ހަބަރު

މޯލްޑިވްސް ޓްރެެވެލް އެވޯޑްސްގައި ޓްރިޕް އެޑްވައިޒާ ގެ ރޭޓިން ބޭނުންކުރަނީ

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވެލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް( މާޓާޓޯ) އިން ބާއްވާ ' މޯލްޑިސްވްސް ޓްރެވެލް އެވޯޑްސް 2017' ގެ ބައެއް ކެޓަގަރީ ތަކުން ވަނަ ތައް ކަނޑައެޅުމުގައި ދުނިޔޭގެ އެންމެ ބޮޑު ޓްރެވެލް ވެބްސައިޓް ' ޓްރިޕްއެޑްވައިޒާ" ގެ ރިވިއު ރޭޓިން ބޭނުން ކުރަން ނިންމައިފިއެވެ.

މަޓާޓޯއިން މިއަދު ބުނީ އެކަަމަށް ޓަކައި އެ ޖަމިއްޔާއާއި ޓްރިޕްއެޑްވައިޒާއާ ދެމެދު މެމޯރެންޑަމް އޮފް އަންޑަސްޓޭންޑިން ( އެމްއޯޔޫ) އެއްގައި ސޮއިކޮށްފައިވާ ކަމަށެވެ. މަކާއޯގައި މިހާރު ކުރިއަށްދާ ' ޕާޓާ ޓްރެވެލް މާޓް' ގެ ހަވާސާގައި ބޭއްވި ރަސްމިއްޔާތެއްގައި އެއް އެއްބަސްވުމުގައި މަޓާޓޯގެ ފަރާތުން ސޮއިކުރެއްވީ އެ ޖަމިއްޔާގެ ރައީސް އަބުދުﷲ ގިޔާސް ރިޔާޒެވެ. އަދި ޓްރިޕްއެޑްވައިޒާގެ ފަރާތުން ސޮއިކުރެއްވީ ހެޑް އޮފް ޑެސްޓިނޭޝަން މާކެޓިން އޭޝިއާ އެންޑް ޕެސިފިކް ސާރާ މެތިއުސް އެވެ.

މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން ޓްރިޕް އެޑްވައިޒާގެ ރިވިއު ރޭޓިން ބޭނުންކުރާނީ މޯލްޑިވްސް ޓްރެވެލް އެވޯޑްސްގައި ހިމެނޭ 50 ކެޓަގަރީގެ ތެރެއިން 30 ކެޓަގަރީއެެއްގައެވެ. އެ 30 ކެޓަގަރީން ވާދަކުރާ ފަރާތްތަކަށް ޓްރިޕްއެޑްވައިޒާ ރިވިއު ރޭޓިން އަށް ބަލައިގެން ދޭނީ ޖުމްލަ ސްކޯގެ 40 ޕަސެންޓެވެ. އެ 30 ކެޓަގަރީން ވޯޓްލައިގެން އެވޯޑް ލިބޭ ފަރާތްތައް ކަނޑައެޅުމަށް ނޮމިނީން ޝޯޓްލިސްޓް ކުރާނީ ވެސް ޓްރިޕް އެޑްވައިޒާ ރޭަޓިންއަށް ބަލައިގެންނެެވެ.

މަޓާޓޯއިން ބުނީ ޓްރިޕް އެޑްވައިޒާގެ ބޭނުން އެގޮތަށް ކުރުމަކީ މޯލްޑިވްސް ޓްރެވެލް އެވޯޑް ހަރަކާތަށް މަންފާކުރާނެ ކަމެެއް ކަމަށެވެ.

މަޓާޓޯއިން މިއަހަރު ބާއްވާނީ މޯލްޑިވްސް ޓްރެވެލް އެވޯޑްގެ ތިން އެޑިޝަނެކެވެ. އެއީ ޕީޕަލްސް އެޑިޝަނާއި ގާލާ އެޑިޝަނާއި ގެސްޓްހައުސް އެޑިޝަނެވެ.