގެ ނަން ހާމަކޮށްފައެއް ނުވެ އެވެ. އޭގައި ވަނީ ފޯމުތަކުގެ ނަމްބަރު އެކަންޏެވެ.

ފްލެޓު ލިބޭ ފަރާތްތަކުގެ ނަން ހާމަ ނުކުރާ މައްސަލަ ހޫނުވެފައިވަނިކޮށް، ފްލެޓް ލިބޭ ފަރާތްތައް އާންމު ކުރުމުގެ ކުރިން ފޯމު ހުށަހެޅި ފަރާތްތަކަށް ގުޅާ ސަރުކާރަށް ތާއީދު ކުރޭތޯ ސުވާލުކޮށް ސާވޭއެއް ހެދި މައްސަލައެއް ވަނީ ފެންމަތިވެފަ އެވެ. އެނގިފައިވާ ގޮތުގައި ޕީޕީއެމް އޮފީހުގެ ފަރާތުން ކަމަށް ބުނެ، ފްލެޓަށް ފޯމު ހުށަހެޅި ގިނަ އާއިލާތަކަށް ގުޅާފައި ވަނީ މިދިޔަ މަހު ފަހުކޮޅުގަ އެވެ.

ފްލެޓަށް ފޯމު ހުށަހަޅާފައިވާ އާއިލާއެއްގެ މެންބަރަކު "އަވަސް"އަށް ވިދާޅުވީ އޭނާއަށް ގުޅާ ސަރުކާރާއި ރައީސް އަބްދުﷲ ޔާމީންއާ މެދު ދެކޭ ގޮތް ސާފުކޮށްފައިވާ ކަމަށެވެ. އަދި ވަކި ޕާޓީއަކަށް ތާއީދު ނުކުރާ ކަމަށް ބުނުމުން ސަރުކާރަށް ތާއީދު ކުރަން ޖެހޭ ސަބަބުތައް ކިޔަން ފެށި ކަމަށާއި "ވަރަށް ބައިވަރު މީހުން އެއް ގެއެއްގައި އުޅޭތީ" އެކަން ސާފުކޮށްލީ ކަމަށް ޕީޕީއެމް އިން ކަމަށް ބުނެ ގުޅި މީހާ ބުނި ކަމަށް އޭނާ ބުންޏެވެ.

"އެ މީހުން ބުނީ މި ގުޅާލީ ޕީޕީއެމްގެ ފަރާތުންނޭ، ރައީސް ޔާމީންއަށް އެއްވެސް ވަރަކަށް ތާއީދު ކުރޭތޯ ބަލާލަންށޭ، ދެން އަޅުގަނޑު ބުނިން އެއްވެސް ޕާޓީއަކަށް ތާއީދެއް ނުކުރަމޭ، ކުރާކަށް ބޭނުމެއް ވެސް ނޫނޭ، އެހެން ބުނީމަ އެ މީހުން ބުނީ އާއިލާގައި އުޅޭ އެހެން މީހެއްގެ ނަމްބަރެއް ދޭން، އަޅުގަނޑު ބުނިން އެ މީހުންނަކަށް މިހާރު ނުގުޅޭނޭ، ދެން އެ މީހުން ބުނީ ވަރަށް ބައިވަރު މީހުން އެއް ގެއެއްގައި އުޅޭ ކަމަށް ބުނެފަ އެބައޮތޯ އެހެންވެ އޭ މި ގުޅާލީ، އަޅުގަނޑު ފޯނު ކަނޑާލީ،" ރައީސް ޔާމީންގެ ކެމްޕޭން އޮފީހުން ގުޅި ކަމަށް ބުނާ މީހަކު ބުންޏެވެ.

އަވަސްއާ ވާހަކަދެއްކި އެހެން މީހަކު ބުނީ ހަމަ އެފަދަ ފޯނުކޯލެއް ފްލެޓު ލިބުން މީހުންގެ ލިސްޓު އާންމު ކުރުމުގެ ހަފްތާއެއް ކުރިން ލިބުނު ކަމަށެވެ. އަދި 2018 ގައި ވޯޓު ދޭން ވިސްނާފައި ހުރީ ކިހިނެތްތޯ އެހި ކަމަށާއި ވަކި ގޮތެއް ވިސްނާފައި ނުވާނޭނެ ކަމަށް ބުނެ އޭނާ އެ ކޯލަށް ޖަވާބު ދިން ކަމަށް ބުންޏެވެ.

"އަޅުގަނޑު މީ 2018 ގެ ވޯޓަށް ވަކި ގޮތެއް ނުވިސްނަމޭ ބުނި މީހާ، އަޅުގަނޑަކަށް ފްލެޓެއް ނުލިބޭ، ހަމަ އަޅުގަނޑުގެ ތިމާގެ އެހެން މީހަކަށް ވެސް ޕީޕީއެމް އިން ގުޅީމަ ބުނީ ތާއީދު ކުރާ ވާހަކަ، އެ މީހުންނަށް ފްލެޓު ލިބުން،" އަވަސް އަށް ގުޅައި ޝަކުވާ ކުރި މީހަކު ބުންޏެވެ.

އެކަމާ ގުޅޭ ގޮތުން އަވަސް އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޕީޕީއެމްގެ ސެކެޓަރީ ޖެނަރަލް އަބްދުﷲ ހަލީލް ވިދާޅުވީ ރައްޔިތުންގެ ތާއީދު އޮތީ ރައީސް ޔާމީންއާ އެކުގައި ކަމަށެވެ. ނަމަވެސް ވަކިވަކި އާންމު ފަރާތްތަކަށް އެޕާޓީގެ ފަރާތުން ގުޅާ ނަމަ އެކަން ކުރާނީ އާންމުކޮށް އިއުލާން ކުރުމަށް ފަހުގައި ކަމަށް ހަލީލް ވިދާޅުވި އެވެ.

ފްލެޓު ދޫކުރި ގޮތާ މެދު ބޮޑެތި ސުވާލުތަކެއް އުފެދި، ޝަކުވާ ބޮޑުވެފައިވާ އިރު އެ މައްސަލަ ވަނީ އެންޓި ކޮރޮޕްޝަން ކޮމިޝަން (އޭސީސީ) އަށް ވެސް ހުށަހަޅާފަ އެވެ. އެ މައްސަލައިގައި ހައުސިންގެ ބަހެއް މިއަދުވެސް ލިބޭ ގޮތެއްނުވި އެވެ.