ހަބަރު

ޔާމީންގެ މަރުގެ މައްސަލަ އާއި ފާރިސް ޝަރީއަތް ލައިވްކުރުމުގެ ހުއްދައަކަށް އެދިއްޖެ

ޕްރޮސެކިއުޓާ ޖެނަރަލްގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫންގެ މައްޗަށް އުފުލި ދައުވާއާ ގުޅިގެން ހިންގާ ޝަރީއަތުގެ އަޑުއެހުންތަކާއި ބްލޮގާ، ޔާމީން ރަޝީދުގެ މަރާ ގުޅިގެން ދައުލަތުން ދައުވާ އުފުލާފައިވާ މީހުންގެ މައްޗަށް ހިންގާ ޝަރީއަތުގެ އަޑުއެހުންތައް ރާއްޖެޓީވީން ލައިވްކޮށް ގެނެސްދެވޭނެ ހުއްދަ ދިނުމުގެ އިންތިޒާމްތައް ހަމަޖައްސައި ދިނުމަށް ކުރިމިނަލް ކޯޓުގައި އެދިއްޖެ އެވެ.

ކުރިމިނަލް ކޯޓުގެ އިސް ގާޒީ އާދަމް އާރިފަށް ރާއްޖެޓީވީގެ ސީއޯއޯ ހުސެއިން ފިޔާޒު މޫސާ ފޮނުއްވި ސިޓީއެއްގައި ބުނެފައިވަނީ، ރާއްޖޭގެ ކޯޓުގައި ހިނގަމުންދާ ޝަރީއަތްތަކުގެ އަޑުއެހުންތަކަކީ ވެސް ހުޅުވާލެވިގެން ފާޅުކަން ބޮޑު ގޮތެއްގައި ހިންގޭ ޝަރީއަތްތަކުގެ އަޑުއެހުންތަކަށްވާއިރު އެ އަޑުއެހުންތައް ލައިވްކުރުމުުގައި ގާނޫނީ ހުރަހެއް އޮތް ކަމަށް ރާއްޖެޓީވީ އިން ނުދެކޭ ކަމަށެވެ.

"އިންސާފު ގާއިމްކުރުމަކީ ޝަރުއީ ދާއިރާގެ މަސްއޫލިއްޔަތަށްވާއިރު، އިންސާފު ގާއިމްވާ މަންޒަރު އެންމެހާ ރައްޔިތުންނަށް ފެނުމަކީ މުހިންމު ކަމެއް ކަމުގައި ދެކެން، އެހެނީ ހަމައެކަނި އިންސާފު ގާއިމްކުރަންވީއެއް ނޫން، އިންސާފު ގާއިމްކުރެވޭ މަންޒަރު ވެސް ފެންނަންވީ، އިންސާފު ގާއިމްކުރެވޭ މަންޒަރު އެންމެހާ ރައްޔިތުންނަށް ފެންނަނަމަ ޝަރުއީ ދާއިރާއަށް ކުރެވެމުންދާ ތުހުމަތުތައް ހުއްޓި، ރައްޔިތުންނަށް ހަގީގަތް ހާމަވެގެންދާނެ،" ރާއްޖެޓީވީގެ ސިޓީގައިވެ އެވެ.

މީގެ ކުރިން ވެސް މުޖުތަމައުގެ މަސްލަހަތު ހިމެނޭ މައްސަލަތައް ރާއްޖޭގައި ލައިވް ކޮށްގެން ކުރިއަށް ގެންގޮސްފައިވެ އެވެ. އެގޮތުން ނޮވެމްބަރު، 3، 1988 ގެ އުދުވާނީ ހަމަލާގެ ފަހަތުގައި ތިބި ފަރާތްތަކުގެ މައްޗަށް ހިންގި ޝަރީއަތް ލައިވް ކޮށްފައިވެ އެވެ.

ޔާމީން ރަޝީދުގެ މަރުގެ މައްސަލާގެ ޝަރީއަތް މިހާރު ކުރިމިނަލް ކޯޓުގައި ފަށާފައިވާއިރު އެ ޝަރީއަތް ވަނީ ދައުލަތުން އެދިގެން ސިއްރުކޮށްފަ އެވެ. ފާރިސްގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ހުށަހެޅުމުގެ ދައުވާގެ ޝަރީއަތް ފަށަން ކުރިމިނަލް ކޯޓުން މިހާރު ދަނީ ތައްޔާރުވަމުންނެވެ.