ހަބަރު

ސަރުކާރު ތެޅިފޮޅެނީ އިސްލާހީ މަސައްކަތް ކާމިޔާބުވާތީ: މައުމޫން

Sep 14, 2017
14

ސަރުކާރުން ތެޅިފޮޅިގެން ކަންކަން ނިންމަމުން ގެންދިޔުމަކީ އިދިކޮޅު ފަރާތްތަކުން ކުރައްވަމުން ގެންދާ އިސްލާހީ މަސައްކަތްތައް ކާމިޔާބުވުމުގެ އަލާމާތްތައް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ފަރާތްތަކުން މިރޭ ކުނޫޒުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ ގާނޫން އަސާސީ ނެގެހެއްޓުމަށް އިސްނަގައިގެން ޕެޓިޝަންތަ ހުށަހެޅި ވަކީލުން ސަސްޕެންޑު ކުރުމުން ހައިރާންވި ކަމެއް ކަމަށެވެ. އެއީ އެ ފުރުސަތުގެ ބޭނުން ހިފައިގެން ޕެޓިޝަން ބަލައިގަނެ އެއަށް ތައުރީފް ކުރި ނަމަ ސަރުކާރުގެ ނަން މީހުންގެ ތެރޭގައި ވަރަށް ބޮޑަށް އުފުލިގެން ދާނެ ކަމަށެވެ. އަދި ފްލެޓުތަކުގެ މައްސަލާގައި ވެސް އެ ލިބުނު ބައެއް ހާމަނުކޮށް، ހިތުހުރި ގޮތަކަށް ތެޅިފޮޅިގެން ކަންކަން ކުރަން އުޅުމުގެ ސަބަބުން އޮތީ މުޅިން ގޯސްކޮށް ނަތީޖާ ނިކުމެފައި ކަމަށާއި ނަމަވެސް އެއީ ވެސް ރަނގަޅަށް، އިންސާފުވެރިކޮށް ކުރި ނަމަ ރައްޔިތުން ބަލައިގަންނާނެ ކަންކަން ކަމަށެވެ. އޭގެ އިތުރުން ކޯޓުތަކުގެ ބެންޗުތައް ބަދަލު ކުރުމަކީ ވެސް ރައްޔިތުންގެ ނަފްރަތު ލިބިގެން ދާ ކަންކަން ކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ.

ނަމަވެސް އެކަންކަން ކުރަން ސަރުކާރަށް އެނގިވަޑައި ނުގަންނަވާ ކަމަށާއި އެފަދަ ކަންކަން ދިމާވުމަކީ އިދިކޮޅު ފަރާތްތަކުގެ އިސްލާހީ މަސައްކަތްތައް ކާމިޔާބުވަމުންދާ ކަމުގެ އަލާމާތްތަކެއް ކަމަށް ރައީސް މާއުމޫން ވިދާޅުވި އެވެ. އަދި އެ ކާމިޔާބީ ހުއްޓުވުމަށް ސަރުކާރުން މަސައްކަތް ކުރުމުގެ ތެރޭގައި ކުރެވެނީ މޮޔަ ކަންކަން ކަމަށް ރައީށް މައުމޫން ވިދާޅުވި އެވެ.

"މީގެން މި ދޭހަވަނީ އެ ފަރާތްތަކުގެ ހާލަތު ވަރަށް ބޮޑަށް ދަށަށް ގޮސްފިކަން، ރީތިކޮށް ވާހަކަދައްކައިގެން ކަންކަން ކުރެވޭކަށް ނެތް ކަން، ތެޅިފޮޅިގަނެގެން ގޯސްްކަންތައް ކުރެވޭ ކަން، އެހެންވީމަ އެ ބޭފުޅުންގެ ހާލަތު ވަރަށް ދަށަށް ގޮސް ކިރިޔާ ހިފެހެއްޓޭ ނުހިފެހެއްޓޭ ހިސާބުގައި އެ އުޅެނީ،" ރައީސް މައުމޫން ވިދާޅުވި އެވެ "ރަނގަޅު ގޮތްގޮތް އޮއްވާ އަޅުގަނޑުމެން ކުރާ އިސްލާހީ މަސައްކަތް ހުއްޓުވަން ހަދައިގެން ސަރުކާރަށް ބޮޑެތި ގޯސްތައް ހެދި، މޮޔަ ކަންކަން ކުރެވެނީ،"

މާދަމާ ޑިމޮކްރަސީ ދުވަސްކަން ފާހަގަ ކުރައްވަމުން ރައީސް މައުމޫން ވިދާޅުވީ ޑިމޮކްރަސީއަކީ ރައްޔިތުންގެ ވެރިކަމެއް ކަމަށާއި އެންމެ ބާރުގަދަ ފަރާތަކީ ވެސް ރައްޔިތުން ކަމަށެވެ. ނަމަވެސް މިއަދު ފެނިގެން ދަނީ ރައްޔިތުންގެ ފައިސާ އިން މަސައްކަތް ކުރުމަށް އިންތިހާބު ކުރާ ފަރާތްތައް އެ ފައިސާ ބޭނުންކޮށްގެން މަހުޖަނުންނަށްވާ މަންޒަރު ކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ.

އޭގެ އިތުރުން ޑިމޮކްރަސީ ދުވަހާ ކުރިމަތިލާ އިރު މަޖިލީހާއި ޝަރުއީ ނިޒާމް އޮތީ ހައިޖެކްޓު ކުރެވިފައި ކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ. އޭގެ އިތުރުން މިނިވަން މުއައްސަސާތަކުގެ މިނިވަން ކަމާމެދު ސުވާލު އުފެދޭ ކަމަށާއި މިކަންކަން އިސްލާހުކޮށް ގައުމު ހަމަ މަގަށް އަޅަން ޖެހޭ ކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ.